ވާހަކަ

މުޅިޖާންހިތާ

(12 ޖެނުއަރީ 2016 އާ ގުޅޭ)

"ލިޒީގެ ފުރެންޑު މިހާރު ހާދަ ނުފެނެޔޭ... ބަލިވީތަ؟" ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި ގޮތަށް ހުރެ ނިޔާނު އަހާލިއެވެ.

"އައިރާ ޖޮބަށް ނުކުންނަން ފެށީމަ މިހާރު އޭނާއަށް ވަގުތެއް ނުވޭ..." އެކުވެރިޔާގެ ހާލު އެނގޭތީ ލިޒީގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ.

"އައިރާ...." ޖިންސުގެ ދެފަރާތު ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ އައިރާގެ ނަން ނިޔާނު ކިޔާލި އެވެ. އެހިނދު ކުޑަދޮރުން ބޯއަރިކޮށް ނިޔާނާ ދިމާއަށް ލިޒީ ބަލާލުމާއެކު ސުވާލުކޮށްލި އެވެ.

"ވަޓް.. އައިރާ ކިހިނެއްވީ؟"

"ނަތިން... ތީ ބެސްޓްފްރެންޑްސް ދޯ..." ހިތާހިތާ ކިޔާލަން އުޅުނު ނަން ދުލުން ބޭރުވެއްޖެކަން ނިޔާނަށް އިހުސާސްވީ ލިޒީގެ ސުވާލުތަކާއެކު އެވެ. އެހެންވެ އަވަހަށް ކޮންމެވެސް ވާހަކައަކުން އެކަން ފޫބައްދާލި އެވެ.

"ހޭ!..." ބަދިގެ ފަރާތުން އައި ޖުވައިންގެ އަޑަށް ކުޑަދޮރުގެ ތިރީ ދާރައިގައި އަތްއަޅުވާލައިގެން ގުދަށް އޮތް ލިޒީއާއި ސިޓިންރޫމު ދޮރުކަނީގައި ބުރަކަށި ޖައްސާލައިގެން ހުރި ނިޔާނާ ދެ މީހުން އެނބުރި އެއްފަހަރާ ބަލާލި އެވެ. ޖުވައިން އައިސް އެމީހުންނާ ކުރިމަތިވާގޮތަށް ހުރި ސޯފާގައި އިށީނެވެ.

"މިރަށަށް އައިފަހުން މަޖާ ކަމެއް ވެސް ބާއްވާ ނުލެވެއެއްނު... ލިޒީ މަންމަ ބުނި ލިޒީ ވަރަށް މޮޅުވާނެއޭ ކަންކަން ރާވަން... ފޫހިފިލާ ކަހަލަ މަޖާކަމެއް ބާއްވަން ހިނގާބަލަ..." ޖުވައިން ބުންޏެވެ.

"އަނެއްކާ ކޮންކަހަލަ ކަމެއް..." ހައިރާންކަމުގެ އަސަރުތައް މޫނުމަތިން ފާޅުވެގެން ދިއުމާއެކު ލިޒީ ބުންޏެވެ. އެއާއެކު ދޮރު ކައިރީ ހުރެފައި ހިނގައިގަތް ނިޔާނު ހީނގަތް އަޑުއިވުނެވެ.

"ދަތުރެއްވިޔަސް ބާބެކިއުއެއް ވިޔަސް..." ޖުވައިން ދެ ބުމަ ހިއްލާލާފައި ބޮލުން އިޝާރާތެއް ލިޒީއަށް ކޮށްލަމުން ވާހަކަ ދެއްކި އެވެ.

"އޯ... އެކަހަލަ ކަމެއް ދޯ... ކޮބާތަ ޚާލިދުބޭބެ ފޮނުވި މާދިން.... އޭނާ ނޫޅޭތަ ކަމެއް ބާއްވާކަށް..." ލިޒީއާއި ނިޔާނު ވެސް އައިސް ސޯފާގައި އިށީނެވެ.

