ލައިފްސްޓައިލް

ޖަސްޓިން: ކުލަ ނެތް ދުނިޔެއަކުން ކުލައިގެ ދުނިޔެއަކަށް

މާ ގިނަ ވާހަކައެއް އޭނާ ނުދައްކާނެ އެވެ. ބޭކާރު އަނގައެއް އަދި އަމުދަކުން ނުތަޅާނެ އެވެ. މަސައްކަތް ބުރަވެގެން ޝަކުވާއެއް ވެސް ނުކުރާނެ އެވެ. ފުސް މޫނެއް ނުދައްކާއިރު އޭނާގެ މަސައްކަތަށް ޝަކުވާކުރުމުގެ ފުރުސަތެއް ވެސް ނުދޭނެ އެވެ. އޭނާގެ މަސައްކަތުގެ އަހުލާގާއި އެ މަސައްކަތުން ނެރޭ ނަތީޖާ އެހާ ވެސް ފުރިހަމަވެފައި، އޭގެ ކުލަތައް އެހާ ހިތްގައިމުވަނީ އެހެންވެ އެވެ.

ރާއްޖޭގެ އެންމެ މޮޅު މޭކަޕް އާޓިސްޓަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފި ނަމަ ޖެހިލުމެއް ނެތި ބުނަން ކެރޭނެ ނަމަކަށް އޭނާގެ ނަން ވެފައި ވަނީ އެ ސަބަބާ ހެދި އެވެ. ރަޖިސްޓްރީވެފައިވާ ހުސެއިން އަނީސުގެ ނަމަށް ވުރެން ޖަސްޓިންގެ ނަމުން އޭނާ މިއަދު ސެލެބްރިޓީންނާއި އާންމުންގެ މެދުގައި މަޝްހޫރުވެ މަގްބޫލުވެފައިވަނީ ވެސް އެހެންވެގެނެވެ.

ހަގީގަތުގައި ވެސް ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު މޭކަޕް އާޓިސްޓަކީ ޖަސްޓިން އެވެ. ރާއްޖޭގެ ހުރިހާ ސެލެބްރިޓީންނާއި މަޝްހޫރު އެހެން މޭކަޕް އާޓިސްޓުން ވެސް މިކަމަށް ހެކިވާނެކަން ކަށަވަރެވެ.

ނަމަވެސް އެންމެ މޮޅު މޭކަޕް އާޓިސްޓަށްވުމަކީ ރެއަކާއި ދުވާލަކުން ކުރެވިދާނެ ކަމެއް ނޫނެވެ. މީހުންގެ މެދުގައި މިވަރަށް މަގްބޫލުވެ، ޑިމާންޑް މިވަރަށް ބޮޑު މޭކަޕް އާޓިސްޓަކަށް ބަދަލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. މޭކަޕް ފޮށި ހިފައިގެން ކޮންމެ ދުވަހަކު މާލޭގައި އެއް ގެއިން އަނެއް ގެއަށް ފައިމަގުގަ އާއި ޓެކްސީގައި ދަތުރުކުރާ ޖަސްޓިންގެ ހަޔާތުން އެންމެ ދުވަހަކަށް ބަލައިލިޔަސް މިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ އެވެ.

ތަފާތު، މޮޅު އަދި ސްޕީޑް އަވަސް މޭކަޕް އާޓިސްޓަކަށް ޖަސްޓިން ބަދަލުކޮށްލި ސަބަބުތައް ބައިވަރެވެ. އެ ވާހަކަތަކުން ފަށާ ނަމަ ފަށަން ޖެހޭނީ ހުވަފެނެއްގެ ވާހަކައިންނެވެ.

