ވިޔަފާރި

ޓީޓީއެމް ފެއާގެ ބައްދަލުވުތައް ރާވާނީ ހާއްސަ ސޮފްޓް ވެއާއަކުން!

Jan 12, 2017
2

ޖުލައި މަހު އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ބައްދަލުވުންތައް ރާވަން ހާއްސަ ސޮފްޓް ވެއާއެއް ނެރެފި އެވެ.

ޓީޓީއެމް ފެއާގެ މީޑިޔާ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް ސީއޯއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ މި ސޮފްޓް ވެއާއަކީ ބައްދަލުވުމުގައި އޮންނަ ބައްދަލުވުންތައް ދުރާލާ ރާވާލަން ހާއްސަ ސޮފްޓްވެ އާއެއް ކަމަށެވެ.

"މި ސޮފްޓް ވެއާ މެދުވެރިކޮށް ފެއާގެ އެކި މީޓިންތައް ރާވާލެވޭނެ. މީގެ އިތުރުން ފެއާގައި ބައިވެރިވާ ރިސޯޓުތަކުގެ ޕްރޮފައިލްތައް މީގައި ހިމެނޭނެ،" ސަނީ ވިދާޅުވި އެވެ.

"ކަނެކްޓް" ގެ ނަމުގައި ނެރުނު މި ސޮފްޓްވެއާ މެދުވެރިކޮށް އެއް ފަހަރާ 5،000 ބައްދަލުވުން ރާވާލެވޭނެ އެވެ. އަދި މި ނިޒާމު މެދުވެރިކޮށް ރިސޯޓުތަކުގެ ޕްރޮފައިލްތަކާއި ފޮޓޯ އަދި ވީޑިއޯ ތަކުގެ އިތުރުން ނޫސް ބަޔާންތައް ވެސް ފެންނާނެ އެވެ.

ދިވެހި ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްއިން ބާއްވާ މި ޓޫރިޒަމް ފެއާ އޮތީ މި އަހަރުގެ ޖުލައި މަހުގެ 12-13 އަށް ދަރުބާރުގޭގަ އެވެ. މި ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ.