މިހާރުގެ އިދިކޮޅު ޕީޕީއެމްގެ އިތުރުން ޕީއެންސީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީތަކުން އިސްތިއުފާ ދެއްވައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރަން ނިންމައިފި އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ފަލާހް މިއަދު އަވަސް އަށް ވިދާޅުވީ އޭނާގެ އިތުރުން ވިލިމާލެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެންމެ އަރިސްކޮށް އުޅުއްވި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ފަލާހް ވިދާޅުވި އެވެ.
"އަދުރޭ މިވަގުތު ހުންނެވީ މެލޭޝިއާގައި. އަންނަ ހަފްތާގައި އެނބުރި ވަޑައިގެން ޖޭޕީއާ ގުޅި ވަޑައިގަންނަވާނެ،" ފަލާހް ވިދާޅުވި އެވެ.
ފަލާހް އެގޮތަށް ވިދާޅުވިއިރު، ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނިހާން ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައިކަމަށް މިއަދު ޓްވިޓާގައި ހާމަކުރައްވައިފަ އެވެ. ނަމަވެސް، ޖޭޕީއާ ގުޅިވަޑައިގަންނަވާކަމަކަށް ނިހާން ވިދާޅުވެފައެއް ނުވެ އެވެ.
ޖޭޕީއާ އަލަށް ގުޅިވަޑައިގަންނަވާ "މުހިންމު މެންބަރުންތަކެއް" ސޮއި ކުރުމުގެ ރަސްމިއްޔާތު މިރޭ 9.00 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. އެ ރަސްމިޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށްވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ޖޭޕާއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރި އެވެ.
ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއާ ގުޅުމުގެ ފުރުސަތު ދޭތީ އެ ޕާޓީއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.