އޯ ލެވެލްގައި ނަތީޖާ ވަރަށް ރަނގަޅެވެ. މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނުނެވެ. އޭލެވެލް ގެ ދެ އަހަރު ފުރިހަމަކޮށްވެސް ރާއްޖޭގެ އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނުނެވެ. ސްކޮލަޝިޕްއެއްގެ ދަށުން މިހާރު ހުރީ ރާއްޖޭން ބޭރުގައި މެޑިސިން ހަދާށެވެ. މިއީ އޭ ލެެވެލް ހަދާ ރަނގަޅު ނަތީޖާއެއް ހޯދާ ސްކޮލަޝިޕްއެއްގެ ދަށުން މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެއްސެއްގެ ވާހަކަ އެވެ.
ދެން އަނެއްކާ ވެސް މި އޮތީ އެހެން ދަރިވެރެއްގެ ވާހަކަ އެވެ. އޯ ލެވެލްގައި ރަނގަޅު ނަތީޖާ އަކާއެކު އޭލެވެލް އަށް ދިޔަ ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނުލިބުނެވެ. ދެ އަހަރު ބޭކާރު ގޮތުގައި ހޭދަކުރުމަށްފަހު ދެން ދިޔައީ ޔުނިވާސިޓީއަށެވެ. އަނެއްކާ އިތުރު އެއް އަހަރު ހޭދަކޮށް އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށް ޑިގްރީއަށް ދިޔައީ އެވެ. މަތީ ސާނަވީއަށް ދިޔުމަށް އޭނާ ކަޑައްތު ކުރަން ޖެހުނީ ދިގު މަގެކެވެ.
މި ދެ ހާދިސާއަށް ބަލާލުމުން ދެން އުފެދެނީ ސުވާލެކެވެ. އޭ ލެވެލް ހަދަން ދެ އަހަރު ހޭދަކުރާނެއް ހެއްޔެވެ؟ ވަންނަންވީ ހައި ސްކޫލަށް ހެއްޔެވެ؟ ނުވަތަ ޔުނިވާސިޓީއަށް ހެއްޔެވެ؟ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ލިބެން ކައިރިވެ އޭ ލެވެލްގެ ކިޔެވުން ފެށޭ ދުވަސް ކައިރި ވާތީ ގިނަ ދަރިވަރުން މިހާރުދަނީ މިކަމަށް ބަހުސް ކުރަމުންނެވެ. އޭ ލެވެލް މުހިންމު ހެއްޔެވެ؟ ނުވަތަ ބޭކާރު ހެއްޔެވެ؟
އޭ ލެވެލް ވަރަށް މުހިންމު!
ކިތަންމެ ރަނގަޅު ނަތީޖާ އަކާ އެކީ އޯލެވެލް ނިންމާލިއަސް ކުރިއަށް ދާންވީ ދާއިރާ ނޭންގޭ ކުދިން ވަރަށް ގިނަ އެވެ. މިފަދަ ކުދިންނަށް އޭ ލެވެލް އަކީ މުހިންމު ދެ އަހަރަށް ވާނެ އެވެ. ރަނގަޅު ފައުންޑޭޝަނެއް އެޅުމަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ އެވެ. ކުއްޖާގެ ވިސްނުން ތަރައްގީވެ މުޖުތަމައަށް ލޯ ހުޅުވިގެންދެ އެވެ. މުޖުތަމައަށް ނުކުންނަ އިރު ގިނަ ކަންތައްތަކެއް ދަސްވެ އިތުރު އެތައް ފުރުސަތުތަކެއް އެކުއްޖާއަށް ލިބިގެންދެ އެވެ. ޔުނިވާސިޓީއަށް ވަންނަން ކަމަށްވިޔަސް އަދި ވަޒީފާގެ މާހައުލަށް ބެލި ނަމަވެސް އެ ހަގީގަތް އޮތީ އެހެންނެވެ. މީގެއިތުރަށް ކުރިއަށް ދާންވީ ދާއިރާއެއް އިހްތިޔާރު ކުރަން ފަސޭހަވެ ކުރިއަށް ދާންވީ މަގު ސާފުވެގެންދާނީ އޭލެވެލްގެ ތެރެއިންނެވެ.