"އެއީ ފޫހި މީހެއް... މިހާރު ނާދޭ ދޯ އަހަރުމެން ގޮވައިގެން ރަށުތެރެ ބަލާލަން ދާން ވެސް" ނިޔާނުއަށް ޖުވައިން ދޯ ދެމުން ބުންޏެވެ.

"އޭނަ ފެމެލީ ކަންތައްތަކުގައި މާ ބިޒީވީ ކަންނޭނގެ" ނިޔާން އިނދެފައި ބުންޏެވެ. ހީވީ މާދިން ދިފާއު ކުރުމަށް ވާހަކަ ދެއްކި ހެނެވެ.

"އޯކޭ އޯކޭ... ދެން ތިޖެހުނީ ނިޔާނާއި ޖުވައިން ވެސް އަހަރުމެންގެ ސަކަރާތްތަކުގައި ބައިވެރިކުރާންތާ... އުޅޭނެ މިހިސާބުގެ ގުރޫޕުގަނޑު... އެމީހުންނަށް އަންގާލަނިކޮށް މަޖާކަމެއް ބާއްވާލެވިދާނެ... މައްސަލައަކީ ވާރޭ ވެހޭތީ... އެއްވެސް ކަމެއް ނުބޭއްވޭނެއެއްނު މޫސުން މިހެން އޮއްވާ" ޖުވައިންއާއި ނިޔާނަށް ބަލަމުން ލިޒީ ވާހަކަ ދެއްކިއެވެ.

ޖުވައިންއާއި ލިޒީ މަޝްވަރާ ކުރުމުގައި ތިއްބާ އެމީހުންގެ ވާހަކައިން އެއްފަރާތްވެލުމަށް ނިޔާނު ތެދުވީ އޭނާއަށް ފޯނެއް އައުމުންނެވެ. މަޑުމަޑުން އައިސް ސިޓިންރޫމު ދޮރުން ބޭރަށް ނުކުތެވެ. އަސްކަނިދަށުގައި ނިޔާނު މަޑުކޮށްލުމާއެކު ފޯނަށް ޖަވާބުދިނެވެ. އޭނާއަށް ގުޅީ ރުބީނާ އެވެ.

"ނިޔާނު... މަންމައަށް ލާރިކޮޅެއް ފޮނުވަދީބަލަ..." ފޯނުން ރުބީނާ އެދުނެވެ.

"މިދިޔަ ހަފްތާ މަންމަގެ އެކައުންޓަށް ޖަމާކުރި ތިންހާސް ރުފިޔާ ލިބުނޭ ބުނީމެއްނު..." ނިޔާނުގެ އަޑުގައި ހައިރާންކަން އެކުލެވިގެން ދިޔައެވެ.

"މައުރީންގެ ސުކޫލު ކަމަކު އެ ޚަރަދުވެއްޖެ" ރުބީނާ ނިކަން އަވަހަށް ބުނެލި އެވެ.

"މައު ބުނީމަ ބައްޕަ އެކަމެއް ކޮށްދެއެއްނު... އަހަރެން އަބަދުވެސް މަންމަ ގާތުގައި ބުނަން ދޯ ފައިސާއަށް ބަލައިގެން އުޅޭށޭ... އިރުއިރުކޮޅާ އަހަރެން ވެސް ކޮންތާކުން ފައިސާ ފޮނުވާނީ... މިހާރު މުސާރައިގައި ބާކީ ހުރީ ކިރިޔާ އަހަރެން ބޭނުންކޮށްލާ ވަރަށް..."

"ދަރިފުޅު ހިތްހަމަނުޖެހެންޏާ ވަރިހަމަ އެއްވެސް އެއްޗެއް ނުފޮނުވިޔަސް... މަންމަ ވެސް ބުނާނެ އެހެން މީހަކު ހުރިނަމަ މިގޮތަށް ދަރީން ކައިރިއަކު ސަލާމެއް ނުޖަހާނެ... އަމީރު ވެސް އެހެން ކަންތައް އެކުރީ އަހަންނަށް ޚަރަދުކުރާން ބޮޑުވެގެން..." ރުބީނާގެ ނުރުހުމުގެ ބަސްތައް އިއްވާލިއެވެ.

