ލައިފްސްޓައިލް

ފިރިމީހާއަށް އެލާޖިކްވާ އަންބެތް: ބޮސްދިނުމަކުން މަރުވެދާނެ!

Jan 17, 2017

މިއީ އާދަޔާހިލާފު ބައްޔަކާއި އާދަޔާހިލާފު ލޯތްބަކާއި އާދަޔާހިލާފު ދެމަފިރިންގެ ވާހަކަ އެވެ. އެމެރިކާގެ މިނެސޯޓާ އަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޖޮއޭނާ ވެޓްކިންސް އަކަށް އޭނާގެ ފިރިމީހާ ސްކޮޓްއާ ގާތެއް ނުވެވެ އެވެ. ލޯބިން ބޮސްދީ އުފާކޮށެއްނުދެވެ އެވެ. އެއް ތަނެއްގައި ތިބެގެން ސަމާސާއެއް ކޮށްނުލެވެ އެވެ. މިފަދަ އަމަލަކުން ޖޮއޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެތީ އެވެ. -- މާސްޓް ސެލް އެކްޓިވޭޝަން ސިންޑްރޯމް ނަމަކަށް ކިޔާ މި ހައިރާންކުރުވަނިވި ބައްޔާއެކު ޖޮއޭނާ އޭނާގެ ފިރިމީހާ އަށް ހުރިހާ ގޮތަކުން ވެސް އެލާޖިކެވެ.

ފިރިމީހާގެ ވަހަށް ވެސް އޭނާ އެލާޖިކް ވަނީ އެވެ. އެހެން ލޯބިވެރިންނާއި ޒަވާޖީ ބައިވެރިންގެ ޑޭޓް ނައިޓްތަކާއި މި ދެމަފިރިންގެ ޑޭޓް ނައިޓްތައް ތަފާތުވާ މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ.

"[ޑޭޓް ނައިޓްތަކުގައި އާންމުކޮށް] ސްކޮޓް އާއި އަހަރެން މަސައްކަތްކުރާނީ ކޮންމެވެސް ކަހަލަ ޓީވީ ޝޯއެއް ބަލަން. އެކަމަކު އޭނަ އަށް އަހަރެން އެލާޖިކްވާތީ އެކުގައި އެއް ކޮޓަރިއެއްގައި ނުހުރެވޭ. އެހެންވީމަ އޭނަ ހުންނަނީ އަހަރެން ހުންނަ ފްލޯއަށް ވުރެން ތިން ފްލޯ ތިރީގައި ހުންނަ އެޕާޓްމަންޓެއްގައި،" ބީބީސީގެ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޖޮއޭނާ ކިޔައިދިނެވެ.

"އެ ކޮޓަރީގައި އިނދެގެން އޭނާ ޝޯ ބަލަމުންދާނީ އޭނާގެ ލެޕްޓޮޕުން. އަހަރެން އަހަރެންގެ ލެޕްޓޮޕުން. ދެ މީހުން މި ޝޯ ބަލާނީ އެއް ވަގުތެއްގައި. ދެން ދެ މީހުން ގެންދާނީ އޭގައި ވާގޮތާބެހޭ ގޮތުން އެކަކު އަނެކަކަށް ފޯނުން މެސެޖުކުރަމުން."

މިހައި ހިސާބުން "އަޅޭ ހާދަ ރޮމޭންޓިކޭ" ކިޔާފައި އަނގަމަތީގައި އަތް އަޅައިގަނެވުނު ނަމަވެސް މިއީ ހިތްފަޅައިގެންދާހާ އަސަރުގަދަ ލޯބީގެ ވާހަކަ އެކެވެ. މި ވާހަކައިގެ "ވިލަން" އަކީ މާސްޓް ސެލް އެކްޓިވޭޝަން ސިންޑްރޯމް (އެމްސީއޭއެސް) އެވެ. މިއީ ޖޮއޭނާގެ ހަށިގަނޑުގެ ދިފާއުގައި ހަރަކާތްތެރިވާން ޖެހޭ ސެލްސްތައް މިއުޓޭޓްވެ، އޭގެ އަސްލު ގެއްލި އޮޅުންބޮޅުން އަރައި މި ސެލްތައް ދިފާއީ އައްޑަނައެއްގެ ގޮތުގައި މަސައްކަތްނުކޮށް ސީދާ ޖޮއޭނާގެ ހަށިގަނޑަށް ގެއްލުންދޭ ފަދަ ގޮތަކަށް މަސައްކަތްކުރަން ފެށުމެވެ. މި އެލާޖިކްގެ ނުރައްކާ އާދަޔާހިލާފަށް ބޮޑުވުމަކީ ޝޮކުޖެހިގެން މީހާ މަރުވުމަށް ދޮރު ހުޅުވިދާނެހާ ނުރައްކާ ބޮޑު ކަމެކެވެ.

