ހަބަރު

ނާޒިމް އަލުން ފުލުހުންގެ ބަންދަށް ގެންގޮސްފި، ޝަރީއަތް މާދަމާ ރޭ ބާއްވަނީ

ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަލުން ފުލުހުންގެ ބަންދަށް ގެންގޮސް ނާޒިމްގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިއްޔެ އޭނާ ގޭ ބަންދަށް ބަދަލުކުރީ މެޑިކަލް ޓެސްޓްތަކެއް ހެދުމަށެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އަލުން ފުލުހުންގެ ބަންދަށް ބަދަލުކޮށްފަ އެވެ. އޭނާ ބަންދުކޮށްފައި ހުންނަނީ ފުލުހުންގެ ކަސްޓޯޑިއަލެއް ކަމަށްވާ ކ. ދޫނިދޫގަ އެވެ.

ނާޒިމް މިއަދު ފުލުހުންގެ ބަންދަށް ބަދަލު ކުރިއިރު އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ރޭ ބާއްވަން ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. އެ އަޑުއެހުން ތާވަލްކުރީ މިއަދު އަޑުއެހުމެއް ބާއްވަން ކުރިން ތާވަލް ކުރުމަށް ފަހު އެ އަޑުއެހުން ކެންސަލްކޮށްފައި ވަނިކޮށެވެ.