ވާހަކަ

މުޅިޖާންހިތާ

(10 ޖެނުއަރީ 2017 އާ ގުޅޭ)

"އެ މަސްކޮޅު މަދުކަމުން ރިހައިގައި މަސްކޮޅެއް ނުހުންނާނެތީވެ ވަޅޯމަހުގައި މުގުރިހަ ކެއްކީ... ކުޅިމަސް ހަދަން ވެސް މަދުވާނެތީވެ ތެލުލީ..." އައިރާއަށް މާކުރީން ވެސް ހިޝްމާ ފާޑުކިޔާނެކަން އެނގެއެވެ.

ހިޝްމާއާ ޒުވާބު ކުރާކަށް އައިރާ ބޭނުމެއްނޫނެވެ. ރުޅި އައިސްގެން ޖަދަލުކުރުމަކުން ވަކި އައިރާއަށް ކުރިއެއް ނުލިބޭނެއެވެ. މިއަދު އޭނާއަށް އެހާލުގައި ވެސް އުޅެވެނީ ތާއިބުއާއި ހިޝްމާ އެއްޗެހި ކިޔާފައި ވެސް ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުންނެވެ. ނުރުހުންވެ ތިބެ ވިޔަސް އެމީހުން އައިރާގެ އުމުރުން ހަތް އަހަރުން ފެށިގެން އޭނާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ހައިހޫނުކަން ފިލުވައިދިނުމާއި އުނުއޮރިޔާން ނިވާކޮށްދިނުމުގެ އިތުރުން ސުކޫލަށް ފޮނުވައި ގުރޭޑު ދިހައަކާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދިނެވެ. ރަށު ރައްޔިތުންގެ ކުރިމަތީ އަމިއްލަ ގަދަރާއި ޢިއްޒަތް ހިފަހެއްޓުމަށް ޓަކައި ވިޔަސް ތާއިބުއާއި ހިޝްމާ އެވަރުކޮށްދިނީތީ އައިރާގެ ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އެ ހުރިހާކަމެއް އެގޮތަށް ހުރި ނަމަވެސް އައިރާއެކޭ އެ ގޭގައި ގެންގުޅޭ ކުއްޖެކޭ ތަފާތެއްނެތެވެ. އޭނާއަށް އެ ގޭގައި ނިދުމަށް ހުންނަނީ ހަތްފޫޓު ފުޅާ ނުވަފޫޓު ދިގު ގުދަނެއް ފަދަ ކޮޓަރިގަނޑެކެވެ. އޭނާ ބޭނުންކުރާ ހުރިހާ އެއްޗެއް ހުންނަނީ އެ ކޮޓަރީގައެވެ. ހެދުން ހޯދައިދެނީ ހިޝްމާއެވެ. އެވެސް ބަލާލަން ހުތުރުހެން ހީވާ ކަހަލަ އަގުހެޔޮ ފޮތި ގަނެގެންނެވެ. އައިރާ އަޅާ ހުރިހާ ހެދުމެއް ފަހަނީ ހިޝްމާ އަމިއްލައަށެވެ. އޭނާ ގަނެފައި ހުންނަ ފަހާފޮށީގެ ބޭނުން ހަމައެކަނި ކުރަންޖެހެނީ އެކަމުގައެވެ. ޚުދު ހިޝްމާގެ އަމިއްލަ ހެދުން ފަހަންވެއްޖެނަމަ އޭނާ ދަނީ ކޮންމެވެސް ފަހާ މީހެއްގެ ގާތަށެވެ. ފުރާވަރަށް އެޅުމާއެކު އައިރާގެ ބުރުސޫރަ ފެނި ހިޝްމާ ނިންމީ އައިރާ ބުރުގާ އަޅުވާށެވެ. ކަޅުކުލައިގެ ދެ ޝޯލްއާއި ތިނެސްކަން ބުރުގާއަކާއި މަޑުއޮރެންޖުކުލައަކަށްދާ ޝޯލެއް ފިޔަވައި ހިޝްމާ ދިން ބުރުގާއެއް އައިރާގެ އަތަކު ނެތެވެ. ދެން އޭނާގެ އަތުގައި ހުރީ އެކިފަހަރު މަތިން މަލީހާއާއި ލިޒީ ހަދިޔާއަކަށް ދީފައި ހުރި ބުރުގާއެވެ. ރީތިފޮތިކޮޅުތަކުގައި ހެދުން އެއްޗެހި މަލީހާ ފަހައިދެއެވެ. ފޮތިކޮޅު ހަވާލުނުކުރަނީ އޭގެ ރާހަތެއް އައިރާއަށް ނުލިބޭނޭކަން މަލީހާއަށް އެނގޭތީއެވެ. އައިރާއަށް މަލީހާ ފެނުމުން އޭނާގެ މަންމަ އާގިސާގެ މަތިން ހަނދާންވަނީ އެހެންވެއެވެ. މައެއްގެ ފުށުން ފެންނާނޭ އޯގާތެރިކަން މަލީހާގެ ފަރާތުން ފެންނާތީއެވެ.

