ބިދޭސީން

ރެމިޓެންސް ޓެކުހުން ބަރީއަވާން އުޅޭނަމަ ފިޔަވަޅު އަޅަން ނިންމައިފި

Jan 16, 2017
3

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަ ވުމަށް ކުރާ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން ރެމިޓެންސް ޓެކްސްގެ ގަވާއިދަށް މީރާއިން މިއަދު އިސްލާހު ގެނެސްފިއެވެ.

މީރާގެ މި އިސްލާހުގައި ރާއްޖޭގައި ވޯކް ވީޒާއެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ދިވެހި ރައްޔިތެއް، ރާއްޖޭގައި ވާކް ވީޒާ އެއްގެ ދަށުން މަސައްކަތްކުރަމުންދާ ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ.

އަދި މި އިސްލާހުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް، ނުވަތަ "ޑިޕެންޑެންޓް ވީޒާ" އެއް އޮތް، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، ނުވަތަ ދިވެހި ރައްޔިތެއް، ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފިނަމަ، އެ ފަރާތާއި ދޭތެރޭ ފިޔަވަޅު އެޅޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ވާގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވާން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާވާނެ އެވެ.

މީގެ އިތުރުންވެސް، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުން ކޮށްގެން، ރާއްޖެއިން ބޭރުން ނަގާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެ ކަމަށް ވެސ ރެމިޓެންސް ޓެކްސް ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ވެއެވެ.