މޭކަޕް އާޓިސްޓަކަށް ވުމަށް ކިޔެވީ އެހެން ދާއިރާއަކުން

މިއަދު 24 ގަޑިއިރު މޭކަޕް އާޓިސްޓެއް އަދި ސްޓައިލިސްޓެއްގެ ގޮތުގައި އާމްދަނީ ހޯދަމުން ދިޔަ ނަމަވެސް މި ހުވަފެން ހަގީގަތަށް ހަދަން އޭނާ އަށް ފުރަތަމަ ޖެހުނީ އެހެން ގޮންޖެހުމެއް ކަޑަތު ކުރާށެވެ. އޭނާ އަބަދުވެސް ބޭނުންވީ މޭކަޕް އާޓިސްޓެއްގެ ގޮތުގައި ކިޔަވައި ފުރިހަމަވާށެވެ. ނަމަވެސް ސްކޫލުން ނިމުނު ގޮތަށް އޭނާ އެންމެ ފުރަތަމަ ވެސް ހެދީ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް ކޯހެކެވެ.
އެއީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އޭނާގެ ބައްޕަ ބޭނުންވި ގޮތެވެ.

"އެންމެ ފުރަތަމަ ސްކޫލް ނިންމި ގޮތަށް ވެސް ކިޔަވަން ބޭނުންވީ މޭކަޕް އެންޑް ހެއާ. އެކަމަކު ޕޭރެންޓްސް އެކަމަކަށް އެއްބަހެއް ނުވި އޭރަކު. އެ މީހުން ބޭނުންވީ އޮފީސް ވޯކަށް ޓްރެއިންކުރަން. ބައްޕަ ބޭނުންވީ އަޅުގަނޑު އެޑްމިން ކިޔަވައިގެން އޮފީސް ދާއިރާ އަށް ނުކުތުމަށް،" ޖަސްޓިން ނުވަތަ ޖޭ ގެ ގޮތުގައި ގިނަ ބަޔަކު ދަންނަ 28 އަހަރުގެ މޭކަޕް އާޓިސްޓް ބުންޏެވެ.

ބައްޕަގެ ބަސް އަހައިގެން އެޑްމިން ދާއިރާ އިން ކިޔެވި ނަމަވެސް އޭނާ އެ ދާއިރާ އަށް ނުކުތީ ޝަރުތެއް ކަނޑައަޅައިގެންނެވެ.

"ދެން އެޑްމިން ދާއިރާ އިން ކިޔެވީ ޝަރުތެއް ކަނޑައަޅައިގެން. ބައްޕަ ކައިރީގައި ބުނީ، ކިޔަވައިގެން ވަޒީފާ އަދާކޮށްފަ، އިފް އައި އޭމް ނޮޓް ހެޕީ، އަޅުގަނޑަށް ޗާންސް ދޭށޭ، މޭކަޕް އެންޑް ހެއާ ކިޔެވުމުގެ ފުރުސަތު. ބުނީމަ ބުނީ އޯކޭއޭ" ޖޭ ބުންޏެވެ. "ދެން އެޑްމިން ދާއިރާ އިން ކިޔަވައިގެން ވަކި ހިސާބަކަށް ވޯކްކޮށްފައި އިތުރަކަށް ނޫޅެވުނު. ވާގޮތަކީ ފޫހިވަނީ."

ލިބޭ މުސާރަ ވެސް ކުޑައީ އެވެ. އަދި މަސައްކަތުގެ މާހައުލު ވެސް ކަމުނުދަނީ އެވެ. ނަމަވެސް އެޑްމިން އެންޑް މެނޭޖުމަންޓް ދާއިރާގައި އޭނާ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާ ވެސް އެއް ދުވަސްވަރެއްގައި އަދާކުރި އެވެ. އަދި ކިޔަވަމުން ދިޔައިރު އޭނާ ދިޔައީ ޕާޓްޓައިމްކޮށް ފިހާރަތަކުގައި ސޭލްސްމަނެއްގެ ވަޒީފާ ވެސް އަދާކުރަމުންނެވެ.

ޖަސްޓިން ބުނި ގޮތުގައި ކުޑައިރު ސްކޫލްގައި އުޅުނުއިރު ބޮޑުވެގެން ވާން ބޭނުންވި މީހެއް ނެތެވެ.