ތާއިބުއާއި ހިޝްމާގެ ތިބެނީ ދެ އަންހެންކުދީންނާއި އެއް ފިރިހެންކުއްޖެކެވެ. އެންމެ ދޮށީ ޒީނިޔާއެވެ. އޭނާ އުޅެނީ ހިޝްމާގެ މައިންބަފައިންގެ ގާތުގައެވެ. އެންމެ ހަގު ދަރިފުޅު ޝަމްރާ ވިހަންވެގެން އެމީހުންގެ ގާތަށް ފޮނުވާލި ގޮތަށް ފަހުން ޒީނިޔާ ވެސް އެނބުރި އަންނަން ބޭނުންނުވީއެވެ. އެދުވަސްތަކުގައި ކިރިޔާ ވެސް އައިރާއަށް ހިތްހެޔޮކަމެއް ފޯރީ ޒީނިޔާގެ ފަރާތުންނެވެ. މެދަށް ހުރި ޝަމްއާނަކީ ސިޔާސަ ކުއްޖެކެވެ. ކުޑައިރު ވެސް އައިރާއަށް ކޮންމެވެސް ގޯނާއެއް ކޮށްލެވޭތޯ އޭނާ ބަލާނެއެވެ. ހިޝްމާ އުޅޭ ގޮތުން ހީވާނީ އޭނާގެ ތިބެނީ ހަމައެކަނި ޝަމްއާނާއި ޝަމްރާއާ ދެކުދީން ހެނެވެ. އެ ދެބެންދެކެ އެހާ ވެސް އޭނާ ލޯބިވެއެވެ.

"ދެން ތިތާ އަނގަނައިގެން ހުންނަންވީކީ ނޫން. ޝަމްއާނު މާދަމާ އޮފީހަށް ނުކުންނަންވާއިރަށް އޭނާގެ އެއްޗެހި އިސްތިރިކޮށްފިންތަ؟" ކަނާތުން ވައަތު މުލައްދަނޑީގައި ހިފަހައްޓާލައިގެން އިސްޖެހިފައި ހުރި އައިރާގެ ގާތުން ހިޝްމާ އެހިއެވެ.

"ހުރިހާ ކޮޓަރި ތަޅުލާފައެއްނު ދައްތަ ދިޔައީ..." މިފަހަރު ވެސް އައިރާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އާން! ތަޅުލާނެއެއްނު... އަހަރުމެން ނެތިސް ކޮންމެފަދަ އެއްޗެއް ވެސް ގެއްލިދާނެވިއްޔާ... ޝަމްއާނު އެބައުޅޭ ކޮޓަރީގައި... އޭނާ ގާތުގައި ބުނޭ، އިސްތިރިކުރާން ބޭނުންވާ ހެދުންތައް ދޭށޭ... ދެން ދޭ މިތަނުން..." ހިޝްމާ އަތަށް ގެނައި ހަރަކާތާއެކު ހީވީ އެތަނުގައި އިން މެއްސެއް ފޮޅާލަން އުޅުނުހެންނެވެ. އައިރާ އަވަސް އަވަހަށް ބަދިގެ ތެރެއިން ނުކުތެވެ.

"ކާކު.." ދޮރުގައި ޓަކިޖަހާ އަޑުއިވިގެން ޝަމްއާނު އަހާލިއެވެ.

"ދައްތަ ބުނެގެން... އޮފީސް ހެދުން އިސްތިރިކުރަން..." ފޫހިކަމުގެ އިތުރުން އައިރާގެ ނިތަށް ރޫގިނަކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.

