ފިނިޕޭޖް

ފަސް ސަބަބާހުރެ "މަލިކާ" އަށް އިންތިޒާރުކުރަން ޖެހޭ

"މަލިކާ" ގެ ނަމުގައި އާ ދިވެހި ފިލްމެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއުލާނު ކޮށްފައިވާއިރު މިއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވޭ މަސައްކަތަކަށް ވަނީ ވެފަ އެވެ. ސީކްރެޓް ރެސިޕީގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި ފިލްމު ލޯންޗުކޮށްފައިވާއިރު އެ ރޭ ފެނިގެން ދިޔަ މަންޒަރުތަކާއި އިވިގެން ދިޔަ ވާހަކަތަކަކީ މީގެ ކުރިން ދިވެހި ފިލްމެއްގެ ލޯންޗިންގައި ފެނިގެން ދިޔަ އަދި އަޑުއިވުނު ފަދަ ވާހަކަތަކެއް ނޫނެވެ.

ލިލީގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމުގައިވާ މައްލާ ނާސިރު އާއި ޓީވީ ޕްރޮޑިއުސަރު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ގެނެސްދޭ މި ފިލްމު ހާއްސަވާ ފުރަތަމަ ސަބަބަކީ މިއީ އެވެ. އެމީހުންގެ ފިލްމު މާޗު ދޭއްގައި އޮލިމްޕަހުގެ އިސްކިރީނަށް އަންނައިރު ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. މީގެ ތިން މަސް ދުވަސް ކުރިން ފިލްމުގެ މަސައްކަތް ނިންމައި ސެންސަރުކޮށް މި ހުރިހާ ކަމެއް ވެސް ނިމިއްޖެ އެވެ.

މިއީ ދިވެހި ސިނަމާގެ ތާރީޚުގައި އާ ކަމެކެވެ. ކުރިން އަބަދުވެސް ފެންނަނީ މިގޮތަށް މޮޅެތި ފިލްމުތައް އިއުލާނުކުރާ މަންޒަރާއި އެ ފިލްމުތަކާ ބެހޭ ގޮތުން ސަޅި ވާހަކަތައް ދެއްކުމަށް ފަހު ފިލްމު ނުނިމިގެން އުޅޭ މަންޒަރެވެ. އެގޮތަށް އިއުލާނުކޮށް އަދިވެސް މަސައްކަތް ނުފެށޭ ފިލްމުތައް ވެސް އެބަހުއްޓެވެ. އަދި އެންމެ ފަހުވަގުތުގެ މަސައްކަތާއެކު ފިލްމުގެ ޕްރިމިއާ ނައިޓު ޝޯގައި ފިލްމު އިސްޓަކުވެފައި ވެސް އެބަހުއްޓެވެ.

އެކަމަކު އެފަދަ އެއްވެސް މައްސަލައެއް މި ފިލްމަށް ނެތްކަން މިހާރު ވެސް މި ވަނީ ކަށަވަރުވެފަ އެވެ. އަނެއްކޮޅުން މި ފިލްމު ޕްރިމިއާކުރުމުގެ ކުރިން މީޑިއާ އަށް ހާއްސަ ޕްރިޝޯއެއް ބޭއްވުމަށް ރާވާފައިވުމަކީ ވެސް ދިވެހި ސިނަމާގައި އާ ކަމަކަށް ވެގެންދާނެ އެވެ.

ފިލްމު ހާއްސަވާ އަނެއް ސަބަބަކީ މި ފިލްމު އުފެއްދުމުގެ މަސައްކަތަށް އެކުލާވާފައި އޮތް ޓީމެވެ. ފިލްމަށް އިންތިޒާރުކުރަން ޖެހޭ ސަބަބުތަކުގެ ވާހަކަ ދައްކާއިރު ފިލްމުގެ ސްކްރީންޕްލޭ އެކުލަވާލާފައިވާ މަޝްހޫރު ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދާ ހަމައިން ފަށަމާ ހިނގާށެވެ.

ބިންމާ ލިޔުނު ގޮތަށް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމު!

ބިންމާ އިބްރާހިމްގެ ވާހަކަތައް އެހާ ރީތިވެފައި އޭނާގެ ފިލްމުތައް އެހާ ގޯހީ ނުވަތަ ވާހަކަތަކުން ދައްކާ ޖާދޫ ފިލްމުތަކުން ނުދެއްކެނީ ކީއްވެގެންތޯ ފަހަރެއްގައި ހިތަށް އަރައިފާނެ އެވެ. ބިންމާ ބުނަނީ އެގޮތަށް ދިމާވަނީ އޭނާ ލިޔާ ސްކްރިޕްޓްތަކަށް ފިލްމު އުފައްދާ ފަރާތްތަކަށް އޭގެ ފުރިހަމަ ތާސީރު ދަމައިނުގަނެވޭތީ ކަމަށެވެ.