"ކުޑައިރަކު ނެތް މޭކަޕް އާޓިސްޓަކަށް ވުމުގެ ހިޔާލެއް. އޭރަކު ނޭނގޭ ބޮޑުވެގެން ވާން ބޭނުންވަނީ ކާކަށް ކަމެއް. ސްކޫލްގައި އޭރު ޓީޗަރުން އަހާނީ، ވާން ބޭނުމީ ޓީޗަރަކަށް ހެއްޔޭ، ޕޮލިސްމޭންއަކަށްހޭ، އެސްޓްރޮނޯޓަކަށްހޭ، ޑޮކްޓަރަކަށްހޭ. ދެން ވާގޮތަކީ އެއީ ޖަސްޓިން އަށް މުޅިން ވެސް ފޫހި ދާއިރާތައް،" ޖަސްޓިން ކިޔައިދިނެވެ. "އޭރުންސުރެން ވިސްނިފައި އޮތީ، ބޮޑުވެގެން ކިޔަވަން ބަލާއިރު ނުވަތަ ވަކި ދާއިރާއަކުން ކުރިއަށް ދާން ވިސްނާ ނަމަ، ވަރަށް ލިމިޓެޑް ފުރުސަތުތަކެކޭ ހުރީ މި ތަނުގައި."

ނަމަވެސް އޭނާ އެންމެފަހުން އިހްތިޔާރު ކުރީ މޭކަޕް އެންޑް ހެއާގެ ދާއިރާއިން ކިޔަވާށެވެ. މާލޭގައި އޭރު މޭކަޕް އާޓިސްޓުން ނުވަތަ ސްޓައިލިސްޓުންނަކީ ޑިމާންޑެއް ލިބިފައިވީ ބައެއް ވެސް ނޫނެވެ.

ސްރީލަންކާގެ ކޮލަމްބޯގެ ސީޖީއައި އެކަޑެމީ އިން މޭކަޕް އެންޑް ހެއާގެ ޑިޕްލޮމާ ކޯހެއް ފުރިހަމަ ކުރުމަށް ފަހު އެނބުރި އައިސް ޖަސްޓިން މޭކަޕްކޮށް މީހުން ރީތިކޮށްދޭތާ މިހާރު އަށް އަހަރުވީ އެވެ. އޭނާ އަށް ވުރެ މޮޅު އެހެން މީހަކު ނެތްކަން އޭނާ ގެންދަނީ ކޮންމެ ދުވަހަކު ވެސް ސާބިތު ކޮށްދެމުންނެވެ.

ކުލަ ނެތް ދުވަސްތަކެއް ވެސް އޭނާގެ ހަޔާތަށް އައި

މިއަދު އޭނާ އަށް ލިބޭ އާމްދަނީ އަށް ބަލާއިރު އެވްރެޖު މުވައްޒަފަކަށް އޮފީހެއްގައި މަސައްކަތްކޮށްގެން ލިބޭ މަހު މުސާރައަށް ވުރެން ތިން ގުނަ ހަތަރު ގުނަ ބޮޑު އާމްދަނީއެއް ޖަސްޓިން އަށް މިހާރު ލިބެ އެވެ. އެހެންވީމަ އެޑްމިން ދާއިރާ އަށް ނުދެވުމަކުން ޖަސްޓިންގެ އެއްވެސް ދެރައެއް އެކަމުގައި ނެތެވެ.

ނަމަވެސް މޭކަޕްގެ މި ހިތްގައިމު ކުލައިގެ އަސަރު އޭނާގެ ހަޔާތުގައި އެއްވެސް ވަރަކަށް ނެތް ދުވަސްތަކެއް ވެސް އައެވެ. ފަހަރެއްގައި މިހާ ބުރަކޮށް ކޮންމެ ދުވަހަކު މަސައްކަތްކުރަން އޭނާ އަށް ހިތްވަރެއް ލިބުނީ އެ ހިތްދަތި ދިރިއުޅުމުގެ ހާލާތުން ކަމަށް ވެސް ވެދާނެ އެވެ.