"ވަދޭ..." ކޮޓަރިތެރެއިން ޝަމްއާނުގެ އަޑުއައެވެ. ފުންނޭވާއަކާއެކު ދެ ލޯ މަރާލާފައި އައިރާ ހުޅުވާލިއެވެ. އަދި ޝަމްއާނުގެ ކޮޓަރީ ތަޅުގައި ހިފަން ނުހިފަން އުޅެފައި ވެސް އެންމެފަހުން ހިފައި އަނބުރާލިއެވެ. އެއާއެކު ކޮޓަރިތެރެއަށް ވާގޮތަށް ދޮރުހުޅުވިއްޖެއެވެ.

އެނދުގެ ހުރަހަށް ފާރާއި ބުރަކަށްޓާއި ދޭތެރެއަށް ބާލީހެއް ލައްވާލައިގެން ޝަމްއާނު އޮތެވެ. ލާން ގެންގުޅުނު ޓީޝާޓު އެނދުގެ އެއްފަރާތުގައި ރީތިކޮށް ބާއްވާފައި އޮތެވެ. އުނގުމަތީ ބާލީހެއް ބާއްވާލައިގެން އޭގެ މަތީ ލެޕްޓޮޕް ބަހައްޓާލައިގެން ދެކަންފަތް ފޮރުވޭވަރުގެ ހެޑްސެޓެއް އަޅައިގެންނެވެ. އައިރާ ފެނުމާއެކު އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

"މާ ރީތި ހަށިގަނޑެއް ލިބިގެން ސައުވީސްގަނޑިއިރު އެ ސޭލް އެޅުވުން ނޫންކަމެއް މީނައަކަށް ނޯންނާނެ..." ޝަމްއާނު ފެނުމުން އައިރާއަށް އަމިއްލަ ނަފްސާ ވާހަކަދެއްކުނެވެ. ހަމަ އެހިނދު އޭނާ އިތުރަށް މޫނުކުނިކޮށްލިއެވެ.

"ހާއި ބިއުޓިފުލް... ތި ދޮރުލައްޕާލަބަލަ..." ވަޔަރލެސް ހެޑްސެޓު ކަނދުރާގައި އަޅުވާލަމުން ހިނިތުންވެލި ޝަމްއާނު ބުންޏެވެ. އަދި އުނގުގައި އޮތް ލެޕްޓޮޕު ބާލީހާއެކު އެއްފަރާތްކޮށްލަމުން އެނދުން ތެދުވިއެވެ.

ތާއިބުގެ ރީތިކަން ޝަމްއާނަށް ލިބިފައިވެއެވެ. އޭނާގެ ބޮލުގެ ފުށްކިބައަށް ތުނިކޮށް ނިތްމައްޗަށް ދިގުކޮށް ކޮށާފައި ހުރި ފަންއިސްތަށިގަނޑު ފަހަތަށް ވާގޮތަށް އޮމާންކޮށްލާފައިވެއެވެ. ޤަވާޢިދުން ފަތަން ދާތީ ހަށިގަނޑުގެ މަސްތައް ގޮޅިގޮޅިއަށް ބައިވެފައި ހުއްޓެވެ. އެނދުން ތެދުވުމާއެކު ޝަމްއާނުގެ ސޯޓު ތިރިއަށް ޖެހިލާ އޭނާގެ "ވީލައިން" ފާޅުވެގެންދިޔައެވެ. އެ ރަށުގައި ޝަމްއާނު ފެނި އޭނާއަށް ހިތްނުކިޔާ އަންހެންކުއްޖަކު މަދެވެ. އެފަދަ އަންހެންކުދީންގެ ހިތްތައް އެއްވެސް ރަހުމެއްނެތި އޭނާގެ މުށުތެރޭ ފިސްފިސްކުރަމުން ހިނގާއިރު ވެސް ޝަމްއާނުގެ އައިބެއް އެއިން އަންހެންކުއްޖެއްގެ ލޮލަށް ނުފެނެއެވެ.
"ދޮރެއްނުލެއްޕޭނެ... އިސްތިރިކުރަންވީ އެއްޗެހި ގެނޭ... އަވަސްކުރޭ..." ފޫހިކަމާއެކު މޫނު އަނބުރާލައިގެން ހުރެ އައިރާ ބުންޏެވެ. ގަސްދުގައި ޝަމްއާނަށް ބަލަން އައިރާ ބޭނުންނުވަނީއެވެ.