"އޯލެވެލް ހަދާފައި ކުއްޖަކު ބޭނުންވީ މިސާލަކަށް އޭސީސީ ހަދަން. އޭނަ ފަހުން ފޫހިވެދާނެ. ދެން އޭނަ ބޭނުންވީ އެހެން ދާއިރާއަކުން ކުރިއަށްދާން. އެކައުންޓިން އެއް ނޫނޭ ތިމަންނަ އަސްލު ކުރިއަށްދާން ބޭނުންވާ ދާއިރާއަކީ. އޭ ލެވެލް ނުހަދާ ހުރީމަ އަނެއްކާ އެކުއްޖާއަށް ޖެހެނީ ކުރިއަށްދާން ބޭނުންވާ ދާއިރާ އިން އަލުށް ފަށަން. އެކަމަކު އޭ ލެވެލް ހެދީމަ ކޮންމެ ދާއިރާއަކުންވެސް ބެޗިލާސް އަށް ދާންވީ ޑައިރެކްޓް ކޮށް،" އޭ ލެވެލް ހެދުމާއި ބެހޭ ގޮތުން ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަންގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވި އެވެ.
އޭ ލެވެލް މުހިންމުވާ އަނެއް ސަބަބަށް ބަލާއިރު އޭ ލެވެލް ހަދައިފިނަމަ ފައުންޑޭޝަން ނުހަދާ ބޭނުން ކޮންމެ ދާއިރާއަކުންވެސް ޑިގްރީ ހެދުމުގެ ފުރުސަތު ލިބިގެންދެ އެވެ. ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކުން ވެސް އެންމެ ދަށްވެގެން އޭ ލެވެލްގެ ދެ މާއްދާއިން ފާސްވެއްޖެ ނަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. އޭ ލެވެލް ނިންމާފައި ޑިގްރީ ކޯހުގައި ބައިވެރިވާ ކުދިންނަށް ކޯސް ފުރިހަމަ ކުރުމަށްވެސް ބޮޑު ފަސޭހަތަކެއް ލިބިގެންދެ އެވެ. އެއީ، އޭ ލެވެލްގެ ތެރެއިން ގިނަ ދާއިރާތަކުން މައުލޫމާތު ލިބިފައި ހުންނާތީ އެވެ. އޭ ލެވެލް ނިންމާއިރު މަތީ ތައުލީމަށް ކުއްޖާ ތަމްރީނު ކޮށްލާނެ އެވެ. އެކަމަކު އެއީ ރަނގަޅު ނަތީޖާއެއް ހޯދޭނެ ނަމަ އެވެ.
"މީގެ ދެ އަހަރު ކުރިން އޭލެވެލް ނިންމާފައި ކުއްޖަކު ޖޮއިން ކުރީ ޕައިލެޓް ކޯހަށް. އެ ކޯސް އޭނަ ނިންމި އެއް އަހަރުން. އެކަމަކު އޭނަ އެތަނަށް ވަން އިރުވެސް ހަދަމުންދިޔަ ކުދިން ވަރަށް ސްޓަރަގަލް ކުރި. ގިނަ ކުދިން ނުއެއް ނިންމަ. އެހެންވީމަ އެ ފަސޭހަކަންވެސް ކުއްޖަކަށް އޭ ލެވެލް ހުރީމަ އެ ކޮންފިޑެންޝިއަލިޓީ އާ އެ ނޮލެޖް ބޭނުންކޮށްގެން އޭނަ އަށް ފަސޭހަވޭ ކުރިއަށް ހުރި މަރުހަލާތަކުގައި އެ އެޕްލިކޭޝަންސް ބޭނުންކޮށްގެން ކޯސް ނިންމާލަން." ސޮފޫރާ ވިދާޅުވި އެވެ.