އާއިލާގެ އަށް މެމްބަރުންގެ ތެރެއިން ޖަސްޓިން އަކީ އެންމެ ހަގަށް ހުރި ފިރިހެން ކުއްޖާ އެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ އަކީ އެންމެ ފުރަތަމަ ނިކަން ބޮޑު ތަނަވަސްކަމެއްގައި ދިރިއުޅެމުން ދިޔަ ބައެކެވެ. ނަމަވެސް ކުއްލިއަކަށް އެހުރިހާ އުފާވެރިކަމަކާއި މުދާވެރިކަމެއް ގެއްލި ކުޑަ ކޮޓަރިގަނޑެއްގެ ތެރޭގައި ޖަސްޓިން އާއި އޭނާގެ އާއިލާގެ އަށް މެންބަރުން އެކަނިވީ އެވެ.

"ބޭނުން ހުރިހާ އެއްޗެއް، އެންމެ މޮޅުކޮށް ލިބިގެން ކުޑައިރު އުޅުނީ. އެހެން އުޅެނިކޮށް ކުއްލިއަކަށް އެ ދިރިއުޅުން ގެއްލިގެން ދިޔައީ. މިސާލަކަށް އެއް ރޫމުގައި އާއިލާގެ އަށް މީހުން ފަހުން ނިދަނީ ވެސް. ބައެއް ދުވަސް ދުވަހު ގޭގައި ކަރަންޓެއް ނޯވޭ، ގިނަ ދުވަސް ދުވަހު ކާނެ އެއްޗެއް ނުލިބޭ ގެއިން،" ޖަސްޓިން ކިޔައިދިނެވެ.

"ހެދުމަކަށް ލަނީ، އެހެން މީހުން ލާފައި، ބާވެފައި ހުންނަ އެއްޗެހި ހޯދައިގެން އައިސް. ޔުނީފޯމްތައް އަހަރުން އަހަރަށް އެހެން ކުދިން އާ ކުރިޔަސް ޖަސްޓިންމެން އެއް ޔުނީފޯމެއް ބޭނުންކުރީ."

ދިރިއުޅުމުގެ މި ބިކަ ހާލުގައި ހަޔާތުގެ ދުވަސްތައް ބީހި ގޭނިފައިވުމަކީ ފަހަރެއްގައި އެހެން މޭކަޕް އާޓިސްޓުންގެ ފުށުން ނުފެންނަ ހިތްވަރާއި ބުންވަރު ޖަސްޓިންގެ ކިބައިން ކޮންމެ ދުވަހަކު ވެސް ފެންނަ ސަބަބަކަށް ވެދާނެ އެވެ.

ޖަސްޓިންގެ ތަފާތަކީ ކޮބާ؟

މިއީ މަސައްކަތުން އެކަނި ތަފާތު ދައްކާ އާޓިސްޓެއް ނޫނެވެ. އަހުލާގާއި އަމިއްލަ އިސްޓައިލުގައި ވެސް އޭނާގެ ތަފާތު ފާހަގަ ކުރެވޭނެ އެވެ. ހެދުން އެޅުމުގަ އާއި ކުލަކުލައިގެ ތަފާތު ހެއާ އިސްޓައިލްތަކުން ވެސް އެކަން ފާހަގަކޮށްލެވޭނެ އެވެ.

އެހެން މޭކަޕް އާޓިސްޓުންނާ ޖަސްޓިންއާ ހުރި ތަފާތަކީ ކޮބައިތޯ ސުވާލުކޮށްލުމުން އޭނާ ހިއްސާކޮށްލީ އޭނާގެ ކަސްޓަމަރުން ދީފައިވާ ބައެއް ކޮމެންޓްތަކެވެ.

"އެންމެ ގިނައިން އަންނަ ކޮމެންޓަކީ ޖަސްޓިންގެ މަސައްކަތް ފާސްޓް ކަމުގެ ވާހަކަ. ސްޕީޑް އަވަސްވުން. އެހެން މޭކަޕް އާޓިސްޓުންނާ އަޅާ ބަލާއިރު ފުދޭވަރަކަށް އަވަހަށް ޖަސްޓިން އަށް މޭކަޕްކޮށް ނިންމާލެވޭނެ،" އޭނާ ބުންޏެވެ.