"ރުޅި ނާދޭ މަންމާ... މިކޮޅަށް ވަރަށް ވިއްސާރަ... މިހާރު ވެސް ބޯކޮށް ވެހެނީ... މިގަޑީގައި ބޭންކު ހުޅުވާފައެއް ނޫން ހުންނާނީ... އިރާދަ ކުރެއްވިއްޔާ މާދަމާ ހެނދުނު ފައިސާ ފޮނުވާނަން،" ނިތަށް ގިނަ ވެގަތް ރޫތަކާއެކު ނިޔާނު ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކު އެވެ. އޭނާގެ ވާހަކަ އަޑުއަހަން ހުރި ރުބީނާގެ އަޑުގައި ހުރި ނުރުހުމުގެ އަސަރު ވަގުތުން ފިލައިގެން ދިޔައެވެ.

"ދެން ބާއްވަނީ... ކޮންމެވެސް މަދަމާ ހަނދާންކޮށް ފައިސާކޮޅު ޖަމާކޮށްލަދޭތި..." ރުބީނާ ފޯނު ކަނޑާލި އެވެ. ނިޔާނު އެއްވެސް އެއްޗެއް ނުބުނެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ.

ފަޅުވެފައި އޮތް މަގުން ކަޅުކުލައިގެ ކުޑައެއްގެ ހިޔަލުގައި އަންނަ އަންހެންކުއްޖާ ނިޔާނުގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ އަތްދަބަސް މެޔާލާ ފޮރުވާލައިގެން ހުރިއިރު އޭނާ ލާފައި ހުރި ފިޔާތޮށިކުލައިގެ ހަރުވާޅު ހެނދުމުގެ ފަސްބައިގެ ބޮޑު ބަޔަކާއި ހަރުވާޅުގެ ފައިކުރިން ބޮޑުބައެއް ތެމި ފޯވެފައި ވެއެވެ. އެހެން ނަމަވެސް ކުޑަ ހިފަހައްޓާލައިގެން ހުރި ގޮތުން އެ އަންހެންކުއްޖާގެ މޫނު ނިޔާނަށް ފެންނަ ގޮތެއް ނުވިއެވެ. ކުޑަކޮށް ކަކުލުހުޅު ލަންބާލާ ތިރިވެލުމުން ވެސް އެއީ ކާކުކަމެއް ނޭނގުނެވެ. ބަލަބަލާ ހުއްޓާ ކުރިމަތިން ކަހަލަ ގޮތަކަށް ފެންނަން ހުރި ރީނދޫ ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަންނަމުން އެ އަންހެންކުއްޖާ ކުޑަ އަރިކޮށްލިއެވެ. އެއާއެކު އައިރާގެ މޫނު ނިޔާނަށް ފެނުނެވެ.

"ލިޒީ އާއި އައިރާ އުޑާ ބިމާހާ ތަފާތު... ޝީ ލުކް ސޯ ސިމްޕަލް... އެ ދެ މީހުން ބެސްޓްފްރެންޑުންނޭ ބުނީމާ ވެސް ޤަބޫލުކުރަން ދަތި... ފެންނަ ފެނުމަށް އެހާ ތަފާތު ހުރިއިރު މިޒާޖުގައި އަދި ކިހާބޮޑު ތަފާތެއް ހުންނާނެ..." ނިޔާނު އޭނާގެ އަމިއްލަ ޟަމިރާ ވާހަކަ ދެއްކި އެވެ.

* * * *

ވަރުބަލިކަމުގެ ފުންނޭވާއެއް ލުމާއެކު އައިރާ އަވަސްވެލީ ކޮޓަރިއަށް ދާށެވެ. އެހެންނަމަވެސް މީހަކަށް ނުފެނި ދެވޭގޮތެއް ނުވިއެވެ. ހިޝްމާ ސޯފާގައި އިން ގޮތުން ހީވަނީ އައިރާ އަންނާނެ އިރަކަށް ތައްޔާރުވެގެން އިންހެނެވެ. ރުޅިވެރި ކަމުގެ އަސަރު މޫނުމަތިން ފާޅުވަމުން ދިޔައިރު މަޑު ރަތްކުލައެއް ވެސް އެ މޫނަށް ވެރިވެފައި ހުރި ކަހަލައެވެ.