ކުއްޖާ ކުރިއަށް ދާންވީ ދާއިރާ އޯ ލެވެލް ނިންމާއިރު ކަނޑައެޅި ނަމަވެސް ކުރިއަށްދާން ބޭނުންވާ ދާއިރާގެ ގޮތުން އޭ ލެވެލް މުހިންމު ވެގެންދެ އެވެ. މިސާލަކަށް މެޑިސިން ހަދަން ބޭނުންވާ ކުއްޖެއް ނަމަ އޭ ލެވެލް ނުހަދާ ހުރެއްޖެނަމަ އެ ފެންވަރުގެ ކޯހެއް ޔުނިވާސިޓީތަކުގައި ހަދަން ޖެހެ އެވެ. ތައުލީމީ ދާއިރާގެ ގިނަ ބޭފުޅުން ސިފަ ކުރައްވަނީ އެފަދަ ކޯހަކުން ލިބޭ މައުލޫމާތަށްވުރެ އޭ ލެވެލް ހެދުމުން ކުއްޖާއަށް ލިބޭ މައުލޫމާތު މުއްސަނދިވެފައި އިތުރު ކަމަށެވެ. އެހެންކަމުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ކުއްޖާއަށް މުހިންމު އެވެ. އަދި މީގެ އިތުރުން އޭ ލެވްލް އަކީ ސްކޮލަޝިޕް ހޯދުމަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ސަރުކާރު ސްކޮލަޝިޕްތައް އަދި އަމިއްލަ ފަރާތްތަކުން ދޭ ސްކޮލަޝިޕްތައްވެސް ދިނުމުގައި ބޮޑަށް އިސްކަންދެނީ އޭ ލެވެލް ނިންމާފައި ހުންނަ ކުދިންނަށެވެ. މިހާރަކަށް އައިސް ވަޒީފާތަކަށް ނެގުމުގައި ވެސް އޯލެވެލް ފެންވަރަސް އިސްކަންދެ އެވެ.
"އަޅުގަނޑަށް ވަރަށް މުހިންމު އޭ ލެވެލް ހެދުން. އޭ ލެވެލް ހެދީމަ ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދަން ވަރަށް ފަސޭހަ. ސަރުކާރުންދޭ ސްކޮލަޝިޕްތައް ހޯދަންވެސް. އަޅުގަނޑުމެންނާއެކީ މެޑިސިން ހަދަން އުޅޭ ބައެއް ކުދިން ޑިގްރީއަށް ޖޮއިންކުރީ ޔުނިވާސިޓީން ދޭ އެހެން ކޯހެއް ފުރިހަމަކޮށްފައި. އެކުދިންނަށްވުރެ އަޅުގަނޑުމެންނަށް ފަސޭހަ ކިޔެވުމުގައިވެސް. އަދި އޭ ލެވެލް ހެދީމަ ފާހަގަކުރެވުނު އެހެން ކަމެއްވެސް. ލީޑާޝިޕް ވަރަށް ރަނގަޅުވި. ސްކޫލްގެ ހަރަކާތްތައް ރާވާ ހިންގާ މީހުންގެ ތެރޭގައި ވާހަކަ ދައްކާ ހަދަން ކެރެންފެށި" ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ކުއްޖަކު ބުންޏެވެ.
އޭ ލެވެލް ބޭކާރު! މިވެސް ވާހަކައެއް
އޯ ލެވެލް އިމްތިހާނު ނިންމާފައި ގެއަށް އައި އިރު އެކުއްޖާ ބޭނުންވީ ގާނޫނީ ވަކީލަކަށްވެ، އެ ދާއިރާއިން ކުރިއަށް ދާށެވެ. ކުރިއަށް ދާންވީ މަގު އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ރަނގަޅު ނަތީޖާއެއް އޯ ލެވެލްގައި ލިބުމުން އެއް އަހަރުން އެޑްވާންސް ނިންމާލައި ޑިގްރީއަށް ދާންވީ އެވެ. ގާނޫނީ ވަކީލު، އެކައުންޓިން، ނަރުސް ކަން ނުވަތަ ޓީޗިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުއްޖެއް ކަމުގައިވާ ނަމަ އޭނަ އަށް އޭ ލެވެލް މުހިންމެއް ނޫނެވެ. އަދި އޭ ލެވެލް އިން އެންމެ ރަނގަޅު ނަތީޖާއެއް ނުގެނެވޭނެކަން ޔަގީންވާނަމަ އޭ ލެވެލް ހެދުމުގެ ބޭނުމެއް ނެތެވެ. އެވާނީ ހަމަ ބޭކާރު ދެ އަހަރަށެވެ.
ރާއްޖޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އޯ ލެވެލް ނިމުނުއިރު ކުރިއަށް ދާންވީ ދާއިރާ ކަނޑަޅާ ނިމިއްޖެ އެވެ. އެއީ ނަރުސް ކަމެވެ. އެކަމަކު އޭނަ އިހްތިޔާރުކުރީ އޭ ލެވެލްގެ ދެ އަހަރު ނިންމާލުމަށްފަހު ޑިގްރީ ކޯހުގައި ބައިވެރިވާށެވެ. ނަމަވެސް ވަގުތުތަކެއް ބޭކާރު ކުުރުމުގެ ބަދަލުގައި އެޑްވާންސް ނިންމާލާފައި ނަރުސްކަމުގެ ޑިގްރީގައި ބައިވެރިވެއްޖެ ނަމަ އެއް އަހަރު ބޭކާރުވެގެން ދިޔަ ނުދީ ސަލާމަތް ކުރެވޭނެ އެވެ.
"އޭލެވެލްވެސް މުހިންމު. އެކަމަކު އެކުއްޖާއަށް ރަނގަޅު ނަތީޖާއެއް ނުގެނެވޭނަމަ އެންމެ ރަނގަޅީ ސީދާ ކޯހަކަށް ދިއުން. ދެން އަނެއްކާ އެކުއްޖަކު ކިޔަވާ ކެރިއާ ވައިސްއަކުން އޭތި އިމްޕޯޓެންޓް ވާނީ. މިސާލަކަށް އޭސީސީއޭ ހަދަން ބޭނުންވާ ކުއްޖަކު ނަމަ ހަމަ މޮޅު ކުއްޖެއް ވިޔަސް ކޮންމެހެން އޭ ލެވެލް ހަދާކަށް މުހިންމެއް ނޫން. އެކުއްޖަކު ބޭނުންވާ ކެރިއާ އޮޕްޝަން އަށް އޭތި ޑިޕެންޑްވާނީ އަސްލު" ސީއެޗްއެސްސީގައި އަހަރު ތަކެއް ވާންދެން ސްޓެޓިސްޓިކްސް ކިޔަވައިދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ޓީޗަރަކު ބުންޏެވެ.
އެހެން ވީމާ އެ ކުއްޖަކު ކުރިއަށް ދާނެ ދާއިރާއަކަށް ބަލައި އޯލެވެލް ހެދުން މުހިންމެވެ. ބައެއް ދާއިރާތަކުން ކުރިއަށް ދާން ބޭނުން ނަމަ އޯލަވަލް ނިންމާލާފައި ސީދާ ޔުނިވަސިޓީއަށް ގޮސްގެން ފައުންޑޭޝަނަށް ފަހު ދެން ކުރިއަށް ދިޔުން މާ މުހިންމެވެ.
"ލޯ ހަދާ ކުއްޖަކު ނަމަވެސް މުހިންމެއް ނޫން އޭ ލެވެލް ހެދުމެއް. ޔޫކޭ ތަންތާގައިވެސް ލޯ ހަދާ ކުދިން އޭ ލެވެލް އެއް ނުހަދާ. ސީދާ ޔުނިވާސިޓީއަށް އެކުދިން ޖޮއިން ކުރަނީ." ސޮފޫރާ ވިދާޅުވި އެވެ.