"އެހެން މޭކަޕް އާޓިސްޓުންނާ އަޅާ ބަލާއިރު އަގުތައް ވެސް ވަރަށް ކުޑަވާނެ. މިސާލަކަށް ސެލޫނެއްގެ ހާފް ޕްރައިސް އަށް އަޅުގަނޑު މޭކަޕް މިކޮށްދެނީ. އަދި އެއަށް ވުރެން އަވަހަށް."

އެހެންވީމަ ފަހަރެއްގައި މިހައި ހިސާބުން ޖަސްޓިންގެ ކޮލިޓީއާ މެދު ސުވާލުތަކެއް އުފެދިދާނެ އެވެ. ނުވަތަ އޭނާ ބޭނުންކުރާ ޕްރޮޑަކްޓްސްތަކާ މެދު ސުވާލު އުފެދިދާނެ އެވެ. ނަމަވެސް ޖަސްޓިން އަންގަނީ ހާސްވާނެ ކަމެއް ނެތް ކަމަށެވެ. އޭނާ ބުނަނީ މޭކަޕްކުރަން ބޭނުންކުރާ ޕްރޮޑަކްޓަކުން ވަކި އިތުރު ތަފާތެއް ނުދެއްކޭނެ ކަމަށެވެ.

"ޕްރޮޑަކްޓްސްތަކެއް ނޫންކަން ނޭނގެ ތަފާތަކީ. ތަފާތަކީ މޭކަޕް ކުރާ މީހާ. މާލޭގެ ގިނަ ސެލޫންތަކުގައި މޭކަޕްކޮށްދެނީ ލަންކާ އިންޑިއާ އިން ގެނެސްފައި ތިބޭ މޭކަޕް އާޓިސްޓުން އާންމުކޮށް. އެއީ ކުޑަ ސެލެރީއެއްގައި ގެނެސްފައި ތިބޭ މީހުން. އާންމުކޮށް، އެ މީހުންގެ ކޮލިޓީ އަށް އެހާ ބޮޑަކަށް ނުބެލޭ. އެގޮތަށް ބަލާނުލައި ހަމައެކަނި އަގަށް ބަލާލައިގެން ގެނައީމަ މިކޮޅުގައި އުޅޭ މީހުންނަށް އެމީހުންގެ މަސައްކަތް އެހާ ކަމުނުދަނީ،" ޖަސްޓިންގެ ބަހަކީ މިއީ އެވެ.

"އެކަމަކު ދިވެހިން ސެލޫންތަކުގައި މަސައްކަތްކުރާ ނަމަ އެމީހުންގެ މަސައްކަތް ނުވަތަ މޭކަޕް ރަނގަޅުވެފައި ރީއްޗޭ ބުނާ އަޑު ވެސް އިވޭ. ވާގޮތަކީ ދިވެހިން ވީމަ ދިވެހިން ބޭނުންވާ މޭކަޕް ދިވެހިންނަށް ފަސޭހައިން އެނގޭނެ. ދިވެހި ސްކިންއާ ގުޅެނީ ކޮން ކަހަލަ ކުލަތަކެއްކަން ވެސް އެނގޭނެ."

ނަމަވެސް ޖަސްޓިން ބުނީ ދިވެހި ސެލޫނެއްގައި މަސައްކަތްކުރުމަކީ ކުޅަދާނަވެގެންވާވަރުގެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް އެމީހުންނަށް ނުދެވުމެވެ.

"ކިޔަވައިގެން އައިސް ޖަސްޓިން އެންމެ ފުރަތަމަ އެޕްލައިކުރީ ސެލޫންތަކަށް. އެކަމަކު ޖަސްޓިން ދިވެއްސަކަށްވީމަ ސެލެރީ ވަރަށް ކުޑަކޮށްލަނީ. އެކަމަކު ބޭރު މީހަކު ގެންނަ ނަމަ އެ މީހަކަށް ހުރުމާއި ކެއުން ދީފައި ވެސް އަހަރެމެންނަށް ދޭ މުސާރަ އަށް ވުރެ ބޮޑު މުސާރައެއް އެބަދޭ،" ޖަސްޓިން ބުންޏެވެ.

