ހަބަރު

ނަޝިދާއެކު ޖަލައި ތިބޭނެ އެކުވެރި ގައިދީންނަކީ ކޮބައިތޯ ބަލަން ފަށައިފި

ޖަލުގައި ތިބި ގައިދީންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަށްޓެހިންނަކީ ކޮބައިތޯ ބަލައި އެމީހުންނަށް ރައީސް ނަޝީދާއެކު ތިބުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހޯމް މިނިސްޓްރީން އިން ފަށައިފި އެވެ.

ޓީވީއެމްގެ، ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނާނީ އޭސީ ކޮށްފައިވާ އެއް ކޮޓަރީގެ ތަނަވަސް އެޕާޓްމަންޓެއްގައި ކަމަށެވެ. އަދި ނަޝީދުގެ ރަށްޓެއްސަކު މިވަގުތު ޖަލުގައި ހުންނެވި ނަމަ، އެމަނިކުފާނު ބަންދުކޮށްފައި ހުންނަވާ އެޕާޓްމަންޓްގައި ބެހެއްޓުމުގެ ފުރުސަތު ދޭން ބޭނުންވާ ބަޔަކީ ކޮބައިތޯ އޮޅުން ފިލުވަން ނަޝީދުގެ އާއިލާގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން ދެން އަޅުގަނޑުމެން ބަލާނީ އެއީ ކޮން ފަންތިއެއްގެ ގައިދީއެއްތޯ. އެގޮތަށް ބަދަލު ކުރެވިދާނެ މީހެއްތޯ. އެއަށް ފަހު އެ ގައިދީއަކު ބޭނުން ނަމަ ނަޝީދުގެ އެޕާޓްމަންޓަށް އެ މީހަކު ބަދަލު ކުރާނެ،" އުމަރު ވިދާޅުވި އެވެ.

ނަމަވެސް އެއް ކޮޓަރީގެ އެ އެޕާޓްމަންޓްގައި ރައީސް ނަޝީދާއެކު ތިއްބެވޭނީ ކިތައް ގައިދީންނަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. 

އޭނާ ވިދާޅުވީ މިހާރު ވެސް އެއް ގައިދީއެއްގެ ނަން އާއިލާގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ ނަޝީދު ހުންނަވާ އެޕާޓްމަންޓްގައި ސިޓިން ރޫމަކާއި އޭސީ ކޮޓަރިއަކާއި އެޓޭޗް ފާހާނެއް ހުންނާނެ ކަމަށެވެ. އަދި ކުރިމަތީގައި 1000 ސްކްޔާ ފީޓްގެ ޕާކެއް އޮންނާނެ ކަމަށާއި އެތަނުގައި އުނދޯއްޔަކާއި ތާސްކުޅެވޭނެ އިންތިޒާމާއި ރާޒުވާ ފަދަ އެހެން ވެސް މުނިފޫހިފިލުވުމުގެ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ ޓީވީ ބެލޭނެ އިންތިޒާމް ވެސް ނަޝީދަށް ހަމަޖައްސައިދޭނެ އެވެ.

"ކުރީގެ ރައީސްކަން ކޮށްފައިވާ މީހަކު އަޅުގަނޑުމެންނަކަށް ނުބެހެއްޓޭނެ އެބޭފުޅަކަށް އެކަށީގެންވާ ގަދަރު އަދި ރައްކާތެރިކަން ނުދީއެއް. ޖަލުގައި ވެސް ތިބޭނެ އެމަނކުފާނަށް ތާއީދު ކުރާ މީހުންނާއި ނުކުރާ މީހުން. އެހެން ވީމާ އެތައް ބައިވަރު ގައިދީންގެ ތެރެއަށް ދޫކޮށެއް ނުލެވޭނެ،" އުމަރު ވިދާޅުވި އެވެ.

އެ މައްސަލައިގައި އެކި މީހުން ފާޑު ކިޔާތީ އުމަރު ވިދާޅުވީ، ރައީސް ނަޝީދަށް ހާއްސަ ޔުނިޓެއް ހަދަނީ ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ގަދަރާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ކަމަށެވެ. އަދި ނަޝީދު ބަހައްޓާ ތަނަކީ އެފަދަ ތަނަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކި ފާޑުކިޔުން އެބަހުރި. އެއްބަޔަކު ބުނޭ ތިއީ ޖަލެއް ނޫނޭ ބޮޑު އެޕާޓްމަންޓެއް ނޫންހޭ، އެހެން ގައިދީންނަށް ކީއްވެހޭ ތިކަން ނެތީ. އަނެއް ބަޔަކު މި ބުނަނީ ނަޝީދުގެ ގޮޅި ހަދަނީ އެކަހެރިކޮށް ކުނިގޮޑެއް ކައިރީގައި އުޅެން ހޮޔޮނުވާނެ ތަނެއްގައޭ. އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށް ދަންނަވާނީ، ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް މި ސަރުކާރުން ބޭ އިހުތިރާމެއް ނުކުރާނެއޭ. އެބޭފުޅާއަށް ފުރިހަމަ ގަދަރު ދޭނޭ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދަށް، އާދައިގެ އަރާމު ދިރިއުޅުއްވުމެއް އުޅުނުގެ ފުރުސަތު ޖަލު ތެރޭގައި ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ނަޝީދުގެ އާއިލާ އަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ވިދާޅުވި އެވެ.