ހަބަރު

ގާޒީ ބަންދުކުރި އޮޕަރޭޝަންގެ އެލާޓް ލެވެލް މަތިކުރަން ޖަލީލު ލަފައަކަށް އެދުނު: ފަރުހަތު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގެ އެލާޓް ލެވެލް ބަދަލުކުރަން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު މަޝްވަރާ ކުރި ކަމަށް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިރޭ ހެކިބަސް ދީފި އެވެ.

މިހާރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖަލީލާ ދެކޮޅަށް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު މިރޭ ހެކިބަސް ދެއްވީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ޖަލީލުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމުގަ އެވެ.

ހެކިބަސް ދެމުން ފަރުހަތު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ސިފައިންގެ ލަފާ ދޭ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުން ޗެއާ ކުރީ ޖަލީލު ކަމަށެވެ. އެ ބައްދަލުވުމުގައި އަބްދުﷲ ގާޒީ ބަންދު ކުރަން ހިންގާ އޮޕަރޭޝަންގެ އެލާޓް ލެވެލް މަތި ކުރުމުގެ ލަފައަކަށް ޖަލީލު އެދިވަޑައިގަތް ކަމަށާއި އެގޮތަށް އެކަން ކުރަން އެ މަޖިލީހުގެ މެމްބަރުން ލަފާ ދިން ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ. އަދި އޭރުގެ ވައިސް ޗީފްގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި ފަރުހަތު ބައިވެރިވެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރާނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ސިފައިންގެ އިސް އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވި އެވެ. ޖަލީލު ވެސް އިންނެވި އެ ބައްދަލުވުމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ދެކޮޅަށް ގިނަ އޮފިސަރުން ވާހަކަ ދެއްކި ކަމަށާއި ނަމަވެސް ޖަލީލު އެކަމާ ދެކޮޅަށް ވަކި އެއްޗެއް ވިދާޅުވި ހަނދާނެއް ނެތް ކަމަށް ފަރުހަތު ވިދާޅުވި އެވެ.

މިރޭ ދެން ހެކިބަސް ދިނީ މިހާރު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަހުމަދު ނިލާމެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ދެތިން ދުވަސް ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ސިފައިންނާއި ފުލުހުން ބޭއްވި ބައްދަލުވުމެއްގައި އޭނާ ބައިވެރިވި ކަމަށާއި ބައިވެރިވީ ޖަލީލުގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް ގާޒީ ހައްޔަރުކުރާ ވާހަކަ އެ ބައްދަލުވުމުގައި ދައްކާފައިނުވާ ކަމަށް ނިލާމް ވިދާޅުވި އެވެ.

މިރޭގެ އަޑުއެހުމުގައި ހަ މީހެއްގެ ހެކިބަސް ނެގިއިރު ނިލާމާއި ފަރުހަތު ފިޔަވައި ދެން ތިބި ހެކިންނަކީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ގަދަކަމުން ކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން ދެ މީހަކާއި އަބްދުﷲ ގާޒީ ބަންދުކުރަން އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން ދެ މީހެއްކެ ހެކިބަހެވެ.

ގާޒީ ހައްޔަރުކުރަން ނަޝީދު ނިންމެވިކަން ސާބިތުކުރަން ހުށަހެޅި މީހުންގެ ތެރެއިން މިރޭ ހެކިބަސް ދިނީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުލްމަންނާނު ޔޫސުފާއި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ޖަމްޝީދެވެ. އެ ދެ މީހުން ވެސް ބުނީ އަބްދުﷲ ގާޒީއަށް 100 މީޓަރަށް ވެސް ކޯޓާ ކައިރި ނުވެވޭނެ ކަމަށް އޭނާ ހައްޔަރުކުރި ފަހުން ފުލުހުންނާ ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވި ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންދިޔައީ ގަދަކަމުން ކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން މިރޭ ހެކިބަސް ނެގީ ގާޒީގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތަ އެވެ. އެ ދެ މީހުން ވެސް ބުނީ ގާޒީ ހައްޔަރުކޮށްގެން ގެންދިޔައީ ގާޒީ ގޭގައި ހުއްޓާ ސިފައިން ވަދެ، އަތުގައި ހިފައިގެން ގަދަކަމުން ކަމަށެވެ. އަދި ގާޒީ ހައްޔަރުކުރިި ފަހުން އޭނާގެ ހަބަރެއް ލިބުނީ ޖެހިގެން އައި ރޭ ކަމަށާއި ގިރިފުށީގައި ބަންދުކޮށްފައި ހުރިއިރު ގާޒީއާ ވާހަކަ ދެއްކެނީ ވެސް ސިފައިން މެދުވެރިކޮށް ފޯނުކޮށްގެން ކަމަށެވެ.

މިރޭގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޖަލީލާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ގާޒީ އާއި ޗީފް އިންސްޕެކްޓާ އަހުމަދު ޝާކިރާއި މަހްމޫދާ ނަމަކަށް ކިޔާ މީހަކު ހާޒިރު ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ކުރީގެ ސީޕީ އަހުމަދު ފަސީހާއި ކުރީގެ ޑީސީޕީ އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދާއި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ހާޒިރުކޮށް ހެކިބަސް ނަގަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.

ފަސީހާއި އަތީފްގެ އިތުރުން ވައިސް ވަހީދު އުޅޭ ތަނެއް ނޭނގޭތީ އެ މީހުންގެ މައުލޫމާތު ތިން ދުވަސް ތެރޭގައި ހުށަހަޅަން ޝަރީއަތުން މިރޭ ވަނީ ދައުލަތަށް އަންގައިފަ އެވެ.