ހަބަރު

"މިއީ ރައީސް ޔާމީނާއި ގާސިމް ގުޅުމުގެ ފުރަތަމަ ފިޔަވަޅު"

ކުރިޔަށް އޮތް ތަނުގައި ކުރީގެ ރައީސް އަބްދުﷲ ޔަމީނަށް ތާއީދު ކުރައްވާ ފަރާތްތަކާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރަން މިއަދު އެޅީ ފުރަތަމަ ރަސްމީ ފިޔަވަޅު ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ތިއްބަވާ ކޮންގްރަސް ޕާޓީ އާއި ޕީޕީއެމްގެ މެންބަރުން މިއަދު ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފަ އެވެ. ބައްދަލުވީ މަޖިލީހުގެ އިދާރާގަ އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެންބަރުން މިއަދު ގާސިމާއެކު ބޭއްވި ބައްދަލުވުމަކީ ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން އެޅޭ ފުރަތަމަ ރަސްމީ ފިޔަވަޅު ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ދެ ފަރާތުގެ ލީޑަޝިޕުން މަޝްވަރާ ކުރައްވާނެ ކަމަށާއި އެކަން ކުރިޔަށްދާ ވަރަކަށް ވާހަކަތައް ތިލަވާނެ ކަމަށެވެ.

"މިއީ ރައީސް ޔާމީން އާއި ގާސިމް ގުޅިގެން މަސައްކަތް ކުރުމުގެ ފުރަތަމަ ރަސްމީ ފިޔަވަޅު، ކުރިޔަށް އޮތް ތަނުގައި މަޝްވަރާތައްދާ ވަރަކަށް މީޑިއާތަކަށް މައުލޫމަތުތައް ދެމުން ގެންދާނަން،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މެންބަރުން ގާސިމްއާ ބައްދަލު ކުރެއްވީ ޖޭޕީ އާއި އެމްޑީޕީ މައްސަލަތަކެއް ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ބޮޑު ދެ ޕާޓީ މައްސަލަ ޖެހުނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު ދެ ޕާޓީއަށް އެއްބަސްވުމަކަށް ނާދެވިގެނެވެ.

އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ދާއިރު މި ފަހުން ގާސިމް ވަނީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔާމީންގެ ދިފާއުގައި ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.

މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަ ކުރަން ނިންމާފައިވާ ވަކި ގޮތެއް ރިޔާސީ އިންތިހާބުގެ ކުރިން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އެމްޑީޕީ އިން ވަނީ އެއީ އެއްބަސްވުމެއް ކަމަށް ގަބޫލު ނުކޮށް، އެއާ ހިލާފަށް ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމައިފަ އެވެ.