ވިޔަފާރި

ސައުންޑްސް އޮފް މޯލްޑިވްސްއަށް ސިންގަޕޫރުން ހާއްސަ ޒޯނެއް!

Jan 12, 2017
  • ސައުންޑް އޮފް މޯލްޑިވްސް އަންނަ މަހު
  • މި އަހަރު ބާއްވަނީ ސިންގަޕޫރުގައި
  • މި އަހަރު ޓޫރިޒަމް އިވެންޓެއްގެ ގޮތުގައި

އަންނަ މަހު ސިންގަޕޫރުގެ ޑައިވް ރިސޯޓު ޓްރެވަލް (ޑީއާރުޓީ) އެކްސްޕޯގައި އޮންނަ ރާއްޖޭގެ ސައުންޑްސް އޮފް މޯލްޑިވްސްގައި ރާއްޖެއަށް ހާއްސަ ޒޯނެއް ދީފި އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް ބާއްވާ ހައިރައިޒްއިން ބުނީ ޑައިވް އެކްސްޕޯ ފެއާގައި ހުންނަ ރާއްޖޭގެ ސަރަހައްދުގައި މިއުޒީޝަނުންނާއި އާޓިސްޓުންގެ އިތުރުން ރިސޯޓުތަކާއި ޓޫރިޒަމް ކުންފުނިތައް އަދި ގެސްޓްހައުސްތަކުން ވެސް ބައިވެރިވާނެ ކަމަށެވެ. އަދި މި އަހަރުގެ ސައުންޑް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސާއަކީ ކާނި ހޮޓެލްސް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފެއާގެ ބައެއް ބައިވެރިން

  • ކާނި ހޮޓެލްސް
  • ރިވަރިސް، ލާމު
  • ކެޕޮޓަލް ޓްރެވަލް
  • ޑައިވް ކްލަބް މޯލްޑިވްސް
  • ކްރެކެން އެޑްވެންޗާސް
  • ޑައިވް އޯޝަންސް
  • އެއިމޯ ޓްރެވަލްސް
  • އެޓޯލް ހައިކާ
  • ސްކޫބާ ސްޕާ
  • މޯލްޑިވްސް ކަލެކްޝަން

ޑީއާރުޓީ އެގްޒިބިޝަންއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބާއްވާ ބޮޑު ފެއާ އެކެވެ. މި އަހަރުގެ މި ފެއާ އޮތީ ސިންގަޕޫރުގަ އެވެ. މީގެ ކުރިން މިފެއާ ފިލިޕީންސްގެ މެނީލާ އާއި ހޮންކޮގް އާއި ޝެންހާއީގައިވެސް ބޭއްވި އެވެ.

ހައިރައިޒްއިން ސިންގަޕޫރުގައި ސައުންޑްސް އޮފް މޯލްޑިވްސް މި އަހަރު ބާއްވާއިރު، މީގެ އަހަރެއް ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެ އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެންގްލޫރުގައި ވެސް ބާއްވާފައިވެ އެވެ. މިދިޔަ އަހަރު ތައިލެންޑްގައި ވެސް ބާއްވަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެ ގައުމުގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ގައުމުގައި ހިތާމަފާޅުކުރުން ކުރިއަށް ދާތީ އެ ޝޯ އެ ގައުމުގައި ނުބާއްވަން ނިންމީ އެވެ.