ލައިފްސްޓައިލް

ބަރުދަނުގައި 440 ކިލޯގްރާމް: މިއީ ޕާކިސްތާނުގެ ހަލްކު

Jan 12, 2017

އިސްކޮޅުން، ހަ ފޫޓަށް ވުރެން އޭނާ ދިގެވެ. ބަރުދަނުގައި މިހާރު ހުރީ 440 ކިލޯ ގްރާމެވެ. ދުވާލެއްގެ މައްޗަށް 10،000 ކެލޮރީސް އޭނާގެ ހަށިގަނޑަށް ނަގަމުން އަންނައިރު ބަރުދަން ދަނީ ކޮންމެ ދުވަހަކު ވެސް ޗާޓުން މައްޗަށް އަރަމުންނެވެ. ނަމަވެސް 24 އަހަރުގެ މި ޒުވާނާ އަދިވެސް ހިތްހަމައެއް ނުޖެހެ އެވެ.

ޕާކިސްތާނުގެ ހައިބަރު ޕަހްތުންހަވާ ޕްރޮވިންސްގެ މަރުދާން ސިޓީ އަށް ނިސްބަތްވާ މި ޒުވާނާ، ހިޒާރު ހަޔާތު ޚާން ބުނަނީ އޭނާ ބޭނުންވަނީ އަދިވެސް ކައިކައިގެން ބަރުދަން މިއަށް ވުރެން ވެސް މަތިކުރުމަށް ކަމަށާއި ކިރިޔާ ވެސް ހިތްހަމަޖެހޭނީ 500 ކިލޯގްރާމަށް ބަރުދަން އެރުމުން ކަމަށެވެ.

ކޮންމެ ކެއުމަކާ އެކު ދެ ކިލޯގެ މަހާއި ކުކުޅާއި ބަތާއި އެއް ލީޓަރުގެ ކިރު އޭނާ ބޮނީ މި އަމާޒަށް ވާސިލުވުމުގެ ބޭނުމުގަ އެވެ. މި އާދަޔާހިލާފު ސިފަތަކާ އެކު "ޕާކިސްތާނުގެ ހަލްކު" ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެގެން ގޮސްފައިވާ މި ޒުވާނާ އޭނާގެ ސިޓީގައި މަޝްހޫރުވެފައި ވަނީ ޚާން ބާބާގެ ނަމުންނެވެ.

ބުނެވޭ ގޮތުގައި މިއީ ޕާކިސްތާނުގައި މިވަގުތު ހުރި އެންމެ ގަދަފަދަ ނުވަތަ އެންމެ ވަރުގަދަ މީހާ އެވެ. ގަދަހިފުމެއްގައި ކޮންމެ މީހަކު ވެސް ބަލިކުރާނެ ކަމަށް އޭނާ ދަނީ ބުނަމުންނެވެ. އޭނާގެ ހުވަފެނަކީ ޕްރޮފެޝަނަލް ރެސްލިން ތެޅުންތެރިޔަކަށްވުމެވެ.

"ދުވާލެއްގެ މައްޗަށް 10،000 ކެލޮރީސް އަހަރެން އެބަ ނަގަން. އެންމެ ކެއުމަކުން ދެ ކިލޯގެ މަހާއި ކުކުޅު މަސް އެބަ ކަން. އޭގެ އިތުރުން ބަތް އެބަ ކަން. ޕާނާއި މޭވޭ އެބަ ކަން. އަދި ހަމަ އެ ކެއުމުގައި އެއް ލީޓަރުގެ ކިރު ބޮއެ ހުސްކުރަން. ދުވާލެއްގެ މައްޗަށް ފަސް ޑަޒަނުގެ ބިސް ކަން،" ޚާން ބާބާ ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

"އަހަރެން ބޭނުންވަނީ ބަރުދަން 500 ކިލޯގްރާމަށް ޖައްސަން. މިހާރު ވެސް އަހަންނަށް އުފުއްލައިލެވޭނެ 1000 ކިލޯގްރާމް. އަދި އެއް އަތުން ޓްރެކް ޓަރެއް ހުއްޓުވައިލެވިދާނެ. އަހަރެން ދުވާލެއްގެ މައްޗަށް ތިން ގަޑިއިރު ކަސްރަތު ވެސް ކުރަން."

ޚާން ބާބާ އަކީ މަރުދާން ސިޓީގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެން ފެށިގެން އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޭނުންވި ހުރިހާ ކަމެއް އައީ ވަމުންނެވެ. އެގޮތުން އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް ރެސްލިން ބަލައި ބަރު އުފުލައި ހަށިގަނޑު ވަރުގަދަކުރުމުގެ މަސައްކަތް އޭނާ ފަށައިފި އެވެ.

ޚާން ބާބާ ބުނީ ޖާނުން ވަރުގަދަވެފައި ބިޔަކޮށް ހެދިފައި ހުރުމަކީ އޭގެ ފައިދާތަކެއް އޭނާ އަށް ކުރާ ކަމަކަށްވާއިރު ބައެއް ހާލަތްތަކުގައި ލަދުގަންނަ ކަހަލަ ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ލަދުގަތް ދުވަހަކީ ހަދިޔާއެއްގެ ގޮތުގައި ބައްޕަ ގަނެދިން އުޅަނދަކަށް އަރައި ހަމަޖެހިލިތަނުން، ބަރުދަނަށް ކެތްނުކުރެވިގެން އޭތި ހަލާކުވި ދުވަސް ކަމަށެވެ.