ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: ނަން ނެގި އެމްޑީޕީ ކެންޑިޑޭޓުންގެ އަދަދު 13 އަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެމްޑީޕީގެ 13 ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުސަތު ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް 42 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓުންގެ ތެރެއިން 21 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. މިހާތަނަށް މުޅި ޖުމްލަ 63 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.

އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ އެމްޑީޕީގެ 13 ކެންޑިޑޭޓަކު ނަން ނަގާފައިވެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި އެމްޑީޕީގެ 15 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.

އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި 20 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.

ކައުންސިލް އިންތިހާބު: ނަން ނެގި ކެންޑިޑޭޓުންގެ އަދަދު

  • އެމްޑީޕީ 13 ކެންޑިޑޭޓުން
  • ޕީޕީއެމް 5 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 4 ކެންޑިޑޭޓުން
  • އަމިއްލަ 20 ކެންޑިޑޭޓުން

އަންހެނުންގެ ކޮމެޓީގެ އިންތިހާބު: ނަން ނެގި ކެންޑިޑޭޓުންގެ އަދަދު

  • އެމްޑީޕީ 15 ކެންޑިޑޭޓުން
  • ޕީޕީއެމް 2 ކެންޑިޑޭޓުން
  • އަމިއްލަ 4 ކެންޑިޑޭޓުން

ކައުންސިލް އިންތިހާބަށް ފުރުސަތު ހުޅުވާލުމުން 2،392 ކެންޑިޑޭޓަކު ފޯމް ހުށައެޅިއެވެ. އެއީ އެމްޑީޕީގެ 862 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 674 ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ 123 ކެންޑިޑޭޓުންނާއި އަދާލަތު ޕާޓީގެ 29 ކެންޑިޑޭޓުންނާއި އެމްޑީއޭގެ 22 ކެންޑިޑޭޓުންނާއި އެމްއާރްއެމްގެ 16 ކެންޑިޑޭޓުންނާއި އެމްއެލްއެސްޑީޕީގެ ހަތަރު ކެންޑިޑޭޓުންނާއި ޑީއާރުޕީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމް ހުށައެޅި 661 ކެންޑިޑޭޓުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ހުުޅުވާލުމުން އެމްޑީޕީގެ 703 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 513 ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ 56 ކެންޑިޑޭޓުންނާއި އަދާލަތު ޕާޓީގެ 25 ކެންޑިޑޭޓުންނާއި އެމްޑީއޭގެ 20 ކެންޑިޑޭޓުންނާއި އެމްއާރްއެމްގެ ހަތަރު ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމް ހުށައެޅި 467 ކެންޑިޑޭޓުން ފޯމް ހުށައެޅިއެވެ.