ބައެއް މީހުންނަށް ފަހަރެއްގައި މައްސަލައަކަށް ވެދާނެ އެވެ. އެކަމަކު ބުނެވޭ ގޮތުގައި މިއީ ޒަމާނީ އޮފީހެއްގެ މާހައުލަށް ފުރިހަމަކަން އަންނަ ގޮތެވެ. އޮފީހަކަށް ނިސްބަތްވާ މުވައްޒަފުން އެއް ތަނެއްގައި ނުވަތަ އެންމެން ފެންނަ ގޮތަށް ހުޅުވާލެވިފައިވާ މާހައުލެއްގައި ކައިރިކައިރީގައި މަސައްކަތްކުރަން ތިބުމަކީ މަސައްކަތުގެ ހަގީގީ ކޮލިޓީ އާއި ނަތީޖާ ނެރެވޭ ނުވަތަ ނެރެން ފަސޭހަވާ ކަމެކެވެ.
ޒަމާނާ އެކު އޮފީހާއި އޮފީސްތަކުގައި މަސައްކަތްކުރެވޭ ގޮތްގޮތަށް އައިސްފައިވާ އިންގިލާބީ ބަދަލަކީ މިއީ އެވެ. އެމެރިކާގެ ސޮފްޓްވެއާ ކުންފުންޏެއް ކަމުގައިވާ ވައިލްޑްބިޓް އަކީ ވެސް މީގެ ފަސް އަހަރުކުރިން މި އިންގިލާބީ ބަދަލަށް މަރުހަބާކީ ފުރަތަމަ ކުންފުނިތަކުގެ ތެރެއިން ނަމެކެވެ. ނަމަވެސް މި ބަދަލެއްގައި އިސްކޮށް އުޅުނު އެތަނުގެ ވެރިޔާ ކްރިސް ނެގޭލްގެ ހިޔާލު މި ވަނީ ފަސް އަހަރު ފަހުން މުޅިން ބަދަލުވެފަ އެވެ.
އެންމެ ފުރަތަމަ އޭނާގެ ކުންފުނީގެ ނުވަ މުވައްޒަފުން މަސައްކަތްކުރަމުން ދިޔައީ އެމީހުންގެ އަމިއްލަ ގޭގޭގައި ތިބެގެންނެވެ. ނަމަވެސް އެގޮތާ މެދު ހިތްހަމަނުޖެހިގެން ވައިލްޑްބިޓްގެ ހުރިހާ މުވައްޒަފުން "އޯޕަން އޮފީހަކަށް" ނުވަތަ އެކަކާ ޖެހިގެން އަނެކަކު މަސައްކަތްކުރަން އިންނަ ގޮތަށް ފަރުމާކޮށްފައިވާ އޮފީސް މާހައުލަކަށް ބަދަލުކޮށްލީ އެވެ.
ނަމަވެސް ނަތީޖާ އާއި މޯޓިވޭޝަން ގުނަވެ މައްޗަށް އަރައިގެން ދިއުމުގެ ބަދަލުގައި އަދަދުން ދަށަށް ވެއްޓުނީ އެވެ. އެއަށް ފަހު މިދިޔަ އަހަރުގެ އެޕްރީލް މަހު ނެގޭލް ވަނީ އޭނާގެ މުވައްޒަފުން އެހެން އޮފީހަކަށް ބަދަލުކޮށް ކޮންމެ މުވައްޒަފަކަށް ވަކި "ކެބިން ސްޓައިލް" ގެ މަސައްކަތުގެ މާހައުލުތަކެއް ހޯދައިދީފަ އެވެ. މި ބަދަލަށް ފަހު، އޮފީހަށް އަށް ޒަމާނީ އިންގިލާބީ ބަދަލު އޭނާ ސިފަކުރަނީ މުވައްޒަފުންގެ "ސިކުނޑި ކާލާ" ގޯސް ބަދަލެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް "އޯޕަން އޮފީހުގެ" ޒަމާނީ ބަދަލު ދޫކޮށްލަން ވަރަށް ގިނަ މީހުން އަދިވެސް ބޭނުމެއް ނުވެ އެވެ. މިސާލަކަށް އެ އޮތް ބޮޑު އެމެރިކާ އަށް ބަލާ ނަމަ އެގައުމުގައި ހިންގާ އޮފީސްތަކުގެ 70 ޕަސެންޓަކީ މި ދެންނެވި އިންގިލާބީ "އޯޕެން އޮފީސް" ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ މާހައުލުތަކެވެ. މި މާހައުލު ދޫކޮށް ކުރީގެ "ބަންދު ކޮށި ކޮންސެޕްޓަށް" އެނބުރިދާން ގިނަ ބަޔަކު ބޭނުންނުވިޔަސް ތަޖުރިބާކާރު ދިރާސާތަކުން ދައްކާގޮތުން "އޯޕަސް އޮފީސް" މާހައުލެއްގައި މަސައްކަތްކުރުވުމަކީ މަސައްކަތުގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން 15 ޕަސެންޓް ފަހަތަށް ޖެހިލާ ކަމެކެވެ.