ނަމަވެސް ބިންމާ ބުނަނީ ސެމީ އަލީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ "މަލިކާ" އަކީ އޭނާ ލިޔުނު ސްކްރީންޕްލޭގެ 99 ޕަސެންޓް އޮލިމްޕަހުގެ އިސްކިރީނަށް ގެނެސްދޭނެ ފިލްމެއް ކަމަށެވެ. ހުރިހާ މަސައްކަތެއް ނިމިފައި އޮތް މި ފިލްމު ބެލުމަށް ފަހު ބިންމާ ބުނަނީ މިހެންނެވެ. މީގެ ކުރިން ލިޔުނު ހުރިހާ ސްކްރިޕްޓަކަށް އުފެއްދި ފިލްމުތަކަށް ވުރެ މި ފިލްމު ފުރިހަމަ އެވެ.

"މިއީ ހަމަ އަޅުގަނޑު ލިޔުނު ގޮތަށް ހަދާފައި އޮތް ފިލްމެއް، 99. ޕަސެންޓް. މިފަހަކަށް އައިސް ނުކުތް ފިލްމުތަކުގެ ތެރެއިން، ލިޔުނު އެއްޗާ އެންމެ ގާތްކުރާ ގޮތަށް އުފައްދާފައިވާ ފިލްމު މިއީ. މިއީ ނުވާ ކަމެއް،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ބިންމާ ބުންޏެވެ.

އެހެންވީމަ މިއީ ބިންމާގެ ވާހަކަތަކަށް ލޯބިކުރާ ފަރާތްތަކަށް އޮތް ނިކަން އުފާވެރި ޚަބަރެކެވެ. އޭނާގެ ލިޔުންތަކުގެ އަސަރާއި ކޮލިޓީ މި ފިލްމުން ބެލުންތެރިންނާ ހަމަ އަށް އަންނާނެ ކަމުގެ ޔަގީންކަން އެ ދެނީ ސީދާ ބިންމާ އެވެ. މިއީ ކުރިން ލިޔުނު އެއްވެސް ފިލްމަކަށް ބިންމާ ދީފައިވާ ޔަގީންކަމެއް ނޫނެވެ.

މޫމިން ފުއާދުގެ ނުފޫޒު މި ފިލްމުގައި ވަރަށް ގަދަ!

ކުޅަދާނަ ސްކްރީންރައިޓަރު އަދި ޑައިރެކްޓަރު މޫމިން ފުއާދު އަކީ މި ފިލްމުގެ ސިނެމެޓޯގްރާފަރެވެ. ޕޯސްޓް ޕްރޮޑަކްޝަން އަދި އާޓް ޑައިރެކްޝަންގައި އެންމެ އިސްކޮށް މަސައްކަތްކޮށްފައި ވަނީ ވެސް އޭނާ އެވެ. އަނެއްކޮޅުން ސެމީ މި ފިލްމު ޑައިރެކްޓް ކުރިޔަސް ސިނެމެޓޯގްރާފަރެއްގެ ގޮތުގައި އޭނާ މޫމިނަށް ދީފައި އޮތް ކްރިއޭޓިވް ފްރީޑަމްގެ ފައިދާ މި ވަނީ ފިލްމަށް އެތައް ގޮތަކުން ކޮށްފަ އެވެ.

ފިލްމު ޑައިރެކްޓްކުރުމުގައި ސެމީ އަށް ވެސް މޫމިންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދީފައިވެ އެވެ. އެހެންކަމުން މިއީ މޫމިންގެ ފިލްމެކޭ ބުންޏަސް އެއްގޮތުން ރަނގަޅުވާނެ އެވެ. އެކަމަކު ސެމީ މުސްތަފާ އަށް ލިބެން ޖެހޭ އިހްތިރާމާއި ކްރެޓިޑްސް ދޭން ވެސް ޖެހޭނެ އެވެ.

ބުނެވޭ ގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރުން އެންމެ ފުރަތަމަ ބޭނުންވީ ސީދާ މޫމިން ލައްވައި މި ފިލްމު ޑައިރެކްޓް ކުރުވާށެވެ. ނަމަވެސް އެހެން މީހުންގެ ސްކްރިޕްޓަށް ފިލްމު އުފެއްދުމުގެ އުސޫލެއް މޫމިން ނުގެންގުޅޭތީ ފިލްމުގެ ޑައިރެކްޝަން އޭނާ ނުނެގީ ކަމަށް ބުނެވެ އެވެ.

