ހަބަރު

ދަން ޖައްސައިގެން ވެސް މަރުގެ އަދަބު ދެވޭ ގޮތް ހަދާނަން: އުމަރު

ދަން ޖައްސައިގެން ވެސް މަރުގެ އަދަބު ދެވޭ ގޮތަށް އެކަމާ ގުޅޭ ގަވާއިދަށް ވަރަށް އަވަހަށް އިސްލާހު ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އެ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖަކްޝަން ޖަހައިގެންނެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގަވާއިދަށް ބަދަލުތައް ގެނެސް ދަން ޖައްސައިގެން ވެސް މަރުގެ އަދަބު ދެވޭނެ ގޮތަށް ގަވާއިދަށް ވަރަށް އަވަހަށް އިސްލާހު ގެންނަވާނެ ކަމަށެވެ. އަދި މަރުގެ އަދަބު ދޭނީ އިންޖަކްޝަން ޖަހައިގެންތޯ ނޫނީ ދަންޖައްސައިގެންތޯ ނިންމާނީ އެ އިރެއްގައި ހުންނަވާ ހޯމް މިނިސްޓަރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަން ނިންމުމުގައި އެ އިރެއްގެ ހާލަތާއި މަރުގެ އަދަބު ދެވޭނީ ކޮން ކަހަލަ ކުށެއްގައިތޯ ބަލާނެ ކަމަށް ވެސް ވިދާޅުވެ އެވެ.

"އޭގައި ދެ ގޮތެއް އޮތުމަކީ ރަނގަޅު ކަމެއްކަމަށް ފެނިގެން އަޅުގަނޑުމެން އެގޮތަށް މި ނިންމީ. އެކަމާ މެދު ކެބިނެޓްގައި ވެސް މަޝްވަރާ ކޮށް އެކަން މި ނިންމީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީހަކަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން ނިންމާތާ 45 ދުވަހާއި 60 ދުވަހުގެ ތެރޭގައި އެކަން މި ސަރުކާރުން ތަންފީޒު ކުރާނެ އެވެ. އަދި އެކަން ތަންފީޒު ކުރުމަށް މި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެއީ މި ސަރުކާރުން ކުރާނެ ކަމެއް. ގިނަ މައްސަލަތަކެއް އެބަ ހުރި ޝަރުއީ އެކި މަރުހަލާތަކުގައި. ސުޕްރީމް ކޯޓުން ހަމަ މައްސަލައެއް ނިމޭއިރަށް އެކަން ކުރެވޭ ވަރަށް ހުރިހާ ކަމެއް މި ވަނީ މިހާރު ތައްޔާރުވެފައި،" އުމަރު ވިދާޅުވި އެވެ.

ތޫނު ހަތިޔާރުން މާރާމާރީ ހިންގާ މީހުން ވެސް މިހާރު ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން މައްސަލަ ނިމެންދެން ހައްޔަރުގައި ބޭތިއްބޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެގޮތަށް ހެދުމުގެ ސަބަބުން މާރާމާރީ ހިންގައި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހުއްޓުވަން ބޮޑު ބާރެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ބަދަލުތަކުގައި ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މުޖުތަމައު އަމާން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ އެވެ.