ވިޔަފާރި

ކަނޑު އަޑީގެ ދާރުލްއާސާރަށް ކެޔޮދޫ ސާފު ކުރަން ފަށައިފި

Jan 15, 2017
1
  • މީ ރާއްޖޭގެ މިފަދަ ފުރަތަމަ ތަން
  • ތިމާވެއްޓަށް ބޮޑު ސަމާލު ކަމެއް ދެވޭނެ
  • ޑައިވް މަންޒިލެއްގެ ގޮތު ކެޔޮދޫ ދައްކާނެ

ވ. ކެޔޮދޫގައި ރާއްޖޭގެ ކަނޑު އަޑީގެ ފުރަތަމަ، ދާރުލްއާސާރު ހަދާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ރައްޔިތުން ނުކުމެ، ފޯރީގައި އިއްޔެ ފަށައިފި އެވެ.

އާބާދީގައި ގާތްގަނޑަކަށް 800 މީހުން ދިރިއުޅޭ، ކެޔޮދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ދާރުލްއާސާރު ހަދާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައި ދިނީ، ކެޔޮދޫ ޒުވާނެއް ކަމަށްވާ ރާއްޖޭގެ ގައުމީ ވޮލީ ޓީމްގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. މި ރަސްމިއްޔާތުގައި ދާރުލް އާސާރުގެ ހިޔާލު ކެޔޮދޫއަށް ގެނެސްދިން މޯލްޑިވްސް ގެޓަވޭސްގެ އިސްވެރިންނާއި، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރުގެ އިތުރުން ކެޔޮދޫގެ ގެސްޓްހައުސްތަކުގެ ވެރިން ވެސް ބައިވެރިވި އެވެ. މީގެ އިތުރުން އެރަށުގައި މިވަގުތު ތިބި 100 އެއްހާ ޓޫރިސްޓުން ވެސް މި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އެވެ.

މި ރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މެންބަރު ނިޒާރު ވިދާޅުވީ މި މަސައްކަތަކީ ކެޔޮދޫ އަށް ވަރަށް މުހިންމު ކަމެއް ކަމަށް، މިއީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި ކަމަކީ މިކަމުގެ ސަބަބުން ބޮޑު ޝަރަފެއް ލިބޭނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ކެޔޮދޫ ދުނިޔެ އަށް މަޝްހޫރުވެ ދިއުމަށް ބާރަށް ވާނެ. މިއީ ކެޔޮދޫ ދުނިޔެ އަށް އިޝްތިހާރު ކުރަން މުހިންމު ކަމެއް. އަޅުގަނޑުމެންގެ ވ. އަތޮޅަކީ ކުޑަ ނަމަވެސް މުއްސަނގި އަތޮޅެއް. މި އަތޮޅުގައި ދުނިޔޭގެ ފެންވަރުގައި 20 ޕޮއިންޓް އޮވޭ. އެހެންވެ މި ހުރިހާ ކަމަކުން ލިބޭ ޝަރަފެއް މިއީ،" ނިޒާރު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރަމުން ގެންދާ މޯލްޑިވްސް ގެޓަވޭސް ކުންފުނިން ބުނީ ކެޔޮދޫ އިޝްތިހާރު ކުރަން ބޭނުންވަނީ ޑައިވް މަންޒިލެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގައި އަހަރަކު ދެ މިލިއަން ޑައިވްކޮށް، މި އިންޑަސްޓްރީގެ އަގު 250 މިލިއަން ޑޮލަރަށްވުރެ ބޮޑު ކަމަށާއި އަންދާޒާއަކީ 2020 ގައި މި އިންޑަސްޓްރީގައި ހަތަރު މިލިއަން ޑައިވްކޮށް، މި ސިނާއަތުގެ އަގު 400 މިލިއަން ޑޮލަރަށް އެރުން ކަމަށެވެ.

"މީގެ ބޮޑު ހިއްސާއެއް ކެޔޮދޫ އިން ކުރާނެ ކަމަށް މި ބަލަނީ އަންޑަ ވޯޓާ މިއުޒިއަމް ހެދުމުން. އަޅުގަނޑުމެން ވާނީ ކައުންސިލާއި ގެސްޓް ހައުސް ކޮމިއުނިޓީ އަށް ހުށަހަޅާފައި އަންނަ އަހަރު ޑައިވް މެގަޒިންގައި ކެޔޮދޫ އިޝްތިހާރު ކުރާނަން. އެގޮތުން ޖަރުމަނާއި ޖަޕާނު އަދި އޮސްޓްރޭލިޔާ އަދި ބާމިންހަމް ފަދަ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި މި މިއުޒިއަމް[ ކެޔޮދޫ] އިޝްތިހާރު ކުރާނެ،" އަހުމީމް ވިދާޅުވި އެވެ. "އުންމީދަކީ މި ބަދަލުތަކާއެކުގައި ރާއްޖޭގެ ފާހަގަ ކުރެވޭ ތަނަކަށްވުން. އަންނަ އަހަރު ނެރޭ ގެސްޓްހައުސް މެގަޒިންގައި ވެސް ހާއްސަ އިސްކަމެއް ދޭނެ."

މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފު ވިދާޅުވީ މިކަމަކީ ރަށަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން މިގޮތުގައި ތިބޭނަމަ ކާމިޔާބުވާނެ. ކައުންސިލުން ގޮވާލާ ކޮންމެ ކަމެއްގައި ރައްޔިތުންނާއި މުވައްސަސާތަކުން އެއްބާރު ލުން ދޭ،" އަހުމަދު ވިދާޅުވި އެވެ.

ކެޔޮދޫ ގެސްޓްހައުސް ކޮމެޓީގެ މެންބަރު އާދަމް އިބްރާހިމް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ތިމާވެށީގެ ގޮތުން ހުރި ނުރައްކާތައް މުޅި ދުނިޔެއަށް ވެސް އެނގިގެންދާނެ ކަމަށެވެ.

"މި އަދުން ފެށިގެން އެއްވެސް ބޭފުޅަކީ ކޮތަޅާއި ސުޕާރީ ކޮތަޅު ނޭޅުން. މިއީ މުހިންމު ކަމެއް. އެހެންވެ މިފަދަ ކަންކަމުން މިކަން ކާމިޔާބު ވާނީ،" އާދަމް ވިދާޅުވި އެވެ.

ކެޔޮދޫ އިން ވަނީ އެރަށުގައި ކަނޑުއަޑީގެ ދާރުލްއާސާރު ހެދުމުގެ ގޮތުން، އެރަށުގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ހިލޭ ދިނުން ހުައްޓާލައި، އެކަމަށް ހާއްސަ ކޮތަޅު ތަކެއް ބޭނުން ކުރަން ވަނީ ފަށާފަ އެވެ.

ކެޔޮދޫގައި ހަދާ ކަނޑުއަޑީގެ ދާރުލްއާސާރު ހަދަނީ، އެރަށުގެ ހުޅަނދު ފަރާތުގަ އެވެ. ރަށާއި އިންވެގެން އޮންނަ އޮންނަ ފުން ސަރަހައްދުގައި ހަދާ މި ދާރުލްއާސާރު މި އަހަރު ހުޅުވާނެ ކަމަށް މިކަން ކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނެ އެވެ.