އިސްލާމިކް ފައިނޭންސް

"އިސްލާމިކް ފައިނޭންސްގެ ގަދަ 15 ގައި ރާއްޖެ ހިމެނުމަކީ ބޮޑު ކާމިޔާބެއް"

Jan 16, 2017
1

އިސްލާމިކް ފައިނޭންސްގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ 15 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި "ފިންޓޯކް" ވާހަކަފުޅު ދައްކަވަމުން ޑރ. މުނީޒާ ވިދާޅުވީ އައިސީޑީ ތޮމްސަން ރޮއިޓާސް އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓުން މިދިޔަ އަހަރު ނެރުނު ރިޕޯޓުން އެނގުނީ އިސްލާމިކް ފައިނޭންސްގައި ރާއްޖޭ ކުރިއަރާފައިވާ މިންވަރު ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން ގެންގުޅުވާ ވިސްނުން ކާމިޔާބު ވަމުން އަންނަ ކަމަށެވެ.

"މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ސެންޓަރުގެ މަގުސަދަކީ އިސްލާމިކް ފައިނޭންސްގައި ރާއްޖެއަކީ އެންމެ ވަރުގަދަ ގައުމަށް ހެދުން. އިސްލާމިކް ފައިނޭންސް މެދުވެރިކޮށް، ރާއްޖޭގެ ނާޒުކު އިގްތިސާދު ތަރައްގީ ކުރުން،" މުނީޒާ ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިސްލާމިކް ފައިނޭންސް ސެންޓަރު އުފައްދާ ގިނަ މަސައްކަތް ތަކެއް ވެސްވަނީ ފަށާފަ އެވެ. މިގޮތުން އާއްމުން ހޭލުންތެރި ކުރުމާއި އިސްލާމިކް ފައިނޭންސްގެ އެކި ޕްރޮޑަކްޓްތައް ބޭންކްތައް މެދުވެރިކޮށް ބާޒާރަށް ނެރެ އެވެ.

އިސްލާމިކް ފައިނޭންސް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ. މިގޮތުން އައިސީޑީ އިން މިދިޔަ އަހަރު ނެރުނު ރިޕޯޓު ދައްކާ ގޮތުގައި ރާއްޖޭގެ އިސްލާމިކް ބޭންކިންގެ އެސެޓްގެ ގޮތުގައި 114.14 މިލިއަން ޑޮލަރު އެބަހުއްޓެވެ. ނަމަވެސް މިއީ ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާއާ ބަލާއިރު ވަރަށް ކުޑަ އަދަދަކެވެ. ދުނިޔޭގެ އިސްލާމިކް މާލީ ނިޒާމުގެ އަގު ދެ ޓްރިލިއަން ޑޮލަރަށް ވުރެ އިތުރެވެ.