"އެހެންވީމަ އެހާ ކުޑަ މުސާރައަކަށް އަށް ގަޑިއިރު މަސައްކަތް ކުރަން ވޯތެއް ނޫން. ވެދާނެ މިހާރު ސެލޫންތަކުގައި މި މައްސަލަ ކުރިއާ އަޅާ ބަލާއިރަށް ވުރެން ރަނގަޅު ކަމަށް. އެކަމަކު މިގޮތަށް އުޅެއުޅެ މިގޮތް މާ ރަނގަޅުވެފައި ހުރީ ޖަސްޓިން އަށް މިހާރު."

ޖަސްޓިންގެ ބްރޭންޑްގައި ދެން އޮތީ ކޮން ކަމެއް؟

"ރާއްޖެއިން ބޭރަށް ދިއުން އަސްލު އަޅުގަނޑުގެ ޑްރީމަކީ. ބޭރަށް ގޮސް ބޭރުގައި އަދި އިތުރަށް ކިޔަވައިގެން، އެތަނުގައި މަސައްކަތްކުރުން،" ޖަސްޓިން ބުންޏެވެ.

"ރާއްޖެ އަށް ބަލާއިރު ދިވެހިންގެ ތެރޭގައި މިގޮތަށް މޭކަޕްކުރުން އަދި ކިރިޔާ ފެށިގެން މި އުޅެނީ. އަނެއްހެން ހަގީގީ އޮޕަޗިއުނިޓީސްތަކެއް ވެސް ނެތް ރާއްޖެއަކު އަސްލުގަ. އަދި ވަރަށް ގިނަ ދުވަސް ނަގާނެހެން ހީވަނީ މިކަން ރަނގަޅުވާން. އެހެންވީމަ ފުރުސަތު ނެތް ތަނަކަށް މިހާ ވަގުތާއި މަސައްކަތްކުރުމުގެ ބޭނުމެއް ނެތް."

"މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާއިރު މިހާރު އެންމެ ބިޒީ ވަނީ އެއް ގެއިން އަނެއް ގެއަށް ދާން ޖެހޭތީވެ. މިސާލަކަށް އެންމެ މޭކަޕެއްވިޔަސް، ގެއިން ނުކުމެގެން އެ ގެއަކަށް ގޮސް، މޭކަޕްކޮށް ނިމިގެން އެ ގެއިން ނުކުމެގެން އަނެއް ގެއަށް މި ދަނީ. މުޅިން އެހެން ހިސާބަކަށް ވެސް ދާން ޖެހިދާނެ"

"ގިނަފަހަރަށް ހިނގާފައި އުޅޭ މީހަކަށްވުމުން އެއް ލޮކޭޝަނުން އަނެއް ލޮކޭޝަނަށް ހިނގާފައި ދާން ޓައިމް ނަގާނެ. އަދި މޭކަޕްކުރަން ވެސް ޓައިމް ނަގާނެ. އަދި އެ ވަގުތުކޮޅުގައި އާންމުކޮށް މޭކަޕްކުރަން ހުންނަނީ ވެސް ކޮޅަށް. އެހެންވީމަ ފިޒިކަލީ މީހާގެ ސްޓްރެންތު ވަރަށް ދަމާލާ ކަމެއް މިއީ."

އޭނާ ބުނީ މިގޮތަށް މަސައްކަތްކުރުމުގެ ސަބަބުން އޭނާ އަށް ސިއްހީ މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަމަށެވެ. އަދި ކްލާސްތަކެއް ހިންގަން ބޭނުންވިޔަސް އެފަދަ ކަމަކަށް ވެސް ވަގުތެއް ހުސްނުކުރެވޭ ކަމަށެވެ. އެހެންކަމަށް ވާނަމަ ފަހަރެއްގައި މިއީ ޖަސްޓިންގެ މޭކަޕްގެ ދުނިޔެ އަށް މެނޭޖުމަންޓްގެ އެހީތެރިކަމެއް ބޭނުންވާ ވަގުތެވެ.