އަހިވަކު ޑޮޓް ކޮމްއޭ ކިޔާ ފޭސްބުކް ޕޭޖެއްގެ ނަން ދުވަހަކު ވެސް އަޑުއަހާފައިވާ ނަމަ މި ޕޭޖެއް މެދުވެރިކޮށް އާންމުން ހެއްވައި، އެމީހުންގެ ބަނޑުގައި ގޮށްލާ ވަރަށް ޕާފޯމު ކުރަމުން އަންނަ ކޮމޭޑިއަން، އަލީ ސުޕާރީއެއްގެ ވާހަކަ ވެސް އޮންނާނީ އަޑުއިވިފަ އެވެ. ބާޒާރު ބޮޑު ރަތް ކޮތަޅެއް ލައިގެން އެއަށް ވުރެ ތަންކޮޅެއް ކުޑަ ބާޒާރު ކޮތަޅެއް ބޮލުގައި އަޅުވައިގެން މާލޭގެ މަގެއްގެ ހަވާސާއިން އޭނާ މީގޭ އަހަރުތަކެއް ކުރިން ގެނެސްދިން އާދަޔާހިލާފު މޫސުމާ ބެހޭ ކޮމެޑީ ސްކެޗަކީ ވާރޭވެހިލާއިރަށް މިހާރު ވެސް ހަނދާނަށް އަންނަ އެކަމަކު ކިތަންމެ ބޯވާރެއެއްގައި ވެސް "ފޯނުވެ" ހިފަހައްޓާލެވޭ ފެންވަރުހުރި، ނިކަން ވަރުގަދަ ޕާފޯމަންސެކެވެ.
ފަނޑުވުމެއް ނެތް މި ސަމާސާއާއެކު އަލީ ސުޕާރީ މި ވަނީ ތަރިއެއްހެން އަރައިގެން ގޮސްފަ އެވެ. ކެމެރާގެ ކުރިމަތީގައި މި އާދަޔާހިލާފު ކެރެކްޓާއެއް ތަމްސީލުކޮށްދޭ ޒުވާނާ އަށް ވުރެން ވެސް އަލީ ސުޕާރީ މިހާރު މަޝްހޫރެވެ. އެކަމަކު މ. ދިއްގަރަށް ނިސްބަތްވާ ހުޝާމް ޝަރީފަކީ އޭނާގެ އަސްލު ދިރިއުޅުމުގައި އަލީ ސުޕާރީއަކަށް ވުރެން ވަރުގަދަ ޕާފޯމާއެކެވެ.
އުމުރުން 29 އަހަރުގެ މި ޒުވާނާ އާންމުންގެ މެދުގައި އަލީ ސުޕާރީގެ ގޮތުގައި މަޝްހޫރުވެފައި ވިޔަސް މިއީ ހަމައެކަނި އެ ރަތް ބާޒާރު ކޮތަޅުގެ ހެދުމަށް ވުރެ ގިނަ ފަންނީ ހެދުންތަކެއްގައި ފެންނަ ހުނަރުވެރިއެކެވެ. އެގޮތުން ދެން އެންމެ ފާހަގަކޮށްލެވެނީ ޒަމާނީ ބޮޑުބެރުގެ ތެރެއިންނެވެ. އޭނާ ނިސްބަތް ވަނީ ޒަމާނީ ބޮޑުބެރުގެ އެންމެ އާ އަދި އެންމެ މަގްބޫލު ގްރޫޕް ކަމަށްވާ "ސާދަ ތިރީސް އަށެކަ"ށެވެ.
އެކަމަކު އޭގެ މާ ކުރިން ވެސް ހުޝާމް އަކީ ބޮޑުބެރަށް ޝައުގުވެރިވި، ބޮޑުބެރުގެ ހުނަރުން މުއްސަނދިވެފައި ހުރި ޒުވާނެކެވެ. ހަމައެއާ އެކު އަލީ ސުޕާރީއެއްގެ މާ ކުރިން ވެސް އެކި އަޑުތަކުން މަޖާ ޑައިލޮގްތަކާ އެކު މީހުން ހެއްވައި އުޅުނު މީހެއް ވެސްމެ އެވެ. އަމިއްލަ ރަށުގައި އެކުވެރިންނާ އެކު ފުޓްބޯޅަކުޅެން ގޮސް ދަނޑުމަތީގައި ދެއްކި ހުނަރަށް ވުރެން ބެންޗުގައި އިނދެ އޭނާ ދިން އާދަޔާހިލާފު ކޮމެންޓްރީތައް ވެސް މާ ފުރިހަމަ އެވެ.
