މިއީ އެމެރިކާގެ ތާރީޚުގައި ފެނިގެންދިޔަ ފުރަތަމަ އެފްރިކަން- އެމެރިކަން ފަސްޓް ލޭޑީ އެވެ. މިޝެލް އޮބާމާ އަކީ ފިރިކަލުން އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ ވެސް އެމެރިކާގައި ނުފޫޒު ގަދަ މަޝްހޫރު ޝަޚުސިއްޔަތެކެވެ. އަދި މިޝެލްގެ ޝަހުޝިއްޔަތާއި އެއްވަރަށް އެކަމަނާގެ ހިތްގައިމު ހެދުން އެޅުމުގެ ވައްޓަފާޅި އަކީ ވެސް ގިނަ ބަޔަކު ތައުރީފު ކުރާ ކަމެކެވެ.
އެގޮތުން ވޭތުވެދިޔަ އަށް އަހަރު އެކަމަނާ ވައިޓް ހައުސްގައި ދިރިއުޅުއްވިއިރު، އާންމުކޮށް ބޭނުން ކޮށްފައިވަނީ ހަތަރު ޑިޒައިނަރެއްގެ ހެދުންތަކެވެ. އޭގެތެރޭ ތައި-އެމެރިކަން ފެޝަން ޑިޒައިނާ ތަކޫން އާއި އެމެރިކާގެ ޑިޒައިނަރެއް ކަމަށްވާ މައިކަލް ކޯސް އަދި އިންޑިއަން- އެމެރިކަން ފެޝަން ޑިޒައިނާ ނައީމް ހާނާއި ކެނެޑާގެ ޑިޒައިނަރު ޖޭސަން ވޫ ގެ އިތުރުން ޓޮމް ފޯޑް ރަލްފް ލޯރެންގެ ފަރުމާތައް ހިމެނެ އެވެ.
ބަރަކް އޮބާމާ ފެއާވެލް ސްޕީޗް ދެއްވިއިރު ވެސް މިޝެލް ތުރުކުރައްވައިގެން ހުންނެވީ ޖޭސަން ވޫ ގެ ޑިޒައިނެކެވެ.
އަދި އޮބާމާ ރިޔާސީ ދައުރާއި ހަވާލުވެ ވަޑައިގެން ބޭއްވި ފުރަތަމަ ހަފްލާގައި ވެސް އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ ޖޭސަން ވޫ ގެ ޑިޒައިނެކެވެ.
މީގެ އިތުރުން ވެސް މަޝްހޫރު ބޮޑެތި ހުރިހާ ޑިޒައިނަރުންގެ ހެދުންތައް ވޭތުވެދިޔަ އަށް އަހަރު އެކަމަނާ ތުރުކުރައްވާފައިވެ އެވެ.
އެގޮތުން ފަސްޓްލޭޑީ އެއްގެ ހައިސިއްޔަތުން އެންމެފަހުން ދެއްވި ތަގުރީގުގައި އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ ނާކިސޯ ރޮޑްރިގޭޒްގެ ކަޓް އައުޓް ކަރެއް ލާފައި ހުރި އަތް ދިގު ރަތް ކުލައިގެ ހެދުމެކެވެ.
މިޝަލް އޮބާމާ ވައިޓް ހައުސްގައި ހޭދަ ކުރެއްވި ދުވަސް ތަކުގައި އެކަމަނާގެ ހެދުންތައް ޗޫސް ކުރުމުގެ އިޚްތިޔާރު އޮންނަނީ ދެ އަންހެނަކަށެވެ. އެއީ އިކްރާމް ގޯލްޑަމަން އާއި މެރެޑިތް ކޫޕް އަށެވެ.
މިޝެލް އޮބާމާ ގަދަ ކުލަތަކުގެ ހެދުންތައް ތުރުކުރެއްވި އެވެ.
ފްލޯރަލް ގިނަ ޑިޒައިންތަކެއްގެ ހެދުން އެކަމަނާ ތުރުކުރެއްވި އެވެ.