ނަމަވެސް މި ފިލްމުގެ ޕޯސްޓަރުން ފެށިގެން ޓްރެއިލާއާ ހަމަ އަށް އޭގައި މޫމިންގެ ނުފޫޒު ވަރަށް ވެސް ގަދަ އެވެ. އޭނާ ގެނެސްދިން "ލޫދިފާ" ގެ ޕޯސްޓަރުގެ ކުލަތަކުން ފެށިގެން ޓްރެއިލާގައި ގެނެސްދީފައިވާ މަންޒަރުތަކުގައި ވެސް ޖެހިފައިވަނީ އެކަހަލަ ކުލައެކެވެ.

ނަމަވެސް މޫމިން ބުނީ މިއީ ބިންމާގެ ހުރިހާ ރަހައެއް ހިމެނޭ ވާހަކައެއް ކަމަށާއި ސެމީގެ ޑައިރެކްޝަނެއް ކަމަށެވެ.

"އެކަމަކު ހިޔާލުތައް ދެވިފައި ހުންނާނެ ވަރަށް ބޮޑަށް. އެއީ ޑައިރެކްޓަރު ވެސް އެގޮތަށް އެދިގެން، ސިނެމެޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރީ ވަރަށް މިނިވަންކޮށް،" މޫމިން ބުންޏެވެ.

"ފިލްމުގެ ވާހަކަ އަކީ ބިންމާ ވަހީދުގެ ފިލްމެއް ހަމަ. އެކަމަކު ޕޯސްޓް ޕްރޮޑަކްޝަންގެ ވަރަށް ބޮޑު ރޯލެއް އަދާކުރެވުނު."

އެހެންވީމަ މިއީ މޫމިނަށް އިތުބާރުކުރާ ބެލުންތެރިން އެއްގޮތަކަށް ވެސް ދޫކޮށްލައިގެންވާނޭ ފިލްމެއް ނޫނެވެ.

ފިލްމުގެ ޕްލޮޓް ވަރަށް ވެސް ތަފާތު!

"މަލިކާ" އަކީ ފެމިލީ ޑްރާމާއެކެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް މީގެ ކުރިން ދިވެހި ސިނަމާއިން ފެނިގެން ގޮސްފައިވާ ކަހަލަ އާއިލީ ޑްރާމާއެއް ނޫނެވެ. ބިންމާ އަދި ފިލްމުގެ ޕްރޮޑިއުސަރުން ވެސް އެ ޔަގީންކަން ދެ އެވެ. ނަމަވެސް ތަފާތު ޕްލޮޓެކޭ ބުނަން އެމީހުން ބޭނުމެއް ނުވެ އެވެ.

އެކަމަކު ވެސް އެމީހުން ކިޔައިދިން މިންވަރަށް ބަލަނީ ނަމަ މިއީ ދިވެހި ސިނަމާ އަށް އަންނަ ތަފާތު ފިލްމެކެވެ.

"މިއީގަ ތަފާތެއް ނޯންނާނެ. މިގައި އަހަރެންގެ ރަހަތައް ފެންނާނީ. ތަފާތެކޭ ނުބުނާނަން. އެކަމަކު މީތި ބަލަން ދާން ރަނގަޅުވާނެ ހުރިހާ ދަރިންނާއި މައިންބަފައިން. ވަރަށް ވަރުގަދަ މެސެޖެއް ދީފައި އޮންނާނީ ދަރިންނާއި މައިންބަފައިންނަށް. އާއިލާއާ އެކުގައި ގޮސް މި ފިލްމު ބަލާލައްޗޭ ބުނެލަން ބޭނުންވަނީ،" ބިންމާ ބުނީ މިހެންނެވެ.

އެއަށް ފަހު އޭނާ ބުނީ މިއީ މީގެ ކުރިން ދިވެހި ސިނަމާ އިން އަތްލާފައި އޮތް ކަހަލަ އާއިލީ ވާހަކައެއް ނޫން ކަމަށެވެ.

"ކުރިން ނަގާފައި ނެތް ޓޮޕިކަކަށް މީތި ލިޔެފައި މި ވަނީ. ހީއެއް ނުވޭ ކުރިން ދިވެހި ފިލްމެއްގައި ވެސް މި މައޫޟޫ ގެނެސްދީފައިވާހެން ހީއެއް ނުވޭ. މިއީ ފެމިލީ ޑްރާމެއް އެކަމަކު އަތްނުލާ އޮތް މައޫޟޫއަކަށް މި ފިލްމު ހަދާފައި މި އޮތީ."

މުޖުތަމައުގެ ވިސްނުމާ ކުޅެލާނެ ފިލްމެއް!

ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ މަހުރަބު އިއްބެ ބުނަނީ މިހެންނެވެ. އޭނާ ބުނީ މިއީ ގިނަ ސުވާލުތަކެއް ބެލުންތެރިންގެ އުނގަށް ބަންޑުން ކުރުވާނެ ފިލްމެއް ކަމަށާއި މުޖުތަމައުގައި އަދި އާއިލާތަކުގައި ދެކެވޭ ނުވަތަ ގަބޫލުކުރެވިފައި ހުރި އާދަކާދަ އާއި ހަރުލާފައިވާ ސަގާފަތްތައް ބޮޑު އިސްކިރީނަށް ގެނެސްދޭނެ ފިލްމެއް ކަމަށެވެ.

"އާއިލާއެއްގެ ތެރޭގައި ބައްޕައަކާއި ހަތަރު ދަރިން، ބޮޑުކުރާ ގޮތުގެ ސަބަބުން އެ ކުދިންގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް މީގައި ދައްކުވައިދޭނީ،" އިއްބެ ބުންޏެވެ.

އެއަށް ފަހު އޭނާ ބުނީ މިއީ މީހަކަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދާނެ ފޯމިއުލާއެއް ވެސް ކިޔައިދެވޭ ފެންވަރަށް ފައްކާކޮށްފައި އޮތް އިބުރަތުން ފުރިފައިވާ ފިލްމެއް ކަމަށެވެ.

"މީހަކު ދެކެ އިޝްގީ ލޯބިވާން ބެލިޔަސް މިއީ މެނުއަލްއެކޭ. އަދި ހަމަ އާއީލާއާ އެކުގައި ގޮސް ބަލައިލާން ވެސް ވަރަށް ކަމުދާނެ ފިލްމެކޭ މި ފިލްމަކީ. ކުރުކޮށް ބުނަނީ ނަމަ ބުނެވޭނީ،" އިއްބެ ބުންޏެވެ.

ފިލްމުގައި އޮތީ ތާޒާ އެކަމަކު ކުޅަދާނަ ކާސްޓެއް

އަބަދުވެސް ޔޫސުފް ޝަފީއު ނުވަތަ ނިއުމާ މުހައްމަދު ނޫން ނަމަ އަލީ ސީޒަން އުޅޭ ފިލްމުތައް ބަލަން ލިބޭތީ ބައެއް މީހުން ދިވެހި ފިލްމު ބަލަން ކޮންމެވެސް ވަރަކަށް ފޫހިވެ އެވެ. ދެން މިހާރު އުފައްދާ ހުރިހާ ފިލްމެއްގައި މި އުޅެނީ މުހައްމަދު ޖުމައްޔިލް އަކާއި މަޖުދާ މުހައްމަދެކެވެ. ނުވަތަ ޖުމައްޔިލް އަކާއި މަރިޔަމް އައްޒައެކެވެ.

މި ފިލްމުގައި ވެސް ޖުމައްޔިލް އެބަ އުޅެ އެވެ. ނަމަވެސް އައްޒައެއް ނެތެވެ. ފިލްމުގެ އެހެން ތަރިންނަކީ އުއްމީދީ ބަތަލާ ފާތިމަތު އާޒިފާ އާއި އަލީ އާޒިމް އަދި މަރިޔަމް ޝަކީލާގެ އިތުރުން އިސްމާއިލް ޒާހިރު އާއި ނީނާ ސަލީމް އެވެ. ޑާކް ރެއިންގެ ފިލްމުތަކުގައި ކުދިކުދި ރޯލު ކުޅެމުން އައިސް ބޮޑު ރޯލުތަކަށް އަރަމުން އަންނަ ޒުވާން އެކްޓަރު ޝާއްކޮ ވެސް މި ފިލްމުގައި އެބައުޅެ އެވެ.

އެހެންވީމަ ފިލްމުގެ މެއިން ކާސްޓަށް ބަލާއިރު މިއީ ޓިޕިކަލް ދިވެހި ފިލްމަކުން ފެންނަ ކާސްޓިން ލައިންއަޕަކަށް ވުރެން މުޑުވަތް ހެޔޮވަރު ކާސްޓެއް އޭގައި އޮތް ފިލްމެކޭ ބުނެވިދާނެ އެވެ. އަނެއްކޮޅުން ފިލްމުގެ ވަރަށް މުހިންމު ރޯލެއް ކުޅެފައި ވަނީ މުޅިން އަލަށް ތައާރަފްވާ ބަތަލާއެއް ކަމުގައިވާ ނުޒުހަތު ޝުއައިބު އެވެ.

މިއީ ދިވެހި ސިނަމާގެ ސުޕަސްޓާރުނަށް ފޫހިވެފައިވާ ނަމަ 100ރ. ހޭދަނުކުރާ ވަރުގެ ކާސްޓެއް ނޫނެވެ.