ޖޮއޭނާގެ މި އެލާޖިކް ރިއެކްޝަންގެ މައްސަލަ ވަރަށް ވެސް ބޮޑެވެ. ނަމަވެސް 2013 ވަނަ އަހަރު ސްކޮޓްއާ ކައިވެނި ކުރިއިރު ސިއްހީ މި މައްސަލަ ފުރާނަ އަށް ނުރައްކާކުރާވަރުގެ ކަމަކަށް ވެދާނެ ކަމުގެ އެއްވެސް ހިޔާލެއް ނުވަތަ އިންޒާރެއް އޭރަކު ނުލިބެ އެވެ. ޖޮއޭނާ އަކީ ޓީޗަރެކެވެ. ދެ މީހުން އެކުގައި ބޭރަށް ގޮސް ތަފާތު އެކިކަހަލަ ކަންތައް ތަޖުރިބާ ކުރުމަކީ އޭރު އޮތް އުފާވެރި ކަމެކެވެ. އެކަމަކު އޭރު ވެސް ކޮންމެވެސް ވަރަކަށް މައިގްރެއިންގެ މައްސަލަ އާއި ހަށިގަނޑު ހިރުވުމުގެ މައްސަލަ ޖޮއޭނާ އަށް ދިމާވެ އެވެ.

މައްސަލަ އިތުރަށް ގޯސްވީ ދެ މީހުންގެ ކައިވެންޏަށް ފަހު އެވެ.

"ކުރިން ވެސް ބައެއް ފަހަރަށް މިސާލަކަށް އަހަރެންގެ މޫނު ޖޮއޭނާގެ މޫނާ ކައިރިކޮށްލައިފި ނަމަ އޭނާ ކެއްސަން ފަށާނެ،" އެލާޖިކްގެ މައްސަލަ ސީރިއަސްވުމުގެ ކުރީގެ ހަނދާންތަކުން ކިޔައިދެމުން ސްކޮޓް ބުންޏެވެ.

މައްސަލަ މިވަރަށް ގޯސްވެ، ދެ މީހުންނަށް އެކުގައި އުޅުން މަރާ ކުޅުން ކަހަލަ ކަމަކަށް ބަދަލުވެފައިވާކަން މި ދެމަފިރިންނަށް އެނގުނީ މިދިޔަ އަހަރު އެވެ.

"މީގެ ކުރިން އެހެން މީހުންނާ ޖެހިގެން ވެސް އެލާޖިކްވޭ. މަންމަ އާއި ބައްޕައާ އެކުގައި އުޅޭއިރު ވެސް. އަދި އެހެން މީހުންނާ އެކުގައި އުޅޭއިރު ވެސް. އެކަމަކު ސްކޮޓްއާ އެކު އުޅެން ފަށައިގެން މިހެންވުމުން ވަރަށް ދެރަވޭ،" ޖޮއޭނާ ބުންޏެވެ.

ޖޮއޭނާ އާއި ސްކޮޓަށް އޮތް އަނެއް ހިތާމަ އަކީ އާންމުކޮށް މި ބައްޔަށް ދޭ ބޭސްތަކުން ވެސް ޖޮއޭނާ އަށް އެއްވެސް އަސަރެއް ނުކުރުމެވެ. އެހެންކަމުން ދެ މީހުންގެ ދިރިއުޅުން ދެން ދުވަހަކު ވެސް މި ނޫން އެހެން ގޮތަކަށް ބަދަލުވެދާނެ ކަމުގެ އެއްވެސް އުއްމީދެއް އަދި ނެތެވެ. ޑޮކްޓަރުން ދަނީ ތަފާތު އެކި ގޮތްގޮތަށް ފަރުވާތައް ތަޖުރިބާ ކުރަމުންނެވެ. ނަމަވެސް އެއްވެސް ނަސީބެއްގެ ކޮޅުމަތި އަދި ނުފެނެ އެވެ.

