ހަބަރު

ވަގުފު ފަންޑަށް ނަފާ ލިބޭ "ދާރުލް އީމާން" ހުޅުވައިފި

ރާއްޖޭގެ މިސްކިތްތަކަށް ހަރަދު ކުރުމަށް ގާއިމްކޮށްފައިވާ ވަގުފް ފަންޑަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ކުއްޔަށް ދޭ އޮފީސް އިމާރާތް "ދާރުލް އީމާން" މިރޭ ހުޅުވައިފި އެވެ.

މާފަންނު މަދަރުސާއާ އިންވެގެން ހުޅަނގަށް އޮތް ބިމުގައި ބިނާކުރި 10 ބުރީގެ އިމާރާތް ހުޅުވީ އެއިމާރާތުގެ ބޭރުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ އިމާރާތް ހުޅުވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވި ހޯމް މިނިސްޓަރު އަޒްލީން އަޙުމަދެވެ.

ދައުލަތުގެ ބަޖެޓުން 23 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ބިނާ ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ އިމާރާތް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ.

ދާރުލް އީމާން މިރޭ ހުޅުވި އިރު އެ އިމާރާތުގައިވާ އޮފީސް އެޕާޓްމަންޓްތައް މިހާރުވެސް ވަނީ ދައުލަތުގެ އެކި އެކި އިދާރާތައް ހިންގުމަށް ކުއްޔަށް ދޫކޮށްފަ އެވެ. އިމާރާތަށް ކުލީގެ ގޮތުގައި ލިބޭ ފައިސާއިން އިމާރާތް ބެލެހެއްޓުމަށް ހަރަދު ކުރުމަށް ފަހު ބާކީވާ ފައިސާ ޖަމާކުރާނީ ވަގުފު ފަންޑަށް ކަމަށް މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތަކަށް ހަރަދު ކުރުމަށް ވަގުފު ފަންޑުތައް ގާއިމް ކުރުމަކީ އިސްލާމީ ތާރީހުގައި އަބަދުވެސް ކުރަމުން އައި ކަމެއް ކަމަށެވެ. އަދި ދާރުލް އީމާން ބިނާ ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ބޭބޭފުޅުންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކާ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ގުޅުން ބަދަހި ކުރުމުގެ ފައިދާ މިހާރު ފެންނަމުން އެބަދާ ކަމަށެވެ. އެގޮތުން ސައުދީ ސަރުކާރުގެ އެހީގައި އަދި އެގައުމުގެ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ގިނަ މިސްކިތްތަކެއް ބިނާކުރަމުންދާ ކަން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.