އަޒްލީން އަހުމަދު

ހުރިހާ ގޮންޖެހުމެއް އައީ ހުޅަނގުން: ހޯމް މިނިސްޓަރު

ރާއްޖެއަށް ކުރިމަތިވި ހުރިހާ ގޮންޖެހުމެއް ކުރިމަތިވީ ހުޅަނގުގެ ގައުމުތަކުގެ ފަރާތުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙުމަދު ވިދާޅުވެއްޖެ އެވެ.

ވަގުފު ފަންޑަށް އާމްދަނީ ހޯދަން އިމާރާތް ކުރި ދާރުލް އީމާން އިމާރާތް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އިރުމައްޗާ ދިމާލަށް މިސްރާބު ޖެއްސެވީ އެހެންވެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ކުރިމަތިވިހާ ގޮންޖެހުމެއް މި އައީ ހުޅަނގާ ދިމާލުންކަން އަޅުގަނޑުމެން އެންމެނަށް އެބަ އެނގޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅަނގުގެ ގައުމުތަކުގެ ބަދަލުގައި ގުދުރަތީ ވަސީލަތްތައް އޮތް މުސްލިމް ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބޮޑެތި ބިޔަ މަޝްރޫއުތައް ރާއްޖެއަށް ލިބެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ސަބަބުން ރާއްޖެއަށްވީ ފައިދާ ތަކުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައުދީ ސަރުކާރުންނާއި އެ ގައުމުގެ ރަސްގެފާނުގެ އަމިއްލަފުޅު ހަރަދުގައި ބިނާކުރައްވާ މިސްކިތްތަކެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ވެސް ބިނާކުރުމަށް ހަމަޖެހިފައި ވަނީ ސައުދީ ސަރުކާރުގެ އެހީގައި ކަމަށް ވިދާޅުވިއެވެ.