އަލީ ސުޕާރީގެ ކެރެކްޓާއިން ނުކުމެ އަހިވަކު ފޭސްބުކް ޕޭޖު މެދުވެރިކޮށް ހުޝާމް އާންމުންނާއި ބެލުންތެރިންނާ ހަމައަށް ދެން އެންމެ މަގްބޫލުވެގެން ގޮސްފައި ވަނީ ކުރީގެ ދިވެހި ރޭޑިއޯ ފުޓްބޯޅަ ކޮމެންޓްރީގެ ރާގުގައި އޭނާ ދޭ ހެއްވާ މަޖާ ކޮމެންޓްރީތަކަށެވެ.
"ރޭޑިއޯ ކޮމެންޓްރީ އަކީ ރަށުގައި ފުޓްބޯޅަކުޅެން ގޮސް ބެންޗުގައި އިންނައިރު ވެސް ދޭ އެއްޗެއް. ހިތަށް އެރި ގޮތަކަށް ކިޔަމުން ގެންދާނީ. އެގޮތަށް ގޮސް ކިޔާލަފާނަން، ކާޑު ދެއްކުމުގެ ބަދަލުގައި މިފަހަރު މި ދެއްކީ ތެލުނުލައި އޮތް ގުޅައެކޭ ވެސް. އެކަހަލަ ގޮތަކަށް ދާނީ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ހުޝާމް ބުންޏެވެ.
މިގޮތަށް އޭނާ ވާހަކަ ދައްކާއިރު ކޮމެޑީ ސްކެޗުތަކުން އެ ފެންނަ އަލީ ސުޕާރީއަކާ ނުވަތަ އާދަޔާހިލާފު ކޮމެންޓްރޭޓަރަކާ ގާތް އެއްވެސް ސިފައެއް އޭނާގެ ފަރާތަކުން ނުފެނެ އެވެ. އާންމު ދިރިއުޅުމުގައި ހުޝާމް އަކީ މުޅިން ތަފާތު މީހެކެވެ.
"މަގުމަތީގައި އުޅޭއިރު އަދި ގޭތެރޭގައި އުޅޭއިރު ވަރަށް ސީރިއަސްކޮށް އާންމުކޮށް ފެންނާނީ. މަންމަ ކުރިމަތީގައި ވެސް އެގޮތަށް ވައްތަރު ޖައްސައި އުޅެން ވަރަށް އުނދަގޫވޭ،" ހުޝާމް ކިޔައިދިނެވެ.
އެކަމަކު އާންމު ދިރިއުޅުމުގައި ކިތަންމެ ސީރިއަސްވެގެން އޭނާ އުޅުނަސް، މަގުމަތިން ފެނިގެން އަލީ ސުޕާރީއާ ވައްތަރުވެގެން ފޭނުން އައިސް އޭނާއާ އެކުގައި ސެލްފީ ނަގަން ފެށީމަ ދެން މަޑަކުންނެއް ނުހުރެވެ އެވެ. މަގުމަތިން ދިމާވެގެން، ތިޔައީ އަލީ ސުޕާރީދޯއޭ މީހަކު ސުވާލުކޮށްފި ނަމަ ބައެއް ފަހަރަށް ނިކަން ލަދުން އާނއެކޭ ބުންޏަސް އަނެއްބައި ފަހަރަށް އޭނާ ހަދަނީ އެހެން ގޮތެކެވެ.
"ބައެއް ފަހަރު އެގޮތަށް އައިސް މީހަކު އަލީ ސުޕާރީދޯ އޭ އަހާލައިފި ނަމަ ސަމާސާކޮށްލަން ވެގެން ބުނެލަން، ނޫނޭ އެއީ އަހަރެންގެ ކޮއްކޮއޭ ވެސް. އަޅުގަނޑު މިއީ އެހެން އުޅޭ މީހެއް ނޫނޭ ވެސް ބުނަން،" ހުޝާމް ބުންޏެވެ.
ރަށުން ދަސްކުރި ބޮޑުބެރުގެ އުކުޅުތަކާއި ހުނަރުތަކާ އެކު މާލެ އައިސް އޭނާ އެންމެ ފުރަތަމަ އުފެއްދީ ކާލާބޮޑުބެރު ނަމަކަށް ކިޔާ ބޮޑުބެރު ގްރޫޕެކެވެ. ތިން އަހަރު ވަންދެން ވަރަށް ކާމިޔާބުކަމާ އެކު އަދި ގޮންޖެހުންތަކާ އެކު އެ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި އުޅުމަށް ފަހު އޭނާ ދެން ގުޅުނީ ޒުވާނުންގެ މެދުގައި މަގްބޫލު އަދި މިހާރު އޭނާ ނިސްބަތްވާ "ސާދަ ތިރީސް އަށެއް" ގެ އެންމެ ވާދަވެރި ބޮޑުވެރި ގްރޫޕް ހަބޭސްއާ އެވެ.