"އައި މިސްޑް ޔޫ... މުޅި ދުވަހު އެއްފަހަރު ވެސް ބިއުޓިފުލް ފެނިނުލާ..." އައިރާއަށް ބަލަން ހުރެ ޝަމްއާނު ބުނެލިއެވެ. އެ އަޑުއަހާކަށް އައިރާ އެއްގޮތަކަށް ވެސް ބޭނުމެއްނުވެއެވެ. ދެކަންފަތުގައި އަތްއަޅަން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ދެ ލޯ މަރާލާ ދަތްކުޑިވިކާލުން ފިޔަވާ އައިރާއަށް އިތުރުކަމެއް ނުކުރެވުނެވެ. ޝަމްއާނާ ދިމާއަށް ގޮވާލަން ބޭނުންވިހާ އެއްޗެހި ވެސް ހިތުގެ ތެރެއަށް ޖެހުނީ އޮއްބާލާށެވެ.

"އިސްތިރިކުރަންވީ އެއްޗެއްވިއްޔާ ދީބަލަ... ޕްލީޒް ޝަމްއާނު... އެހެންނޫނީ އަހަރެން ގޮސް ދައްތަ ގާތުގައި ބުނަންވީތަ؟" އައިރާ ހިތްހަމަނުޖެހޭގޮތް ދައްކާލިއެވެ.

"ކީކޭ ގޮސް ބުނާނީ... އެހެންނޫނަސް އަހަރެން ހީކުރީ މިހާ ދުވަސްވާއިރު މަންމަގެ ގޮތް އައިރާއަށް ހުންނާނީ ދަސްވެފައިކަމަށް... ޔޫ ނޯ ޝީ ވޯންޓް ބްލީވް އެނީތިންގ ޔޫ ސޭ..." ޝަމްއާނު ވާހަކަދައްކަމުން އައިރާއާ ގާތަށް ފިޔަވަޅު އަޅާލިއެވެ. އެހިނދު އައިރާއަށް ހިންދިރުވާލެވުނެވެ. އަދި ބޭއިޚްތިޔާރުގައި ފަހަތަށް ދޮރާ ދިމާއަށް ދެތިންފިޔަވަޅު އެޅުނެވެ.

"ޝަމްއާނު..." ކުއްލިއަކަށް ދޮރުމަތިން އިވިގެން ދިޔައީ ތާއިބުގެ ބާރު އަޑެވެ. ކޮޓަރީގައި ތިބި އައިރާއާއި ޝަމްއާނު ވެސް އެއްފަހަރާ ސިހިގެންދިޔައެވެ. ހަމަ އެވަގުތު ޝަމްއާނުގެ މޫނުމައްޗަށް ވެރިކޮށްލައިގެން ހުރި ހިނިތުންވުމާއި މަސްތުކަމުގެ އަސަރު ފިލާ ދިޔަތަން އައިރާ ދުށްޓެވެ.

"އައިރާ! މި ކޮޓަރީގައި ކީއްތަ ތިކުރަނީ؟" ތާއިބު ހަރުކަށިކަމާއެކު އެހިއެވެ.

"ދައްތަ.... ދައްތަ ބުނީ..."

"ބައްޕާ! އޭނަ އައީ އިސްތިރިކުރަން ހުރި އެއްޗެހި ބަލާ" އައިރާއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޝަމްއާނު އަވަސް އަވަހަށް ބުނެލިއެވެ.

"އެހެންވީރު ތި އެއްޗެއް އޭނާއަށް ދޭންވީނު" ޝަމްއާނަށް ބަލަން ހުރެ ތާއިބު ބުންޏެވެ.

އަލަމާރި ހުޅުވާލަފައި ޝަމްއާނު އޭނާގެ ގަމީހަކާއި ފަޓުލޫނެއް ނަގާ އައިރާއަށް ދިއްކޮށްލިއެވެ. އެއާއެކު އެ ތަކެތި ހިފައިގެން ހަލުވިކޮށް އެކޮޓަރިން ބޭރަށް ނުކުންނަން އައިރާ އައެވެ.

