ސްޓެލްކޯ

ކޮރަޕްޝަނަށް ހޭލުންތެރިކުރަން ސްޓެލްކޯއިން ބޮޑު ސްކްރީނެއް

ކޮރަޕްޝަނާމެދު މީހުން ހޭލުންތެރިކޮށް، އަހުލުވެރިކުރުމަށް ސްޓެލްކޯ ކައިރިން ބޮޑު ތަކުރުފާނު މަގުގައި ބޮޑު ލެޑް ސްކްރީނެއް ބަހައްޓަން ނިންމައިފި އެވެ. އެ ސްކްރީން ބަހައްޓަނީ ވެސް ސްޓެލްކޯއިންނެވެ. އެ ސްކްރީންގައި ދައްކަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތައްޔާރު ކޮށްފައިވާ ޑްރާމާތަކާއި ވީޑިއޯ ކްލިޕްތަކެވެ. މި ސްކްރީނުން މާދަމާ އެއްޗެހި ދައްކަން ފަށާނެ އެވެ.

މި ސްކްރީންއަކީ ސްޓެލްކޯ އާއި އޭސީސީން ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ބަހައްޓާ ސްކްރީނެކެވެ. މިއަދު ސްޓެލްކޯ އަދި އޭސީސީއިން ވަނީ ގުޅިގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ އޭސީސީއާއެކު މިފަދަ އެއްބަސްވުމެއްގައި ސަރުކާރުގެ ކުންފުންޏަކުން ސޮއިކުރި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވުމަށްފަހު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ސްޓެލްކޯއިން ތެދުވުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ކުންފުނިތަކާއި މުއައްސަސާތަކުން ވެސް ސްޓެލްކޯ ނަމޫނާއަކަށް ބަލައިގެން މިފަދަ ކަންކަމުގައި އިސް ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އޭސީސީއަށް އެކަނި ކޮރަޕްޝަން ނުހުއްޓުވޭނެ، އޭސީސީއަށް މިކަން ކުރެވޭނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުން، ކޮރަޕްޝަންގެ ދެ ފަރާތް އޮންނާނީ، އަޅުގަނޑުމެން ސަރުކާރުގެ ތިބޭ މީހުންނާ ހަމައަށް އައިސް ކޮންމެ ފަރާތަކުން ހުށަހެޅުމެއް ހުށަހެޅީމަ މި ހިނގައިގަންނަ ގޮތް މިވަނީ، އެހެންވީމަ ރައްޔިތުން ވެސް މިތިބީ މީގަ ތެރޭގަ، އެހެންވީމަ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކޮރަޕްޝަން ހުއްޓުވޭނީ،" ލުތުފީ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަބްދު ޝުކޫރު ސޯލިހު ވިދާޅުވީ، ސްޓެލްކޯއަކީ ވަރަށް ބޮޑު ހަރަދުތަކެއް ހިނގާ، އަދި އެހާ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް ކަމަށެވެ. އެހެންކަމުން ތަނުގެ ކަންކަން ބަލެހެއްޓުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ތަނުގެ ހުރިހާ ކަމެއް ވެސް ކުރެވޭތޯ ބަލަނީ އެ އޮންނަ އުސޫލާއި ގަވައިދާއި ގާނޫނަކާ އެއްގޮތަށް ކަމަށް ޝުކޫރު ވިދާޅުވި އެވެ.

އަދި ޝުކޫރު ވިދާޅުވީ، ސްޓެލްކޯއިން ބަހައްޓާ ޓީވީ ވަރަށް ބޮޑު ސަރަހައްދަކަށް ފެންނާނެ ކަމަށެވެ. އެގޮތުން ޓްރެކް ސަރަހަދަށް ވެސް ރީއްޗަށް ސްކްރީން ފެންނައިރު، އޭގެން ކޮރަޕްޝަނަށް ހޭލުންތެރިކުރުވާ މެސެޖްތަކާއި ވީޑިއޯތަކާއި ޑްރާމާތައް ތަކުރާރުކޮށް ފެންނަން ހުރުމުން ހޭލުންތެރިކަން އިތުރުވެގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އިތުރު ކަންކަން ވެސް ކުރަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ލުތުފީ ވިދާޅުވީ، ސްޓެލްކޯ މުވައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ހެދުމަށް ދޭން ޖެހޭ ޓްރެއިނިންތައް ދިނުމާއި ސްޓެލްކޯގެ ބައެއް ކަންކަން ބަލައި، ލޫޕްހޯލެއް ހުރިތޯ ބަލައި ޗެކްކުރުން ފަދަ ކަންކަން ވެސް ކުރާނެ ކަމަށެވެ.