ދުނިޔެ

ސިހުރުވެރިޔާގެ "ފަރުވާ" އިން ވީ މަރު!

Jan 13, 2017
3

"ފަރުވާ" އެއް ހޯދަން ދިއުމުން ސިހުރުވެރިޔާ ހަދާފައި ދިން ސަރުބަތު ތައްޓެއް ބުއި ލަންކާ އަންހެނަކު މަރުވެއްޖެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ މަރުވި އެ އަންހެން މީހާއަކީ ލަންކާގެ ބަންގަޑެނިޔާ އަށް ނިސްބަތްވާ މީހެކެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިޝާރާ އުމަޔަންގަނީ ނަމަކަށް ކިޔާ 38 އަހަރުގެ އެ އަންހެންމީހާ ވަނީ އޭނާއަށް އަވައްޓެރިއެއްގެ ބަދު ދުއާ ޖެހިފައިވާ ކަމަށް ބުނެ އެކަމުން ސަލާމަތްވާނެ ފަރުވާއެއް ހޯދަން އެ އަވަށާ ކައިރީގައި އޮންނަ ދެވަލަޔާ ނަމަކަށް ކިޔާ އަވަށެއްގައި އުޅޭ ސިހުރު ހަދާ މީހެއްގެ ގާތަށް ގޮސްފަ އެވެ.

އަދި އެ އަންހެން މީހާގެ އެދުމަށް ސިހުރުވެރިޔާ އޭނާއަށް ވައްތަރެއްގެ ބުއިމެއް ތައްޔާރުކޮށްދިން ކަމަށާއި އަންހެންމީހާ ބަލިވާން ފެށީ އެ ސަރުބަތު ތަށި ބުއިމަށްފަހު ކަމަށް ފުލުހުން ކުރި މަރުގެ ތަހުގީގުން ސާބިތުވެފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެ އަންހެންމީހާއަކީ ވަރިވެ، ދެ ދަރިންނާއެކު ވަކިން ދިރިއުޅެމުންދިޔަ މީހެއް ކަމަށްވެ އެވެ. އަދި ފުލުހުންގެ ތަހުގީގުން އަންހެންމީހާގެ މަރުގެ ސަބަބަކީ އެ ސިހުރުވެރިޔާ އޭނާއަށް ދިން ބުއިން ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ވަނީ ސިހުރުހެދި މީހާ ހައްޔަރުކޮށްފަ އެވެ.