ސްޓެލްކޯ

ފޯކްލިފްޓެއްގެ މައްސަލާގައި ސްޓެލްކޯ ގޮވައިގެން ކޯޓަށް

Jan 16, 2017

ސްޓެލްކޯ އިން އޯޑަރު ކޮށްގެން ގަތް ފޯކް ލިފްޓަކާ އެ ކުންފުނިން ހަވާލު ނުވުމުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ސެންޓަ އެންޓަ ޕްރައިސަސްއިން ސްޓެލްކޯއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ހަ ޓަނުގެ ފޯކް ލިފްޓެއް ސަޕްލައިކޮށް ދިނުމަށް ސްޓެލްކޯއާއެކު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ސަޕްލައިކޮށް ދިނުމުން ފޯކް ލިފްޓަށް ދައްކަން ޖެހޭ އަގު ސްޓެލްކޯއިން ދައްކާފައިވާނުވާ ކަމަށެވެ.

ދައުވާގައިވާ ގޮތުގައި ފޯކް ލިފްޓްގެ އަގަކީ 1،292،475 ރުފިޔާ އެވެ. އެހެންކަމުން އެ އަގާއި ފައިސާ ދައްކަން ޖެހޭ މުއްދަތަށް ފައިސާ ދައްކާފައި ނުވުމުން ލިބުނު ގެއްލުމާއެކު ޖުމްލަަ 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މި މައްސަލަ މި މަހު ކުރީކޮޅު ކޯޓަށް ވެއްދިއިރު ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާ މިހާރު ވަނީ ނިމިފަ އެވެ. އެ މަރުހަލާ ނިމިފައިވަނީ ސުލްހަވެރި ހައްލެއް ނުހޯދި އެވެ. އެހެންވެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.

ސްޓެލްކޯއާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސްއިން ދައުވާކޮށްފައިވާއިރު އެ ކުންފުނިން އެމްޕީއެލްއާ ދެކޮޅަށް ކުރި ދައުވާއެއްގައި 160 މިލިއަން ރުފިޔާ ދޭން އެމްޕީއެލްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލައަކީ ސެންޓަ އެންޓަޕްރައިސަސްއިން އެމްޕީއެލްއަށް ޓަގު ބޯޓެއް ބަންނަން ހަވާލުކޮށް އެ އަގު ނުދެއްކި ކަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ.