ހަބަރު

ނަޝީދުގެ މައްސަލާގައި ކަން ކުރާނެ ގޮތް އިންޑިއާއަކަށް ނޭންގޭނެ: ދުންޔާ

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި ވަކި ގޮތަކަށް އަމަލުކުރުމަށް ދިވެހި ސަރުކާރަށް އެންގުމުގެ އެއްވެސް އިހްތިޔާރެއް އިންޑިއާއަށް ލިބިގެން ނުވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވެފައި ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް ނޫސްވެރިން ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ. ނަޝީދުގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން އިންޑިއާ އާއި އެމެރިކާ އަދި ޔޫރަޕްގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ނަޝީދުގެ މައްސަލަ ސިޔާސީ ނުކޮށް އެ ބޭފުޅާ މިނިވަންކުރުމަށް ގޮވާލާ ބޭރު ދުނިޔޭގެ ފިއްތުންތައް ސަރުކާރަށް ކުރިމަތިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ނަޝީދުގެ މައްސަލާގައި އިންޑީއާ އަދި އެހެން ގައުމަކަށް ވެސް ދިވެހި ސަރުކާރަށް އެއްވެސް ކަހަލަ އިރުޝާދެއް ނުދެވޭނެ ކަމުގެ ޔަގީންކަން ދުންޔާ މި ވަނީ ދެއްވައިފަ އެވެ.

"އަޅުގަނޑު ވާނީ ތަކުރާރުކޮށް ދަންނަވާފަ، އިންޑިއާ އިން އަޅުގަނޑުމެންގެ މިނިވަން މުސްތަގިއްލު ކަމަށް އިހްތިރާމްކުރެއޭ. ދެން އަޅުގަނޑުމެންނާ އެމީހުންނާ އޮތް އެކުވެރިކަމެއްގެ ތެރެއިން، ކަންބޮޑުވާ މައްސަލަތަކާ މެދު މަޝްވަރާކުރެވިދާނެ،" ދުންޔާ ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑަށް ހީވަނީ ވަކި ގޮތަކަށް އަމަލުކުރާށޭ ކިޔާފައި އިންޑިއާއަކަށް ވެސް އަދި އެހެން ގައުމަކަށް ވެސް އަޅުގަނޑުމެންނަށް ވަކި ގޮތަކަށް އިޝުރާދެއް ނުދެވޭނެހެން. ހާއްސަކޮށް ވަކި މައްސަލައެއްގައި."

މި މޭރުމުން ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވެފައި ވަނީ ހުކުމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ނަމަ އިސްތިއުނާފުކުރުމުގެ ފުރިހަމަ އިހްތިޔާރު ނަޝީދު އާއި އެ ބޭފުޅާގެ ގާނޫނީ ޓީމަށް ލިބިގެންވާ ކަމަށެވެ.

"ނިމިގެން އެ ދިޔައީ މިނިވަން އިންސާފުވެރި ޝަރީއަތެއް. ހުކުމް އެ ވަނީ އިއްވާފައި،" ދުންޔާ ވިދާޅުވި އެވެ.

އެހެންކަމުން ނަޝީދުގެ މައްޗަށް އިއްވާފައި މިވާ ހުކުމާ ދެކޮޅު ހެދުމުގެ ބަދަލުގައި މި ހުކުމަށް އިހްތިރާމްކުރުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަންނަވާކަން ވެސް ދުންޔާ ފާހަގަކުރެއްވި އެވެ.

ނަޝީދުގެ މައްސަލާގައި ދުނިޔެއިން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ މި މައްސަލާގައި ސްރީ ލަންކާ ފަދަ ގައުމުތަކުގެ އެއްބާރުލުން ދިވެހި ސަރުކާރަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ލަންކާގެ ސަރުކާރު ބަދަލުވިޔަސް އޭގެ ނޭދެވޭ އަސަރެއް ދެ ގައުމުގެ ގުޅުމަކަށް ކޮށްފައިނުވާ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސްގެ މައްޗަށް އިއްވި ޖަލު ހުކުމް ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވެފައި ވަނީ އެ ބޭފުޅާގެ މައްޗަށް ހުކުމް އައިސްފައި ވަނީ ނިކަން ސީރިއަސް މައްސަލައެއްގައި ކަމަށާއި ކުރީގެ ރައީސަކަށް ވިޔަސް އެފަދަ މައްސަލައެއްގައި ތަފާތުކުރެވޭކަށް ނޯންނާނެ ކަމަށެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކުރީ ވެރިކަމުގެ ދުވަސްވަރު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު "ގާނޫނުތަކާ ހިލާފަށް" ހިފައި ހައްޔަރުކޮށް "ވަގަށް ނަގާފައިވާ" ކަމަށް ބުނެ އެވެ.