ވަކިން ހާއްސަކޮށް، މަސައްކަތަށް ފުރިހަމަ ސަމާލުކަން ނުދެވުމާއި ގިނަ ބައެއްގެ ތެރޭގައި މަސައްކަތްކުރަން ތިބުމުގެ ސަބަބުން ފަސޭހައިން ބަލިވުމުގެ މައްސަލަ ވެސް މި ޒަމާނީ ކޮންސެޕްޓްގައި ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް އޯޕަން އޮފީސް ކޮންސެޓް އަވަހަކަށް ބާ ވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ވައިލްޑްބިޓް އަލުން "ކޮށި ނުވަތަ ބަންދު ކޮޓަރީގެ ކޮންސެޕްޓަށް" އެނބުރި ދިއުމަކީ މަސައްކަތުގެ ހަގީގީ ފޮނިކަން ނެރެން ބޭނުންވާ ނަމަ ވިސްނާލަން ޖެހޭ ކަމެކެވެ.
ޒަމާނީ ބަދަލުތަކުގެ ތެރެއިން އޮފީސްތަކުގައި މަލްޓިޓާސްކް ކުރުން ނުވަތަ އެކަކު ލައްވައި އެތައް މަސައްކަތެއް ކުރުވުމުގެ ބަދަލަކީ ވެސް މި އޯޕަން އޮފީސް ކޮންސެޕްޓްގެ ތެރެއިން ފާހަގަކޮށްލެވޭ ސިފައެކެވެ. ބުނެވޭ ގޮތުގައި އޯޕަން އޮފީހާއި މަލްޓްޓާސްކިިން އަކީ މަސައްކަތެއްގެ ނަތީޖާ އާއި ފެންވަރު މަތިކޮށްދޭ ސިފަތަކެވެ. ނަަމަވެސް މަލްޓިޓާސްކްކުރުމަކީ ތަޖުރިބާކާރުންގެ ހިޔާލުގައި މަސައްކަތެއްގެ ފެންވަރު ދަށްވާނެ ކަމެކެވެ.
ސަބަބަކީ އެކަކު އެތައް ކަމަކަށް ކިތަންމެ މޮޅު ކަމުގައިވިޔަސް އެއް ކަމެއް ކުރުމަށް ދޭ ސަމާލުކަން އެތައް ކަމަކަށް ނުދެވޭނެތީ އާއި އެގޮތަށް އެއް ކަމަކަށް ދޭ ފުރިހަމަ ސަމާލުކަމުން ނެރެވޭ ނަތީޖާ މާ ފޮނިވާނެތީ އެވެ. އަނެއްކޮޅުން އޯޕަން އޮފީހެއްގައި މަލްޓިޓާސްކުކުރަން ޖެހުމަކީ ވަރަށް ބޮޑަށް ޑިސްޓްރެކްޓްވެ ކޮލިޓީ ދަށްވެގެންދާނެ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުން މިގޮތަށް މިފަދަ އޯޕަން އޮފީހެއްގައި މަސައްކަތްކުރަން ޖެހުމަކީ އޭނާގެ މަސައްކަތުގެ ދުވެލި ލަސްވެ، މަސައްކަތަށް ކަނޑައަޅާ ވަގުތުން ބައިގަޑިއިރު ވަރު ގެއްލިގެންދާ ކަމެކެވެ.
ނަފްސާނީ އިލްމުގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެންމެން އެއްތަނެއްގައި ތިބެގެން މަސައްކަތްކުރުމަކީ މީހާގެ ހިޔާލާއި ފަންނުވެރިކަން މުއްސަނދިކޮށްދޭ ކަމެކެވެ. އެކަމަކު ހަމަމިއާއެކު އެމީހާގެ ސިކުނޑިއަށް ބުރަ ބޮޑުވެ، މަސައްކަތުގެ މުހިންމު ސިފަތަކެއް އޭނާގެ ދުވަހުގެ މަސައްކަތުން ގެއްލޭ ކަމަށް ވެސް އެއްބަސްވެ އެވެ.
ތަޖުރިބާކާރުން ބުނަނީ ހުޅުވާލެވިފައިވާ މާހައުލެއްގައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ ފަސޭހައިން މުއާމަލާތުކުރެވި ހިޔާލުތައް ބަދަލުކުރުމުގެ ފަސޭހަ އޮތަސް ގިނަ ފަހަރަށް އޭގެ ހަގީގީ ބޭނުމެއް ނުހިފެ އެވެ. މުއްސަނދި ހިޔާލުތައް ބަދަލުކުރުމުގެ ބަދަލުގައި ގިނަ ވަގުތު ދުއްވާލެވެނީ މީހުންގެ މަސްކެއުމުގަ އާއި ސަމާސާގަ އެވެ. މަސައްކަތާ ނުގުޅޭ ވާހަކަތަކުގައި ޖެހި މަސައްކަތުގެ ފުރިހަމަކަން އޮންނަނީ ގެއްލިފަ އެވެ. --މައުލޫމާތު: ބީބީސީ