އިސްލާމިކް ފައިނޭންސް

"ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް އެންމެ ކަމުދާ އެއް ގައުމު"

Jan 16, 2017
  • އެ ދާއިރާގައި ރާއްޖެއަށް ފުރުސަތު ގިނަ
  • ރާއްޖޭގެ ބްރޭންޑިން ގިނަ ބަޔަކަށް އެނގޭ
  • ބިޔަ މަޝްރޫއުތައް ދަނީ އިތުރުވަމުން

ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހަދަން އެންމެ ކަމުދާ އެއް ގައުމު ކަމަށާއި، ރާއްޖެ އޮތް ފުރުސަތުތައް ގިނަ ކަމަށް އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ދުނިޔޭގެ މަޝްހޫރު ބައެއް މާހިރުން މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ފައިނޭންސް ސެންޓަރު (އެމްއައިއެފްސީ) އިން އިންތިޒާމު ކޮށްގެން ހޮޓެލް ޖެން ގައި ފެށި، "ފިން ޓޯކް" ގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ފައިނޭންސް ސާވިސަސް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް، ޕްރޮފެސަރު ދާތުކް ރިފާތު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދަން މަސައްކަތް ކުރާއިރު، ރާއްޖެއަކީ މި ކަމަށް އެންމެ އެކަށީގެންވާ އެއް ގައުމު ކަމަށެވެ. އަދި މި މި މަގަށް ރާއްޖެ ގެންދިއުމަށް ހުރި ފުރުސަތުތައް ވެސް ގިނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖެއަކީ ގިނަ ގައުމުތަކަށް ދަތުރު ކުރަން ފަސޭހަ، ވިސާ ލިބުން ފަސޭހަ ގައުމެއް. މީގެ އިތުރުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ބްރޭންޑިން 'މޯލްޑިވްސް' އޭ ބުނުމުން ގިނަ މީހުންނަށް އެނގޭ! ރާއްޖެއަށް ޒިޔާރަތް ކޮށްލަން، ނޫނީ ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ގިނަ ކިތަންމެ ބަޔަކު އެބަތިބި،" ރިފާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން، ރާއްޖޭގައި ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ވެސް މިކަމަށް ހުރި ފުރުސަތެއް ކަމަށެވެ.

"ދުނިޔޭގެ އިސްލާމިކް ފައިނޭންސް ސެކްޓާގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރާ. އެހެންވެ މިއީ ހުރި ފުރުސަތުތަކެއް،" ރިފާތު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެހެން މާހިރެއް ކަމަށްވާ، ސްޓޭންޑަޑް ޗާޑަޑް ބޭންކުގެ ސީއީއޯ އަފާގު ހާން ވިދާޅުވީ މާލީ ދާއިރާ ތަރައްގީ ކުރުމަށް އޮތް އެންމެ ބޮޑު އެއް ފުރުސަތަކީ ގައުމުގެ ހަމަ ޖެހުން އޮތުން ކަމަށެވެ. އަދި ރާއްޖޭގައި އެކަށީގެންވާ ޓެކްސްގެ ނިޒާމެއް ގާއިމް ވެފައިވުމާއި ރާއްޖެއަކީ ގިނަ ބަޔަކަށް ދަންނަ ތަނަކަށްވުން މިއީ އޮތް ފުރުސަތު ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މުހިންމު އިންޑަސްޓްރީތައް އެބަހުރި. ހާއްސަކޮށް މަސްވެރިކަން. މިއީ ރާއްޖެއަށް އޮތް ފުރުސަތެއް،" އަފާގު ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި މިއަދު ފެށި މި ބައްދަލުވުމުގައި ރާއްޖޭގެ ފައިނޭންސް ސެކްޓަރުގެ ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. މި ބައްދަލުވުމުގެ މަގުސަދަކީ ފައިނޭންސް ހޯދުމުގައި ހުރި ފުރުސަތުތައް ދެނެގަތުމެވެ.