ހަބަރު

ކޮރަޕްޝަންގެ 35 މައްސަލައިން 1.4 މިލިއަން ރުފިޔާ ލިބެންޖެހޭ: އޭސީސީ

ކޮރަޕްޝަން ހިމެނޭތީވެ، ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި 35 މައްސަލައަކުން ދައުލަތަށް 1.4 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީ އިން އާންމު ކުރި އެ ކޮމިޝަންގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި، އެ ކޮމިޝަނުން މިދިޔަ އަހަރު ބެލި 783 މައްސަލައިގެ ތެރެއިން ޕީޖީ އަށް ފޮނުވުމަށް ނިންމި، 38 މައްސަލައެއްގައި 67 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކަމަށެވެ. ފައިސާއިން ބަލާ ނަމަ އެ މައްސަލަތަކުގެ އަދަދު 219.1 މިލިއަން ރުފިޔާއަށް އަރާ އިރު، އެ މައްސަލަތަކުގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ދައުލަތަށް ގެއްލިފައިވާ 1.4 މިލިއަން ރުފިޔާ ހޯދުމަށް ކަމަށެވެ.

އެ ހުރިހާ މައްސަލަތަކުގައި ޖުމްލަ 104 ދައުވާއެއް ކުރަން ޕީޖީގައި އޭސީސީ އިން ވަނީ އެދިފަ އެވެ. އޭގެ ތެރެއިން 76 މައްސަލަ އަކީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކެވެ. އަދި ދައުލަތަށް ގެއްލުނު ބަދަލު ހޯދުމުގެ 15 މައްސަލަ ހިމެނޭ އިރު، ނާޖާއިޒު ފައިދާ އަމިއްލައަށް ހޯދުމުގެ 76 މައްސަލަ ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ. ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ގެއްލުމެއް ވާގޮތަށް އަމަލު ކުރި ދެ މައްސަލައެއްވެސް ހިމެނެ އެވެ.

ކޮމިޝަނުން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ ތެރެއިން، 694 މައްސަލައެއްގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ވަނީ ނިންމައިފަ އެވެ. އަދި އިދާރީ ކަންކަން ހަރުދަނާ ކުރުމުގެ ލަފާ ދިނުމަށް ފަހު 208 މައްސަލައެއް ވަނީ ނިންމައިފަ އެވެ. ކޮރަޕްޝަން ކަމަށް ތަހުގީގަށް ހާމަވެ ދައުވާ ކުރަން ފޮނުވީ 38 މައްސަލަ އެވެ.

ރިޕޯޓްގައިވާ ގޮތުގައި، ކޮރަޕްޝަން ހިމެނޭ އެންމެ ގިނަ މައްސަލަތައް ހުށަހެޅީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން 231 މައްސަލަ ހުށަހެޅި އެވެ. ދެން އެންމެ ގިނަ މައްސަލަތައް އައީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގޮތުން ކަމަށްވާ އިރު، އެގޮތުން 176 މައްސަލައެއް ހުށަހެޅި އެވެ. ތިން ވަނައަށް އެންމެ ގިނަ މައްސަލަ ހުރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ ގޮތުންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ކޮމިޝަނުން ބަލަން ފަށައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 2353 އަކަށް އަރައިފަ އެވެ.