އެމެރިކާ

އަފްޣާނަށް ދިން ހަމަލާތަކެއްގައި އާއްމުންގެ 33 މީހުން މަރުވިކަމަށް އެމެރިކާ އެއްބަސްވެއްޖެ

މިދިޔަ ނޮވެމްބަރުމަހު އަފްޣާނިސްތާނަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އެ ގައުމުގެ އާއްމުންގެ 33 މީހުން މަރުވި ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެމެރިކާ ސިފައިން އެއްބަސްވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ކުންދުޒް ޕްރޮވިންސްގެ އަވަށަކަށް މިދިޔަ އަހަރު ބޮން އެޅި އިރު އާއްމުންގެ 33 މީހުން މަރުވި ކަމަށާއި އިތުރު 27 މީހުން ޒަހަމްވި ކަން އެނގުނީ އެކަން ތަހުގީގު ކުރުމުން ކަމަށް އެމެރިކާއިން ބުނީ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިން އެހަމަލާގައި އާއްމުން މަރުވި ކަމަށް އެއްބަސްވި ނަމަވެސް އެމެރިކާގެ ބަޔާނުގައި އެހަމަލާ ދިފާއުކޮށްފައި ވެއެވެ.

އެގޮތުން ބަޔާނުގައި ބުނެފައި ވަނީ އެ ހަމަލާއަކީ ތާލިބާނުންގެ ކޮމާންޑަރުންތަކެއް ހައްޔަރު ކުރުމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ބުނެފައި ވަނީ ހަމަލާގައި އާއްމުން މަރުވީ ތާލިބާނުން އާއްމުންގެ ގެތައް ބޭނުން ކުރާތީ ކަމަށެވެ.

ކުންދުޒް ބޯޒް އަވަށުގެ އާއްމުން އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުގައި މަރުވީ މުޅިން ވެސް އާއްމުން ކަމަށެވެ.

"އަހަރެމެންނަކަށް ނޭނގޭ އެ ހަމަލާގައި ތާލިބާނުންގެ މީހަކު މަރުވިކަމެއް ވެސް. އަހަރެމެންނަށް މުޅިން ވެސް ފެނުނީ ކުށެއް ނެތް އާއްމުންގެ ހަށިތައް. އަހަރެމެންނަށް ފެނުނު އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުދިންގެ މަރުވެފައިވާ ހަށިތައް ވެސް،" ބޯޒް އަވަށުން އަލް ޖަޒީރާއާ ވާހަކަ ދެއްކި ރޫހާނީ ބުނެފައި ވެއެވެ.

އަފްޣާނިސްތާނަށް ފާއިތުވި 15 އަހަރު އެމެރިކާއިން އެޅި ބޮންތަކުގެ ސަބަބުން އެންމެ ގިނައިން މަރުވެފައި ވަނީ އާއްމުންނެވެ. އަފްޣާނިސްތާނުގެ އާއްމުން ދަނީ އެކަމާ އަބަދުވެސް ޝަކުވާ ކުރަމުންނެވެ.