ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީ ބައިވެރި ނުވާނެ ކަމެއް ރަސްމީކޮށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް ހުރިހާ ޕާޓީއެއް ވެސް އިންތިހާބުގައި ބައިވެރިވާނެ ކަމަށް ޔަގީން ކުރާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އަދާލަތުން ވާދަ ނުކުރާނެ ކަމަށް ބުނެފައި ވަނިކޮށްއަވަސްއާ ވާހަކަ ދައްކަވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބު އަދާލަތުނު ބޮއިކޮޓްކޮށްފައިވާ ކަން މިހާތަނަށް އެ ކޮމިޝަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި އިންތިހާބު ތަކުގެ ތާރީހަށް އަންނަ ބަދަލުތަކާ ގުޅިގެން އަބަދުވެސް ޕާޓީތަކުގެ ހައިސިއްޔަތު ބަދަލުވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ޔަގީން ކުރަނީ ހުރިހާ ޕާޓީއަކުން ވެސް އިންތިހާބުގައި ބައިވެރިވާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ބައިވެރިނުވާން ނިންމި ސަބަބު ބަޔާން ކުރަމުން އަދާލަތު ޕާޓީއިން ބުނެފައި ވަނީ އެއީ ގާނޫނު އަސާސީގައި ބުނާ އިންތިހާބު ބޭއްވުމުގެ މާއްދާތަކަށް އީސީއިން އިހުމާލުވެފައިވާތީ އާއި އެ ކޮމިޝަންގެ އަމަލުތައް ވަކި ޕާޓީއެއްގެ ފަޅިއަށް ހުންނާތީ ކަމަށެވެ.
އެ އިންތިހާބުގައި އަދާލަތު ޕާޓީއާއެކު ކޯލިޝަންގައި ބައިވެރިވާ އެމްޑީޕީއިން ބުނީ ކައުންސިލް އިންތިހާބު އެ ޕާޓީންދުލެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އަލުން ކުރިމަތިލާން ޖެހޭ މައްސަލައިގައި ކޯޓަށް ދިޔުމަށް އެ ޕާޓީއިން ވަނީ ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު މި މަހު ބޭއްވުމަށް އެންމެ ފުރަތަމަ އިއުލާން ކުރި ނަމަވެސް، ޕީޕީއެމް އިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަހަަށް ފަސް ކުރުމަށް ވަނީ ސިވިލް ކޯޓުން އަމުރެއް ނެރެފަ އެވެ. އަދި އެ އަމުރާ ގުޅިގެން ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ، އަންނަ އެޕްރީލް އަށް ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އަދި އެ އިންތިހާބަށް ކުރިމަތިލުމަށް މީގެ ކުރިން ހުށަހެޅި ކެންޑިޑެންސީ ފޯމުތައް ބާތިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.