ޕީޕީއެމް

ޕީޕީއެމްގެ ޕްރައިމަރީ މި މަހުގެ 27 ގައި

Jan 15, 2017

އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރައްވާނެ ކެންޑިޑޭޓުންގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމައީ މި މަހުގެ 27 ގައި ބާއްވަން އެ ޕާޓީން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ޕީޕީއެމްގެ އާ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ 64 ދާއިރާ އެއްގައި އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އިއުލާންކޮށްފައިވާނެ ކަމަށާއި އެ ތާރީހުގައި އެ ދާއިރާތަކުގެ ޕްރައިމަރީ އޮންނާނެ ކަމަށެވެ.

ޕްރައިމަރީ ބާއްވަން ޖެހެނީ

  • ސިޓީ ކައުންސިލްގެ 10 ދާއިރާ
  • އަތޮޅު ކައުންސިލުގެ 16 ދާއިރާ
  • ރަށު ކައުންސިލުގެ ތެރެއިން 38 ދާއިރާ

ހަލީލު ވިދާޅުވީ ޕީޕީއެމްގެ ޓީކެޓްގައި ކުރިމަތި ލެއްވުމަށްޓަކައި ސައްހަ ފޯމުގެ ގޮތުގައި 550 ފޯމު ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކި ސަބަބުތަކާ ހުރެ ސައްހަ ނޫން ފޯމާއެކު 600 ވުރެ ގިނަ ފޯމް ހުށަހެޅި ކަމަށެވެ. ސައްހަ ނޫން ފޯމްތައް ފުރިހަމަކޮށް އިތުރަށް ހުށަހެޅުމަށް މި ހަފުތާގެ ނިޔަލަށް ފުރުސަތު ދީފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ކޯލިޝަންގެ ހިމެނޭ އެމްޑީއޭ އާއި ޑީއާރްޕީއަށް 50 ވުރެ ގިނަ ގޮނޑި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްގެ ސްޕޯކްޕާސަން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް މިއަދު ވިދާޅުވި އެވެ.

ޕީޕީއެމް ވާދަ ކުުރާ 273 ދާއިރާގެ ތެރެއިން ޕްރައިމަރީ ބައްވަން ނުޖެހެނީ 212 ދާއިރާގަ އެވެ.

"ގޮނޑިތަކުގެ އަދަށް ސީދާ ޕީޕީއެމުން މެންބަރުން ކުރިމަތި ނުކުރު ވުން، މިސާލަކަށް އަޅުގަނޑުމެންގެ އެއް ކެނޑިޑޭޓަކު ނުކުމެ ހުރެދާނެ ބާކީ އެހެން ގޮނޑިތައް ކޯލިޝަން މެންބަރުންނަށް އެހެން ގޮނޑިތައް ދީފަ، ދެ ވަނަ ގޮތަކީ ގޮނޑިތަކުގެ އަދަދަށް އަޅުގަނޑުމެންގެ ބޭފުޅުން ކުރިމަތި ލާފައި ހުރުން، މިސާލަކަށް ކ. ހުރާގެ ތިން ގޮނޑިއަށް ވާވަރަށް ތިންބޭފުޅުން ނުކުމެ ހުރެދާނެ އެހެންވެއްޖެއްޔާ އެ ތަނުގައި ޕްރައިމެރީ އެއް ނޯންނާނެ، ތިން ވަނަ ގޮތަކީ ކެނޑިޑޭޓުން ބެޓް ކުރުމަށްޓަކައި ވަރަށް ގިނަ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހިމަނަން އެގޮތުން 75 މާކްސް ހަމަވެއްޖެއްޔާ އެބޭފުޅަކަށް ޕްރައިމެރީއާ ހަމަޔަށް މި ދެވެނީ އެ އަދަށް މާކްސް ނުލިބިއްޖެއްޔާ ޕްރައިމެރީ އަކަށް ނުދާނެ" ހަލީލު ވިދާޅުވި އެވެ.

ޑިސެމްބަރު 15 ކުރިން ޕީޕީއެމްގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ވޯޓް ލެވޭނެ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ. އަދި މާލޭގައި ކޮންމެ އަތޮޅަކަށް ވޯޓް ފޮއްޓެއް ބައްހައްޓާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި އެ ދާއިރާއަކުން ވޯޓް ލިބުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ލިސްޓް އެ ދާއިރާ އަކުން ކުރިމަތިލާ ކެނޑިޑޭޓުންނަށް ދޫކުރާނެ އެވެ.