"މި މައްސަލަ އަށް ނެތް ފަސޭހަ ހައްލެއް. މިހާރު އަހަންނަށް އޭނާ އަށް ހިމާޔަތްދީ އަޅާލެވޭނެ ހަމައެކަނި ގޮތަކީ އޭނާ އަށް ނުފެނި ހުރުން. ކައިރި އަށް ގޮސް ނޫޅުން. އަހަރެން ބޭނުމެއް ނުވޭ އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހަޅާކަށް،" ފުލްޓައިމްކޮށް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ސްކޮޓް ބުންޏެވެ.

ޖިސްމާނީ ގޮތުން ކިތަންމެ ބަލިކަށްޓަސް އަދި މި އެލާޖިކެއްގެ ސަބަބުން އެކުގައި ވަގުތު ހޭދަކުރެވެން ނެތަސް ވަކިވުމުގެ ވިސްނުމެއް ސްކޮޓް އާއި ޖޮއޭނާގެ ނެތެވެ. ދެ މީހުން ވެސް ތިބީ މަރުވަންދެން އެކުގައި ކުރިއަށް ދާން ތައްޔާރަށެވެ.

"ކައިވެނިކުރި ދުވަހަކު އަހަރެމެން ދެ މީހުން އެކަކު އަނެކަކަށްވީ ވައުދަކީ ހަމައެކަނި މަރާ ހިސާބުންނޭ ދެ މީހުން ވަކިވެގެން ދާނީ. އެއީ ދިރިއުޅުމުގައި ކޮންމެ ފަދަ ގޮންޖެހުމެއް ކުރިމަތިވިޔަސް. އެހެންވީމަ އަހަންނަށް 90 އަހަރުވިޔަސް އަހަރެންގެ ފިރިމީހާ އަށް ވަފާތެރިކަންމަތީގައި ދެމިހުންނާނަން،" ޖޮއޭނާގެ ވައުދު އޭނާ އިތުރު އެތައް އަހަރަކަށް ތަކުރާރުކޮށްލި އެވެ.

މި ދެމަފިރިން މިހާރު ދިރިއުޅެމުން ދަނީ އެމީހުންގެ އެކުވެރިއެއްގެ މައިންބަފައިންގެ ގޭގަ އެވެ. އެއީ އަމިއްލަ ގެ، ޖޮއޭނާގެ ސިއްހީ ހާލަތަށް ބޭނުންކުރެވޭނެ ފެންވަރަކަށް ތައްޔާރު ކުރަމުންދާތީ އެވެ. ޖޮއޭނާގެ ކޮޓަރިއަކީ ގޭގެ އެންމެ މަތީގައި ހަދާފައިވާ ފަންގިފިލާގެ ކުޑަ ކޮޓަރިއެކެވެ. ވަޔާއި އަވި ވެސް ރަނގަޅަށް ނުވަންނަ ގޮތަށް ބަންދުކޮށްފައިވާ ކޮޓަރިއެކެވެ. ޑޮކްޓަރަށް ދައްކަން ދާން ނުޖެހޭ ނަމަ އޭނާ މި ކޮޓަރިއަކުން ބޭރަށް ނުނިކުންނަތާ މިހާރު އަހަރު ދުވަސް ވެއްޖެ އެވެ.

މި ހާލަތުގައި އޮތްއިރު އޭނާ ގާތަށް ޒިޔާރަތްކުރެވެނީ ކޮއްކޮއިންނަށް އެކަންޏެވެ. ނަމަވެސް އެމީހުންނަށް ވެސް ޖެހެނީ ޖޮއޭނާގެ ކޮޓަރިއަށް ވަނުމުގެ ކުރިން ހެދުންތައް ބާލައި އެ ކޮޓަރިއަށް ހާއްސަ ހެދުންތަކެއް ލައިގެން އަނގަމަތީގައި މާސްކު ވެސް އަޅައިގެން ކޮޓަރިއަށް ވަންނާށެވެ. އެކަމަކު އޭގެ ކުރިން އެމީހުން ކުޅިކޮށް ކައިގެން ވެސް ނުވެ އެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ހާއްސަ ސައިބޯންޏެއް އުނގުޅައިގެން ފެންވަރަން ވެސް ޖެހެ އެވެ.

ސްކޮޓް އުޅެނީ މި ގޭގެ އެންމެ ތިރީގައި ހުރި އެޕާޓްމަންޓްގެ ކޮޓަރިއެއްގަ އެވެ. ދެ މީހުންނަށް މިހާރު އެކަކު އަނެކެއްގެ މޫނެއް ނުފެނެ އެވެ. ބައްދަލެއް ނުކުރެވެ އެވެ. --މައުލޫމާތު: ބީބީސީ