މިސްކިތް

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކަނޑިތީމުގައި އެޅި މިސްކިތް ހަވާލުކޮށްފި

Jan 15, 2017

އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ފަރާތުން ށ. ކަނޑިތީމުގައި ބިނާކުރި މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

މިސްކިތް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު އެ މިސްކިތް ހަދާފައިވަނީ އެލްޓެކް މޯލްޑިވްސްއިންނެވެ. މި މިސްކިތަކީ 700 މީހުންގެ މިސްކިތެކެވެ. މިސްކިތް ބިނާ ކުރަން 8.9 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

ކަނޑިތީމު މިސްކިތުގެ އިތުރުން އަލިފުޅު ތުއްތު ފައުންޑޭޝަނުން ވަނީ ރާއްޖޭގެ ހަ ރަށެއްގައި މިސްކިތް އަޅަން ހަވާލުވެފަ އެވެ. އެއީ، ހއ. ތަކަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ނަރުދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި މ. މުލަކުގައި 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ރ. ހުޅުދުއްފާރުގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި އަދި ލ. މާމެންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތްތަށް ހެދުމަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަވާލުވީ މިނިސްޓްރީން އެކަމަށް ހުޅުވާލުމުންނެވެ.

އޭގެ އިތުރަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން އިސްނަގައިގެން ހދ. ހަނިމާދޫގައި މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މަޝްރޫއުގެ އަގަކީ 8.9 މިލިއަން ރުފިޔާ އެވެ. މަސައްކަތް މި އަހަރުގެ އޯގަސްޓް މަހު ނިމާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.