"އަންނަން އެނގިއްޖެ... އޮފީހަކަށް ތިއޮތީ ވަދެވިފައި... ބަލަ އަހަރެން ނުބުނަންތަ މިގޭގައި ކުރަންހުންނަ ކަންކަން ކޮށްފައޭ ހުންނަން ޖެހޭނީ... އަހަރެން ދޮންނަން ބުނި އެއްޗެހި ވެސް އެހެރީ ނުދޮވެ... ދެން ކިހިނެއް މިރެއަށް އެ ހެދުން ލާނީ... އޮފީހަށް ދިޔަޔަސް ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ މިގޭގައި އަހަރުމެންގެ ކަންތައްތައް ކޮށްދޭން..."

"ދައްތާ! މެންދުރު ކައްކާ ނިމުނުއިރު ވަގުތު ނެތީމަ ހަނދާން ނެތުނީ... އަވަހަށް ނާދެވުނީ ވާރޭ ވެހޭތީ... އެހެންވިޔަސް ލަސްވާތީ ކުއްޖަކު އަތުން ކުޑައެއް ހޯދައިގެން މިއައީ..." ކަންތައްވީ ގޮތް އޮޅުންފިލުވައިދޭން އައިރާ މަސައްކަތްކުރި އެވެ. އެހެން ނަމަވެސް ހިޝްމާ އިނީ އަޑުއަހަން ބޭނުންވެފައެއް ނޫނެވެ. ހަމައެވަގުތު ޝަމްރާ ވެސް ނުކުމެ އޭނާގެ ފިލާވަޅެއް ހަދަން އައިރާއާ ހަވާލުކޮށްފައި އޮންނާނެ ކަމުގައި ބުންޏެވެ. މާދަމާ ސުކޫލަށް ދާންވާއިރަށް އެ މަސައްކަތް ނިންމަން ޖެހޭކަން އައިރާއަށް ޝަމްރާ ހަނދާން ކޮށްދިނެވެ.

"އަދި އެއްކޮށް ނުނިމޭ... މިހާރު ގޮސް އެ މަސައްކަތް ނިންމާލަ ދޭނަން..." އައިރާއަށްވުރެ އުމުރުގެ ގޮތުން ޝަމްރާ ހަގު ނަމަވެސް ޝަމްރާގެ އަމުރުވެރި ބަސްތަކުން ހީވާނީ ވެރިޔަކު އޭނާގެ އަޅުކުއްޖާއަށް އަމުރު ހިންގާހެނެވެ. ނުކޮށްފިއްޔާ ވެސް އެހާވަރު އަރުވާލައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެންމެ ޅައުމުރުގައި ވެސް އޭނާ ބޮޑުވަމުން އައީ ހިޝްމާގެ ޢަމަލުތައް އައިރާއާ މެދު ބަހައްޓާގޮތް ފެންނަމުންނެވެ. ޝަމްރާއަށް ބަސް ކިޔެން ފެށި ހިސާބުން އޭނާ ވެސް އައިރާއަށް ކުރަން ފެށީ އަމުރެވެ.

"އެއްވެސް ކަމެއްނުކޮށް އިހަށް ދޭ އަހަންނަށް ކޮފީއެއް ހަދައިގެން އަންނަން..." ހިޝްމާ ބުންޏެވެ. އައިރާ ބޯޖަހާލުމާއެކު އަވަސް އަރުވާލާފައި އެތެރެއަށް ދިޔައެވެ. އޭނާގެ ކޮޓަރީގެ ބޭރުން ކުޑަދޮރުގައި އަތުގައި އޮތް ކުޑަ ލައްކޮށްލުމަށްފަހު ބަދިގެ ވަދެ ހިޝްމާއާށް ކޮފީ ހެދިއެވެ. ވެފައި ހުރި ވަރުބަލިކަން ވެސް އިހުސާސްކޮށްލަން މަޑުޖެހިލާނެ ވަގުތެއް އައިރާއަށް ނުލިބުނެވެ.