"އޯ ގޯޑް... ނަސީބެއް ބޭބެ އައިކަން... ޝަމްއާނަކާ ހެދި ބޯ ހަލާކުވާވަރުވޭ..." ހިތާހިތާ އެއްޗެހި ކިޔަމުން އައިސް އައިރާ އިސްތިރިކުރާ މޭޒުދޮށުގައި ހުއްޓުނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްޓަކައި އެންމެން ބަދިގޭގައި ތިބި ވަގުތު ބަލާ އައިރާ އަވަހަށް އައިސް އިސްތިރިކުރި އެއްޗެހި ޝަމްއާނުގެ ކޮޓަރިއަށް ވަދެ އަލަމާރި ކައިރީ ހުރި ހަރުގަނޑުގައި އަޅުވާފައިވާ ކޮނޑުތަކުން ކޮނޑެއްގައި އަޅުވާލިއެވެ. އަދި ބަދިގެ ފަރާތަށް އައެވެ. އޭރު ހިޝްމާއަށް ކަމުނުގޮސްގެން އުޅުނު ތެލުލި މަސްތަށި އެއްކޮށް ހުސްވެއްޖެއެވެ. މުގުރިހަ ތެލީގާ ވެސް ހުރީ މެދު ސައިޒުގެ ބޯތަށްޓެއްގެ ރިހައެވެ. ކެއްކި ބަތް އެތި ވެސް އެންމެން ކައިގެން ފޭބިއިރު ތެލީގެ އަރިމަތީ ހޭކިފައި ހުރި އެތިކޮޅު ފިޔަވާ އެއްވެސް އެއްޗެއް ނެތެވެ. އެންމެން އަތްދޮވެގެން ބަދިގެއިން ނުކުތުމާއެކު ތަށިތަކާއި ތެލިތައް ދޮވެ ބަދިގެ ސާފުކުރަން އައިރާ އުޅުނެވެ. ހުރިހާ ކަމެއް ކޮށްނިންމާލާފައި ތިރީ ކަބަޑެއްގެ ތެރެއިން ދަޅެއް ނަގައިގެން ގެނެސް ކާމޭޒު މަތީ ބަހައްޓާލިއެވެ. އަދި ކަޅުސައިތަށްޓެއް ހަދައިގެން އައިސް މޭޒުދޮށުގައި އިށީނދެ ދަޅުގައި ހުރި މުރަނަ ރޮށްޓާއި ކަޅުސައި ބޯންފެށިއެވެ. އެއީ އައިރާގެ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ސައިތަށި ހުސްވުމުން މުރަނަރޮށި އަޅާފައި ހުރި ދަޅު ނަގާ އެ ހުންނަ ތަނަށް ލާފައި ސައިބުއި ޖޯޑު ދޮވެފައި ބަދިގޭގެ ދޮރު ރަނގަޅަށް އައިރާ ލައްޕާލިއެވެ.

ދިހައެއް ޖެހިއިރު އައިރާ ކޮޓަރިއަށް ވަދެއްޖެއެވެ. އަވަހަކަށް ނުނިދޭނެކަން އެނގޭއިރު ވެސް އޭނާ އޮތީ ގޭތެރޭގައި ކުރަން އިތުރު ކަމެއް ދެން ނުހުންނާނޭތީވެ ކޮޓަރިން ނުނިކުންނާށެވެ. ހަމައެއާއެކު ކޮޓަރީގެ ދޮރު ތަޅުލެވުނުތޯ ދެތިން ފަހަރަށް ޗެކު ވެސް ކުރިއެވެ. ޝަމްއާނުގެ ފަރާތުން މިހާރު އައިރާއަށް ފޯރަނީ ކުޑައިރުގައި އޭނާ ކުރާ ފަދަ ގޯނާއެއް ނޫނެވެ. ގޭތެރޭގައި އަބަދުމެ އައިރާ ހުންނަންޖެހެނީ ސަމާލުވެއެވެ. ޝަމްއާނުގެ ހަރަކާތްތައް ހައްދުފަހަނައަޅައި ހިނގައިދާނޭތީ އެކަމާ ބިރުގެންފައެވެ.

"ހިޝްމާ... އަހަރުމެންގެ ހުރިހާ ކުދީން މިހާރު ބޮޑުވެއްޖެ... ޝަމްރާއަށް ވެސް ސާދައަހަރު ފުރިއްޖެ... އަހަންނަށް ފެންނަނީ އެހާ ބޮޑަށް ކުދީންނަށް މިނިވަންކަން ނުދޭން... ޝަމްއާނު މިހާރު އެ ހުރީ މީހަކާ އިންނަ ވަރު ވެފައި... އޭނާއަށް ވެސް އަހަރުމެން ބަލަންވާނެ..." ނިދަން އެނދަށް އަރާ އޮވެ ހިޝްމާގެ ގާތުގައި ތާއިބު ބުންޏެވެ.

