ކެއްސުމަކީ ބައްޔެއް ނޫނެވެ. މިއީ ހަށިގަނޑުގައި ހުރި ކޮންމެވެސް ކަހަލަ އިތުރު އުނދަގުލަކާ ހެދި ވާގޮތެކެވެ. ފުއްޕާމޭ ނުވަތަ ކަރުގައި ހުރި މައްސަލައަކުން ނުވަތަ ނުސާފު ވައިގެ ސަބަބުން ނޫންނަމަ އުޅޭ މައުހުލު ނުވަތަ ސިނގިރޭޓް ބުއިމުގެ ސަބަބުން ކެއްސައިފާނެ އެވެ.
އެހެން ނަމަވެސް ގިނަ ފަހަރަށް ކެއްސާއިރަށް ބޯލެވޭނީ ދެތިން ސަމްސާ ކޯފްސިރަޕް އެވެ. މިއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ސަބަބަކީ ގިނަ ފަހަރަށް ކޯފް ސިރަޕް ބުއިމުން ވަގުތީ ގޮތުން ކެއްސުން ރަނގަޅުވި ނަމަވެސް ކެއްސަން ދިމާވާ ސަބަބަށް ފަރުވާ ނުކުރެވެ އެވެ. އަދި ކެއްސަން ދިމާވާ މައިގަނޑު ސަބަބު އެއްފަރާތް ކޮށްލުމަށްފަހު ކޯފް ސިރަޕް ސަމްސަލެއް ދަމާލުމަކީ އެ ބޭހުންވާ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުންވާނެ ކަމެކެވެ.
މެޑިކަލް ސްޕެސަލިޝްޓެއް ކަމަށްވާ ޑރ. ޗަންދްރާ އެމް. ގުޅަތީ ވިދާޅުވާ ގޮތުގައި ކެއްސުމަކީ ހަޑިގަނޑުގައި ބައްޔެއް އުޅޭކަން އަންގައިދޭ އަލާމާތެކެވެ. އަދި އެބައްޔަށް ފަރުވާ ކުރުމުގެ ބަދަލުގައި ކެއްސުން ހުއްޓުވުމަށް ކޯފް ސިރަޕް ބުއިމަކީ ގެއްލުން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
ކޯފް ސިރަޕް ބުއިމުގެ ކުރިން އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްފަހު ކެއްސަން ދިމާވާ ބައްޔަން ފަރުވާ ކުރަން އާދަ ކުރާށެވެ.
ރޯގާޖެހި ކެއްސާނަމަ ކޯފް ސިރަޕް ބުއިމުގެ ބަދަލުގައި ގޭގައި ހުރި އެއްޗެއް ބޭނުންކޮށްލައިގެން ގުދުރަތީ ތާސީރުން ބުއިމެއް ތައްޔާރު ކޮށްލެވިދާނެ އެވެ. މިއީ ހަށިގަނޑަށް ވެސް ނުރައްކަލެއް ނެތް އެންމެ ފައިދާ ހުރި ގޮތެވެ.
ރޯގާ ޖެހި ނޭވާލާން އުނދަގޫވާނަމަ ހޫނުފެނުން އާވި އާރުވާށެވެ. މިއީ މިހެން ހެދުމުން ނޭވާލާން ފަސޭހަވެ، މޭގައި ހިފާފައި ހުންނަ އަރިދަފުސް ފަސޭހައިން ބޭރުވެ އެވެ. ކެއްސުމަށް ލުޔަށް ލިބެ އެވެ.
މީގެ އިތުރުން ވެސް އަސޭމިރުސް ކޮޅެއްގެ ތެރެއަށް މާމުއި ސަމްސަލެއް އަދި ކުޑަ ފެންފޮދެއް އެއްކޮށްލުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްވަންދެން ގިރާލުމަށްފަހު ބޯލާށެވެ. ކެއްސުން ފިލަންދެން ދުވާލަކު 1-2 ބޯންވާނެ އެވެ. ނޫންނަމަ ދުވާލަކު ދެ ފަހަރު މާމުއި ސަމްސަލެއް ކެއްސުން ފިލަންދެން ބޯށެވެ.
މާގަދަޔަށް ކެއްސާނަމަ ގާނާފައި ހުރި އިނގުރުގެ ތެރެއަށް ހިއްކާފައި ހުރި ޕެޕާމިންޓް ފަތް އެއްކުރާށެވެ. އަދި ހަތަރު ޖޯޑު ފެން އުޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އަދި ހިހޫވުމުން އެއްޖޯޑު މާމުއި އެއްކުރުމަށްފަހު ރަނގަަޅަށް ގިރާލާށެވެ. ތައްޔާރުކުރި ސިރަޕް ތިން ހަފްތާވަންދެން ފްރިޖްގައި ވެސް ބެހެއްޓިދާނެ އެވެ. އަދި ކެއްސުން ރަނގަޅު ވަންދެން ދުވާލަކު އެއް ސަމްސާ ބޯށެވެ. ނަމަވެސް މި ސިރަޕް ބޯންވާނީ ފުރިޖުން ނަގައި ފިނި ކަނޑުވައިގެނެވެ.