ހަމަޖެހިލާނޭ ވަގުތެއް އައިރާއަށް ލިބުނީ އެންމެން ރޭގަނޑުގެ ކެއުން ނިންމާފައި ބަދިގެއިން ނުކުތުމުންނެވެ. އޭނާ ވެސް އަތްމަތި އަވަސްކޮށްލާފައި ކައިގެން ތަށިތައް ނަގާ ތެލީގައި ބާކީ ހުރި އެއްޗެއް ހޫނުކޮށް ހަދާފައި ނުކުމެގެން އައިސް ކޮޓަރިއަށް ވަންނަން އުޅުނެވެ. އެވަގުތު ހުސްފުޅިއެއް ހިފައިގެން ހުރި ޝަމްއާނު ކުއްލިއަކަށް އައިރާގެ ކުރިބައްދާ އޭނާގެ އަތުގައި ހިފިއެވެ. އެހާމެ އަވަހަށް އައިރާ އަތްފޮޅުވާލި އެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ..." ވެފައި ހުރި ވަރުބަލިކަމާއެކު އައިރާގެ ގާތަށް ރުޅި އައެވެ.

"މިއޮއްކަރުވާ ހީއެއް... އަޅެ ފިންޏެއް ނުވޭތަ..." ފިނިވެގެން ރޫރޫ އަޅާމީހަކު ފަދައިން ހަރަކާތްކޮށްލުމާއެކު ޝަމްއާނު ބުންޏެވެ.

"ތި ވިޔާނުދާ ވާހަކަތައް ދައްކާނެ އެހެންމީހަކު ހޯދާ... އަހަންނެއް ނޫޅެން ކަލޭގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް... މިތަނުން ދާންއުޅޭ... އަހަރެން ކޮޓަރިއަށް ވަންނަންވެއްޖެ... ތަންދައްކާ..."

"މިކުއްޖާ މިހާރު ހާދަ ފޮނި ބޮޑުވެއްޖެއޭ... އެންމެންގެ އަޅެއްހެން އުޅޭއިރު އަހަރެން އެހެންތަ މި ކަންތައް ކުރަނީ... އައިރާއާ ދިމާއަށް އަހަރެން އެއްޗިއްސެއް ނުކިޔަމެއްނު... އެނގޭތަ އެއީ ކީއްވެކަން..." ޝަމްއާނު އަލުން އައިރާގެ އަތުގައި ހިފާލަން އުޅުނެވެ. އައިސްފައި ހުރި ރުޅި ހައްތަހާ ގަދަވަމުންދިޔަ އައިރާ ދެއަތަށް ލެވުނުހާ ބާރެއްލާ ޝަމްއާނު ދުރަށް ކޮށްޕާލިއެވެ.

"ބޭބެއަށް ދެން ގޮވާނީ... ހުވާ މިކުރީ... ދެން އެންމެ ފިޔަވަޅެއް ވެސް ކަލޭ އަޅާބަލަ..." ދެ ލޯ އަޅައިގެން ހުރެ އައިރާ ބުނެލިއެވެ.

"އޯކޭ... ބަޓް ހަނދާން ކުރައްޗޭ ތި އުޅެނީ މަށަށް ފެންނަ ހިސާބުކަން... އަހަރެން ބޭނުންވެއްޖެނަމަ އަތް ވެސް ލާނަން... އައިރާއަކަށް ނުވެސް ހުއްޓުވޭނެ..."

"ޝަމްއާނު..." ހިޝްމާގެ އަޑުއިވުނެވެ.

"މި ފެންފުޅިއަށް ފެންއަޅައިގެން ގެނެސްބަލަ... އެކަން ކުރަން އެނގޭނަތަ؟" ކުއްލިއަކަށް ޝަމްއާނުގެ މުޅި ޠަބީޢަތް ބަދަލުވެގެން ދިޔަ ކަހަލައެވެ. އޭނާގެ އަތުގައި އޮތް ޕްލާސްޓިކު ހުސްފުޅި އައިރާގެ އަތްނަގާ އެ އަތަށް ލާދެމުން ބުންޏެވެ.