"ޝަމްއާނަކީ ފިރިހެންކުއްޖެއްނު... ކޮންކަމަކާ ވިސްނަން އޮންނާނީ... ޝަމްރާ އަދި ނޫޅޭ އެކަހަލަ ގޮތަކަށް" ހިޝްމާ ބުންޏެވެ.

"ފިރިހެންކުއްޖަކަސް ބަލަންވާނެ... އަހަރެން އޭނާއަށް އާދައިގެ އަންހެންކުއްޖަކު ޚިޔާރުކުރާކަށް ފުރުޞަތެއް ނުދޭނަން... އަހަރެން ވަރަށް ބިރުގަނޭ މި އުޅޭ އައިރާއަށް ޝަމްއާނުގެ ހިތްކިޔާފާނެތީ..."

"އައްޗީޑި... ތާއިބު ވެސް ދައްކާ ވާހަކަ... އެ އައިރާއަކަށް އަހަރުމެންގެ ޝަމްއާނަކާ ދުވަހަކު ވެސް ނުގުޅެވޭނެ... އަހަންނަށް އަހަރެންގެ ދަރިފުޅު އެނގޭ... ޝަމްއާނު އެކަހަލަ މޮޔަ ޚިޔާލެއް ނުކުރާނެ..." އަނގަޔަށް ވައްތަރުތަކެއް ޖައްސާލުމާއެކު ހިޝްމާ ބުންޏެވެ.

* * * *

ނިޔާނުމެން އައިތާ ދެ ތިން ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭގޮތް ވެއްޖެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުރުފަހުގެ ވަގުތެއްގައި ސައިޓަށް ނިޔާނާއި ޖުވައިން އައިސް މަސައްކަތް ކުރިއަށްދާގޮތް ބަލައެވެ. އެތައް ސަތޭކަ ބިދޭސީންނަކާއި ހަވާލުވެގެން ހުރެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ޒިންމާދާރު ވަޒީފާއެކެވެ. މަސްދުވަސް ނިމިގެން ދިޔައިރު ސުޕަރމާކެޓުގެ ވަރުގަދަ ފައުންޑޭޝަން އަޅާ މަސައްކަތުގެ ދުވެލި އަވަސްވެއްޖެއެވެ. ނަމަވެސް ނިޔާނުމެންނާ ދެން ކުރިމަތިވީ މުސޫމުގެ ހުރަސްތަކެވެ. އެގޮތުން މިއަދު ވެސް ނިޔާނު މެން ތިބީ ވާރޭ ވެހޭތީ މަސައްކަތް ހުއްޓާލާފައި ގޭގައެވެ.

"ދައްތާ! މިހާރު ގޭގައި މިހެންތިބެތިބެ ފޫހިވެއްޖެ..." މެންދުރު ކައި ނިންމައިގެން ކާގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ ޖުވައިން ބުނެލިއެވެ.

"ލިޒީގެ ރައްޓެހިކުދީން އުޅޭނެ ބައިވަރު... އޭނާއާ ނިކަން ވާހަކަދައްކާލަބަލަ... ގުރޫޕުގަނޑު އެއްކޮށްލައިގެން ދަތުރެއް ނޫނީ މަސްފިހެލުމެއް ބާއްވަފާނެ... އެކަހަލަ ކަންކަމަށް ލިޒީ ވަރަށް ފޯރި ހުންނާނެ" ތަށިތައް ނަގަން އުޅުނު މަލީހާ ހިނިއައިސްފައި ބުނެލިއެވެ.

ސިޓިންރޫމު ދޮރުކަނީގެ އެއްފަރާތުގައި ނިޔާނު މަޑުކޮށްލައިގެން ހުރިއިރު ކުޑަދޮރުގައި ދެއަތް އަޅުވާލައިގެން ލިޒީ އޮތެވެ. ދެމީހުން ވެސް ވެހެމުންދިޔަ ވާރޭގަނޑުގެ ތެރެއަށް ގެއްލިފައި ތިބިކަހަލައެވެ.

"ލިޒީގެ ފުރެންޑު މިހާރު ހާދަ ނުފެނެޔޭ... ބަލިވީތަ؟" ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި ގޮތަށް ހުރެ ނިޔާނު އަހާލިއެވެ.

(ނުނިމޭ)