ޓަޑަޝީ ޔަނާއި އަކީ ޖަޕާނުގައި އަންނައުނުގެ ވިޔަފާރި އެންމެ ފުޅާ ދާއިރެއްގައި ކުރިއަށް ގެންދާ ފަރާތެވެ. ޔުނިކްލޯ ނަމަކަށް ކިޔާ އޭނާގެ ފާސްޓް ރީޓެއިލިން ކުންފުންޏާ އެކު އޭނާގެ ނަން ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ލިސްޓުގެ ނިކަން ފަހުރުވެރި މަގާމަކަށް އަރައިފަ އެވެ.
ބިލިއަނަރުންގެ ލިސްޓުން ބަލާ ނަމަ މީގެ ދެ ތިން ދުވަސްކުރިން އޭނާގެ ނަން އޮތީ އެ ލިސްޓުގެ 38 ވަނައިގަ އެވެ. ނަމަވެސް އެއް ދުވަސް ތެރޭގައި 1.4 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވެ އޭނާގެ ނަން މި ވަނީ ބިލިއަނަރުންގެ ލިސްޓުގައި 44 ވަނަ އަށް ސޮއްސާލައިފަ އެވެ. މިހާރު އޭނާގެ މިލްކިއްޔާތުގެ އަގަކީ 17.7 ބިލިއަން އެމެރިކާ ޑޮލަރެވެ.
ޔަނާއީ އަށް އެއް ދުވަސް ތެރޭގައި 1.4 ބިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވީ ހިއްސާގެ ބާޒާރުގައި އޭނާގެ ކުންފުނި 6.7 ޕަސެންޓް ފަހަތަށް ޖެހިލުމާ ގުޅިގެންނެވެ. މިއީ ދުނިޔޭގެ 500 ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ މަހުޖަނުންގެ ވިޔަފާރީގެ ތާރީޚެއްގައި މިހާތަނަށް އެއް ދުވަސް ތެރޭގައި ރިކޯޑްކުރެވިފައިވާ އެންމެ ބޮޑު ގެއްލުމެވެ.
ޖަޕާނުގެ އުބެޝީ ސިޓީ އަށް ނިސްބަތްވާ 67 އަހަރުގެ ޓަޑަޝީ ޔަނާއި ވިޔަފާރީގެ ތެރެއަށް ވަނީ 1971 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ވިއްކަން އުޅުނީ ބަދިގޭގައި ހިފައި ގެންގުޅޭ ސާމާނާއި ފިރިހެނުންނަށް ހާއްސަ އަންނައުނެވެ. އޭނާގެ ނަން މަޝްހޫރު ބްރޭންޑް، ޔުނިކްލޯގެ ފުރަތަމަ ފިހާރަ ހީރޯޝީމާގައި ހުޅުވީ 1984 ވަނަ އަހަރު އެވެ.
މިއަދު ކިތަންމެ ބޮޑު މަހުޖަނަކަށްވިޔަސް ޓަޑަޝީ ޔަނާއި ބުނަނީ އޭނާ އަށް މިހިސާބަށް އާދެވުނީ ވަރަށް ގިނަ ގޯސްތަކެއް ހެދުމަށް ފަހު ކަމަށެވެ.
"ވަރަށް ކާމިޔާބު މީހެހެއް ހީވެދާނެ ބަލާބެލުމަށް އެކަމަކު އަހަންނަށް ވަރަށް ގޯސް ހެދިފައިވޭ. ބައެއް މީހުންނަށް ވާގޮތަކީ ގޯހެއް ހެދުނީމަ އެކަމާ މާ ސީރިއަސްވަނީ. އޭގެ ބަދަލުގައި އެކަމާ ކަންބޮޑުނުވެ ވިސްނަންވީ ދެން ފަހަރަކުން ކާމިޔާބުވާނެ ކަމަށް،" ޔަނާއި ބުނެފައިވެ އެވެ.