އޭ ލެވެލް ހަދަން ބޭނުންނުވި ނަމަވެސް މައިންބަފައިންގެ ނުފޫޒުގައި އޭ ލެވެލް ހަދާ ކުދިންވެސް މަދެއް ނޫނެވެ. އެހެންވުުމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުނެރެވި ދެ އަހަރު އެންމެ ރަނގަޅަށްވެސް ބޭކާރު ކޮށްލެވެނީ އެވެ. މައިންބަފައިންގެ ނުފޫޒު ގިނަ ފަހަރަށް ކުދިންގެ މައްޗަށް އަންނަނީ މިކަމާއި ގުޅޭގޮތުން މުޖުތަމައުގެ ވިސްނުން އެންމެ ރަނގަޅު ނޫން ވީމަ އެވެ. ގަބޫލު ކުރަން ބޭނުން ނޫންވި ނަމަވެސް ރާއްޖޭގެ މި މުޖުތަމައު ގަބޫލުކުރާ ގޮތުގައި ވިއްޔާ އޯ ލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާލިބޭ ކޮންމެ ކުއްޖަކީ އޭ ލެވެލް ހަދަން ޖެހޭ ކުއްޖެކެވެ. އޭ ލެވެލް ނުހަދާ ކޯސް ހަދަން ޔުނިވާސިޓީއަށް ވަންނަ ކުއްޖާއަކީ "ޔޫ ސެޓު" ހިފައިން ސްކޫލުން ނުކުތް ކުއްޖެއް ގޮތުގައި ލޭބަލް ކުރެވިގެންދެ އެވެ.
"އަހަރެންވެސް ހެދިން އޭ ލެވެލް. 10 ނިމުންއިރުވެސް ވާން ބޭނުންވީ ލޯޔަރަކަށް. އެކަމަކު މަންމަމެން ބޭނުންވީ އޭ ލެވެލް ހަދަން. އެހެންވެ އޭ ލެވެލް ހެދީ. އެކަމަކު ފާހެއް ނުވި. ދެ އަހަރު ބޭކާރުވީ. އަނެއްކާ އެއް އަހަރުގެ އެޑްވާންސެއް ހަދައިގެން ޑިގްރީއަށް ދެވުނީ" އޭލެވެލް އިން އެންމެ ރަނގަޅު ނަތީޖާއެއް ނުލިބުނު ކުއްޖަކު ބުންޏެވެ.
މިހާރު ގޮތެއް ނިންމަން ފަސޭހަ ވެއްޖެ ހެއްޔެވެ؟ ކުރިއަށް ދާން ބޭނުންވާ ދާއިރާ ކަނޑައެޅިއްޖެ ހެއްޔެވެ؟ ކުރިއަށް ދާން ބޭނުންވާ ދާއިރާ ކަނޑަނޭޅޭނަމަ އަދި ސްކޮލަޝިޕެއްގެ އެހީގައި ރާއްޖެއިން ބޭރުން ކިޔަވަން ބޭނުން ކުއްޖަކު ނަމަ އޭލެވެލް އަށް ތައްޔާރުވާށެެވެ. އޭލެވެލް ވަރަށް މުހިންމެވެ. ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ ޔަގީންކަންވެސް އޮންނަންވާނެ އެވެ. އޭ ލެވެލް އިމްތިހާނު، އޯ ލެވެލް އިމްތިހާނު އެތައް ހާސް ގުނައެއް އުނދަގުވާނެ އެވެ. ސިލަބަސްވެސް ބޮޑުވެފައ އުނދަގޫވާނެ އެވެ. އެހެންކަމުން އޭލެވެލް އިހްތިޔާރު ކުރަންވާނީ ވަރަށް ވިސްނާފަ އެވެ. ނޫނީ ތީ ބޭކާރު ކޮށްލެވެނީ އަަހަރު ތަކެކެވެ.
ކުރިއަށް ދާން ބޭނުންވާ ދާއިރާ ކަނޑައަޅާފައިވާނަމަ މިހާރުއްސުރެ ޓާގެޓަކީ ޔުނިވާސިޓީއަކަށް ވަދެ ދާއިރާތަކުން ކުރިއަށް ދިޔުމެވެ. ރާއްޖޭގެ ޔުނިވާސިޓީތަކުންވެސް މިހާރު ގިނަ ދާއިރާތަކުން މަތީތައުލީމް ހާސިލްކުރެވެ އެވެ. އޯ ލެވެލް ނަހަދާ އެޑްވާންސް ނުވަތަ ފައުންޑޭޝަން ހެދުމަށްފަހު ޑިގްރީ ނިންމި ކަމުގައިވިޔަސް އެއަށްވުރެ މަތީ ތައުލީމް ހާސިލްކުރަން ބޭރުގެ ޔުނިވާސިޓީތަކުން ފުރުސަތު ހޯދަން އުނދަގުލެއް ނޫނެވެ.