ހަބަރު

ކުރީގެ މިނިސްޓަރު އަޒްލީން ޕީޕީއެމްއިން ވަކިކުރަން ނިންމައިފި

Mar 8, 2019
2

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން އަދާ ކުރެއްވި އަޒްލީން އަހުމަދު ޕީޕީއެމް އިން ވަކި ކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީ އިން މިއަދު ނިންމައިފި އެވެ.

ޕީޕީއެމް އިން އަޒްލީން ވަކި ކުރަން ނިންމާފައި ވަނީ ޕީޕީއެމް އަދި ކޮންގްރަސް ޕާޓީ ގުޅިގެން ހުޅުމާލެ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ނިންމާފައި ވަނިކޮށް، އަޒްލީން އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ މެންބަރުންތަކެއް ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ސުލޫކީ ކޮމިޓީ އިން ބުނެފައި ވަނީ ޕީޕީއެމް އާއި ކޮންގްރަސް ޕާޓީގެ ދެމެދު ފެބްރުއަރީ އެއްވަނަ ދުވަހު ވެފައިވަ އެއްބަސްވުމާ ހިލާފަށް އަޒްލީން ހުޅުމާލޭ ދާއިރާއަށް ވާދަ ކުރަން ނިންމެވުމަކީ ޕީޕީއެމްގެ އަސާސުތަކާ ހިލާފުވުން ކަމަށެވެ. އެގޮތުން ސުލޫކީ ކޮމިޓީގެ އަގުލަބިއްޔަތުން އަޒްލީން އެ ޕާޓީ އިން ވަކިކޮށްދިނުމަށް އެދި ޕީޕީއެމްގެ އެސްޖީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ސުލޫކީ ކޮމިޓީ އިން ބުނެފައިވެ އެވެ.