ހަބަރު

ޖިހާދާއި ނިހާންއާއެކު އިދިކޮޅު ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކޮށްފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޮންގްރެސްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

މިރޭ ޖޭޕީއަށް ސޮއިކުރި މެމްބަރުން ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާނު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ފަލާހު އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފު ވެސް ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން ނިމިދިއަ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރެއްވި ކުރީގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދާއި ޕީޕީއެމް ކުރީގެ ސެކެޓްރީ ޖެނެރަލް އިގްބާލް ވެސް ސޮއި ކުރި އެވެ.

ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއާ ގުޅުމުގެ ފުރުސަތު ދޭތީ އެ ޕާޓީއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.