އަހިވަކު ޑޮޓްކޮމްގެ ސަމާސާ އާއި އަލީ ސުޕާރީއެއް އުފެދުނީ ހަބޭސް ސްޓޫޑިއޯގައި ޖެހި ސަކަރާތެއްގެ ތެރެއިންނެވެ.
"އަހިވަކަކީ ވަރަށް ކުޑަކުޑަ އެތިކޮޅަކުން ވެސް ވަރަށް ގިނައިރު ވަސް ހުންނަ އެއްޗެއް. މި ވީޑިއޯތަކުން ދޭ މެސެޖަކީ ވެސް އެއީ. މިއީ ވަރަށް ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތަށް ރާވައިގެން ކުރާ މަސައްކަތެކޭ،" އަލީ ސުޕާރީ އާއި އޭނާގެ އެހެން ކެރެކްޓާސްތައް ވެސް ނިސްބަތްވާ ހިޔާލީ ދުނިޔެ އުފެދުނު ގޮތް ކިޔައިދެމުން ހުޝާމް ބުންޏެވެ.
އޭނާ ބުނީ އެންމެ މަގްބޫލު ކެރެކްޓާ އަށް އަލީ ސުޕާރީގެ ނަން ދެވުނީ ސުޕާރީ އާއި އޭނާގެ އަސްލު ދިރިއުޅުމާ ވެސް އޮތް ގާތްކަމެއްގެ ތެރެއިން ކަމަށެވެ.
"ވަރަށް ގިނައިން ސުޕާރީ ކެވޭނެ. އެކުގައި އުޅޭ ގްރޫޕުގައި ސުޕާރީ ކަނީ އަޅުގަނޑެއް ނޫން. ގަންނާނީ އަޅުގަނޑު. އެހެން މީހުން ސުޕާރީ ކަނީ. މިގޮތަށް މިހާ ގިނައިން ސުޕާރީ ގެންގުޅެވޭތީ އަބަދުވެސް ބޮލުގައި އިންނަ ނަމެއް ސުޕާރީ އަކީ. އެގޮތަށް ނަމެއް ހޯދަން އުޅެނިކޮށް ޓަސްލާފައި ބޮލަށް އައި ނަމެއް އަލީ ސުޕާރީއަކީ،" ހުޝާމް ބުންޏެވެ.
އޭނާ ބުނީ އޭނާގެ މި ކެރެކްޓާ އަކީ މަޝްހޫރު ޓީވީ އެންކަރެއް ކަމުގައިވާ އަލީ ސުލައިމާނުގެ އަސްލަށް ނުވަތަ އޭނާ އަށް ހަޖޫ ޖެހުމަށް އުފައްދާފައިވާ ކެރެކްޓާއެއް ކަމަށް ބައެއް މީހުން ބުންޏަސް އެފަދަ އެއްވެސް ބޭނުމެއް އޮތް ކެރެކްޓާއެއް ނޫން ކަމަށެވެ.
"އެއްގޮތަކަށް ވެސް ވަކި މީހަކާ ދިމާކުރާކަށެއް ނޫން މި ނަން ކިޔައިގެން އުޅެނީ. ވަކި މީހަކާ ޖައްސާލާކަށެއް ވެސް ނޫން. އެއްފަހަރަކު އަލީ ސުލައިމާނު ފޭސްބުކުން ހުރި ޕްރައިވެޓްކޮށް މެސެޖުކޮށްލާފައި ބުނެފައި، ތިމަންނަ ބޭނުންވެޔޭ ސެލްފީއެއް އެއްޗެއް ނަގާލަން ވެސް،" ހުޝާމް ބުންޏެވެ.
އޭނާ ބުނީ އެހެން މީހުން އަޑުތަކުން ވާހަކަ ދެއްކުމަކީ ނުވަތަ މަޖާ އަޑުތަކުން ވާހަކަ ދައްކައި އުޅުމަކީ ކުޑައިރުއްސުރެން ފެށިގެން އޭނާ ކުރަމުން އަންނަ ކަމެއް ކަަމަށެވެ.