"އޭނާއަށް މިހާރު ކިތަންމެ ކުޑަކަމެއް ކުރާން ޖެހުނަސް ބޮޑުވާނެ..." ޝަމްއާނުގެ އަޑުއަހަން ހުރެފައި ހިޝްމާ ބުންޏެވެ. އެހެންނަމަވެސް މިފަހަރު އައިރާގެ މޫނުމަތިން ރުޅިވެރިކަމެއް ފިލައިގެނެއް ނުދިޔައެވެ. އަތުގައި އޮތް ފުޅިއަށް ފިތާލުމާއެކު އެނބުރި ހިފައިގަތީ ބަދިގެއާ ދިމާއަށެވެ.

ފުޅިއަށް ފެން އަޅައިގެން އައިއިރު ޝަމްއާނު ކޮޓަރިއަށް ވަދެއްޖެއެވެ. ތާއިބުއާއި ހިޝްމާގެ އިތުރުން ޝަމްރާ ވެސް ނިދަން ވަނީއެވެ. މުޅި ގޭތެރެ ހިމޭންވެފައިވެއެވެ. އައިރާ އައިސް ޝަމްއާނުގެ ކޮޓަރި ދޮރުބުޑުގައި ފެންފުޅި ބަހައްޓާފައި ޓަކި ޖަހާލިއެވެ. އަދި ޝަމްއާނު ހުޅުވަން ވާއިރަށް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

"އަޅޭ... މީ ކާކު ކޮށްފައި ހުރި ކަމެއް..." ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލަން އުޅުނު ވަގުތު އައިރާގެ ލޮލުގައި އަޅައިގަތީ ކުރިން ހަރުކޮށްފައި ހުރި މަކުޑިތައް ނެތްކަމެވެ. އެ މީހަކު އެކަމެއް ކުރީ އައިރާ ބަދިގޭގައި އުޅެނިކޮށްކަން އައިރާއަށް ޔަޤީން ވެއެވެ. ހަށިގަނޑަށް އަރާމެއްދޭން ބޭނުންވެފައި ހުރި އައިރާއަށް މަޑުމަޑުން ރޮވެން ފެށުނެވެ. އެ މަކުޑިތަކާއި ނުލާ އޭނާއަށް އެކޮޓަރިއަކީ ރައްކާތެރި ތަނެއް ކަމުގައި އިހުސާސެއް ނުވެއެވެ. ނިދަން ބޭނުންވިޔަސް އޭނާއަށް ލޮލުފިޔަ ޖަހާލާކަށް ނުކެރޭނެއެވެ. އަނެއްކޮޅުން ލޮޑުވެފައި ހުރިވަރުން އައިރާގެ ބޮލުގައި ވެސް ރިއްސަމުންދިޔައެވެ. ހަދާނޭ ގޮތެއް ނޭނގެ އެއްފަރާތު ފާރުގައި ޖައްސާފައި ހުރި ހިމަދިގު އެނދުމައްޗަށް އަރާ ދެކަކޫ ގެނެސް މެޔާލާ ބޮނޑިކޮށްލައިގެން ކަނަކަށް ވަދެ އައިރާ އިނެވެ. އެހެން އިންދާ އޭނާގެ ދެ ލޯ މެރުނީ އަމިއްލަ ބާރަކު ނޫނެވެ. ހަށިގަނޑަށް ވެސް ކެތްނުވާ ހިސާބަށް ދިޔައީއެވެ.

"މަން...." ސިހިފައި ހަޅޭލަވައިގަންނަން އުޅުނު އައިރާގެ އަނގަޔަށް މީހަކު ފިތާލި ފިތާލީނުން އަޑު ވެސް ކަރުބުޑުގައި ތާށިވެއްޖެ އެވެ. (ނުނިމޭ)