އިޒްރޭލް

ގެތައް ތަޅާތީ ފަލަސްތީނު މީހުން މުޒާހަރާއަށް ނުކުންނަނީ

ފަލަސްތީނު މީހުންގެ ގެދޮރު އިޒުރޭލުން ތަޅައި ސުންނާފަތި ކުރާތީ ފަލަސްތީނުގެ ކަންކޮޅުތަކުގައި މުޒާހަރާކު ރުމަށް ފަލަސްތީނު މީހުން ތައްޔާރުވެއްޖެ އެވެ.

މި މުޒާހަރާއަށް ދިއުމަށް ފަލަސްތީނު މީހުން ތައްޔާރުވީ އިޒުރޭލުން ފަލަސްތީނުގެ 11 ގެއެއް ތަޅައި ބިމާ ހަމަކޮށްލުމުންނެނެވެ.

"މި ޖަރީމާތަކާ މެދު އަހަރެމެން، އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ކުށްވެރިކުރަން. މިއީ އޭނާގެ ނަސްލީ ތަފާތު ކުރުމުގެ ވިސްނުން ދައްކުވައިދޭ އަމަލުތަކެއް،" ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ ހައި ފޮލޯ އަޕް ކޮމިޓީގެ ވެރިޔާ މުހައްމަދު ބަރަކާ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާންތަކާ ދެކޮޅަށް ތެދުވުމުގައި އެންމެން އެކަތިގަނޑަކަށް ވުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

އިޒުރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނު މީހުންގެ 100000 ގެ ތަޅާލާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. އެ އަދަދަށް ގެ ތަޅައިލުމުން ފަލަސްތީނުގެ ބައި މިލިޔަން މީހުން މަގުމަތިވާނެ އެވެ.

އިޒުރޭލުން ވަނީ މިދިޔަ އަހަރު އެކަނިވެސް އިރުމަތީ ގުދުސްގައިވާ ފަލަސްތީނުމީހުންގެ 1200 ގެ ތަޅައިލާފަ އެވެ. އަނެއްކޮޅުން އެމީހުން އަންނަނީ އިރުމަތީ ގުދުސްގައި ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ޔަހޫދީންނަށް ގެތައް އަޅަމުންނެވެ.

އިރުމަތީ ގުދުސްގައި ޔަހޫދީ އާބާދީތައް ހެދުން ހުއްޓައިލުމަށް ގޮވާލައި ގަރާރެއް ޔޫއެންގެ ސަލާމަތީ މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެގަރާރަށް ބޯނުލަނބާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.