"އެންމެ ކުރިން ފެށިގެން ވެސް މީހުންގެ އަޑުތައް ކޮޕީކޮށްގެން ވާހަކަ ދެއްކޭތޯ މަސައްކަތްކުރަން. ކުރިމަތީގައި ހުންނަ މީހަކު އަޑެއް ގޮއްވާލިޔަސް އެ އަޑެއް ވަގުތުން ކޮޕީކޮށްލެވޭނެ. ވަރަށް ފަސޭހައިން ނަގައިގަނެވޭނެ. އެގޮތަށް ފެށުނީ މިކަންތައް،" ހުޝާމް ކިޔައިދިނެވެ.
"ކޮމެޑީއަންއަކަށް އެންމެ ކަމުދަނީ ތަޖޫބެ ރާއްޖެއިން. ދެން މުހައްމާކަލޯ. އެކަމަކު އަޅުގަނޑު ބަލަނީ އެމީހުން ކޮޕީނުކޮށް އަމިއްލަ ކެރެކްޓާއެއް އުފެއްދޭތޯ. އެގޮތުންކަން ނޭނގެ އަލީ ސުޕާރީ އުފެދުނީ ވެސް."
ކޮންމެއަކަސް ނިމިގެން ދިޔަ ހިތާނީ މޫސުމުގައި ވެސް އެންމެ މަގްބޫލު އެއް ކެރެކްޓާއަކީ ޔަގީނަށް ވެސް އަލީ ސުޕާރީއެވެ. ސާދަ ތިރީސް އަށެއްގެ ޝޯތަކުގެ ހަވާސާގައި އެންމެ ޑިމާންޑްބޮޑު ޕާފޯމެންސަކީ އަލީ ސުޕާރީގެ ޕާފޯމަންސް ކަމަށް އެމީހުން ވެސް ބުނެ އެވެ.
ގޭގެއަށް ގޮސް އަލީ ސުޕާރީގެ ކެރެކްޓާއަށް އޭނާ ބަދަލުވެލުމާ އެކު ދެން ތިބޭ އެންމެން ވެސް އޭނާއާ އެކު އެ ކެރެކްޓާއަށް ބަދަލުވެލަ އެވެ. ހުޝާމް ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއް ކަމަކީ އެއީ ކަމަށެވެ.
"އަލީ ސުޕާރީގެ ޑައިލޮގްތައް ހިތު ދަސްކޮށްގެން މީހުން ކިޔާހެން ހީވަނީ. ވަރަށް އުފާވޭ އެހެން މީހުން އެގޮތަށް ކިޔާތަން ފެނުނީމަ،" ހުޝާމް ބުންޏެވެ.
ހުޝާމްގެ ނިކަން ސީރިއަސް މި އިންޓަވިއުއަކަށް ފަހު އޭނާގެ އަލީ ސުޕާރީގެ ކެރެކްޓާއިން ތަންކޮޅެއް ޖައްސާލަ ދިނުމަށް އަޅުގަނޑުމެން ވެސް އެދުނީމެވެ. ބޮޑަށް ބޭނުންވީ މި އިންޓަވިއުއާ އެކު ކިޔުންތެރިންނާ ހަމަ އަށް އަލީ ސުޕާރީގެ އަޑާއި މަންޒަރު ވެސް ގެނެސްދިނުމެވެ. ނަމަވެސް އަލީ ސުޕާރީގެ ކެރެކްޓާއަށް ހުޝާމް ބަދަލު ހަމަޖެހިލުމާ އެކު އަޅުގަނޑުމެންގެ ވީޑިއޯ ކްރޫއަށް ހެވޭވަރުން ބޭނުންވި އެންމެ ފުރިހަމަ ޕާފޯމަންސެއް ރިކޯޑްކުރެވޭ ގޮތްނުވިއިރު ހުޝާމުގެ ހަށިގަނޑުން ވެސް އަސްލު އަލީ ސުޕާރީއެއް އެ ދުވަހަކު ނުނިކުތެވެ.
އޭނާ ބުނީ މިހާތަނަށް ގެނެސްދިން ކޮމެޑީ ސްކެޗްތައް ނުވަތަ ކުރު ވީޑިއޯތައް ވެސް ރިކޯޑްކޮށްފައިވަނީ ވަރަށް ހާލުން ކަމަށެވެ.
"އާންމުކޮށް އަޅުގަނޑުމެން ހަދާގޮތަކީ ވީޑިއޯއެއް ނަގަންވީމަ ކެމެރާ ރިކޯޑަށް ޖައްސާލާފައި އެންމެން ކޮޓަރިތެރެއިން ބޭރަށް ނުކުމެލާނީ. ދެން ހުނުްނާނީ އަޅުގަނޑާއި ކެމެރާ އެކަނި،" ހުޝާމް ބުންޏެވެ.