މަސްވެރިން

އަހަރު ފެށުނީއްސުރެ މަސްވެރިކަން ރަނގަޅު: މިފްކޯ

މިއަހަރު ފެށިގެން ކުރިއަށް ދާއިރު އާންމު ގޮތެއްގައި ރާއްޖޭގެ މަސްވެރިކަން ހުރީ ރަނގަޅު ކަމަށާއި މިދުވަސްވަރު މަސްވެރިންނަށް ދުވާލެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް އެސްޓީއޯގެ ދަށަށް ބަަލުކޮށް ރީސްޓަކްޗާ ކުރަމުން ގެންދާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓާ އަދްލީ އިސްމާއިލް މިއަދު ވިދާޅުވީ މި ދުވަސްވަރު އާންމުކޮށް ދުވާލަކު 150 ޓަނުގެ މަސް ބާނާ ކަމަށެވެ. އަދި މިއަހަރު ފެށިގެން އައި އިރު މަސްވެރިކަން މާބޮޑަށް ރަނގަޅު ކަމަށާއި އޭރު 300 ޓަނަށްވުރެ ގިނައިން މަސް ބާނާ ދުވަސް ވެސް ދިޔަ ކަމަށެވެ.

"މިިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އަދި މިމަހުގެ ކުރީކޮޅު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު. އަޅުގަނޑުމެންނަށް ކިރިޔަ ކިރިޔާ އޮބި އޮންނަ ވަރަށް ގޮސް ބައެއް ދުވަސް ދުވަހު 300 ޓަނަށްވުރެ ގިނައިން ލިބުނު. މިހާރުވެސް އެވްރެޖް ގޮތެއްގައި ރަނގަޅު. އެއީ ގާތްގަނޑަކަށް 150 ޓަނު. އެއީ ރަނގަޅު މިންވަރެއް،" އަދްލީ ވިދާޅުވި އެވެ.

މިފްކޯއިން މަސް ގަންނަނީ އާންމުކޮށް 20 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ. އެ ނިސްބަތުން ބަލައި އަދުލީ ވިދާޅުވީ ކޮންމެ ދުވަހަކު ގާތްގަނޑަކަށް ދެ މިލިއަން ނުވަތަ ތިން މިލިއަން ރުފިޔާއާ ގާތަށް މި ދުވަސްވަރު ރާއްޖޭގެ މަސްވެރިންނަށް ލިބޭނެ ކަމަށެވެ.

އަހަރު މެދުން ޖޫން، ޖުލައިގެ ގަދަ މޫސުމާ ހަމައަށް ވެސް ރާއްޖޭގެ މަސްވެރިކަން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އަދްލީ މިއަދު ވިދާޅުވި އެވެ.

"ޖޫން ޖުލައިގެ ގަދަ އަންނަންދެން މަސްވެރިކަން ރަނގަޅުވާނެ ކަމަށް ބެލެވެނީ. ޖެނުއަރީ، ފެބްރުއަރީ އަދި މާޗުވެސް ރަނގަޅަށް ހިފާއްޓާނެ،" އަދްލީ ވިދާޅުވި އެެވެ.