އެއީ މީގެ ދެ ތިން އަހަރު ކުރީގެ ފޮޓޯއެކެވެ. ކުލަ ނުވެއްޓުނު ފޮޓޯގަނޑަކަށް ބަދަލުވެ އެ ފޮޓޯގެ ބަތަލާ ނުވަތަ އެ ތަސްވީރު ދެއްކި ވިލު ނޫކުލައިގެ ލޮލުގެ ވެރިޔާ ތަރިއެއްހެން އަރައިގެން ގޮސް ގާދޫކޮލުން ދިވެހިންނަށް ގެއްލުނީ އެވެ. އެއަށް ފަހު އިހަކަށް ދުވަހު ހަމަ މި ލޮލަކަށް ނިކަން ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ މަޝްހޫރު ވޯގް މަޖައްލާ އަށް އޭޝިއާ އިން ހޮވާލި މޮޑެލްތަކެއްގެ ތެރޭގައި ހިމެނި މަޝްހޫރު އެ މަޖައްލާއާ އެކު ތާރީޚުގެ ތެރެއަށް އެ އަންހެން ކުއްޖާ ގެނބިގެން ދިޔަ މަންޒަރުންނެވެ.
އެންމެން ވެސް ދެއްކީ އެ ފޮޓޯގަނޑުން ފެނުނު މޫނާއި މޫދުން އަރައިގެން ގޮސް ގެއްލުނު އެ އަންހެން ކުއްޖާގެ ވާހަކަ އެވެ. އޭނާގެ ރީތިކަމާއި ވިލު ނޫކުލައިގެ ދެ ލޮލުގައިވީ ޖާދޫއެއްގެ ބާރުގަދަކަމުގެ ވާހަކަ އެވެ. އެ މަންޒަރެއް ރީތިވެގެން ދިޔަ މިންވަރަކީ، މި ފޮޓޯއެއް ނެގި ފޮޓޯގްރާފަރަކީ ކާކުކަން ވެސް ބަލަން ބައެއް މީހުން ބޭނުމެއް ނުވުމެވެ. ނަމަވެސް ހަގީގަތަކީ ވިލު ނޫކުލައިގެ ލޮލުގެ ވެރިޔާ ދިވެހިންގެ "ސުޕަ މޮޑެލް" އަކަށް ހަދައިދިން އެންމެ މުހިންމު މޭސްތިރިއަކީ ނުވަތަ އާޓިސްޓަކީ އެ ފޮޓޯގަނޑު ނެގި ސޮއްޓި އެވެ.
ޝިފާޒު ޝައްމޫނޭ ބުނެފި ނަމަ ވަރަށް ގިނަ ބަޔަކަށް ދެން ވެސް ނޭނގިދާނެ އެވެ. އެކަމަކު އޭނާ އަށް އެންމެން ވެސް ކިޔައި އުޅެނީ ސޮއްޓިއޭ ބުނެ ތައާރަފެއް ދީފި ނަމަ ދެން އިތުރު ވާހަކައެއް ދައްކަން ނުޖެހޭ ވަރަށް އޭނާ މަޝްހޫރެވެ.
ނަމަވެސް ސޮއްޓި ބުނަނީ ޕާސަނަލް ޕްރޮޖެކްޓެއްގެ ގޮތުގައި ނެގި އެ ފޮޓޯގަނޑުގެ މަޝްހޫރުކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭގެ ކްރެޑިޓާއި ފައިދާ ނަގަން ވެސް އޭނާ ބޭނުމެއް ނުވާ ކަމަށެވެ. ސޮއްޓިގެ އެންމެ ސަޅި ސިފައަކީ މިއީ އެވެ. – އަމިއްލަ ނަފުސަށް އޭނާގެ ކިބައިގައި އޮތް އިތުބާރެވެ.
ވިލު ނޫކުލައިގެ އެ ލޮލަށް ވުރެން މަޝްހޫރު ނަމަކަށް އޭނާ ހަދައިދިނީ ޔަގީނަށް ވެސް މި އިތުބާރާއި އަމިއްލަ ނަފުސަށް އޭނާކުރި އިހްތިރާމެވެ.
"އެ ފޮޓޯގަނޑުގެ މަޝްހޫރުކަން އަދި ފައިދާއެއް ވެސް އަޅުގަނޑު ބޭނުމެއް ނުވޭ. އެ ފޮޓޯގަނޑު ބޭނުންކޮށްގެން މަޝްހޫރުކަން ހޯދައި ފައިދާތަކެއް ހޯދަން ބޭނުމެއް ނުވޭ. ސަބަބަކީ އެއީ އަޅުގަނޑުގެ ވަރަށް ޕާސަނަލް ޕްރޮޖެކްޓަކަށްވީމަ. އެކަމަކު ވަރަށް ޕްލޭންޑް ފޮޓޯއެއް އެއީ،" އެ ފޮޓޯއާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ދައްކަން ވެސް ހަގީގަތުގައި އޭނާ ބޭނުމެއް ނުވި އެވެ.
"އެ ފޮޓޯގަނޑު ގަންނަން ވެސް ވަރަށް ގިނަ މީހުން އާދޭ. އެކަމަކު އެކަހަލަ ގޮތަކަށް އެ ފޮޓޯގަނޑުން ކްރެޑިޓް ނަގަން ސޮއްޓި ބޭނުމެއް ނުވޭ."
މިހައި ހިސާބުން ވިލު ނޫކުލައިގެ އެ ލޮލުގައި އެ ފޮޓޯގަނޑުގެ ވާހަކަ ވަޅުލުމަށް ފަހު ޝިފާޒު ޝައްމޫނުގެ ފެށުމަށް ޖެހިލަމާ ހިނގާށެވެ.
މަޖަލަކަށް ފެށި މަސައްކަތުގައި 24 ގަޑިއިރު
ފޮޓޯގްރެފީގެ ދާއިރާ އިން މިވަގުތު ރާއްޖޭގައި މަޝްހޫރުކަން ހޯދައި ބްރޭންޑް ނަންތަކަކަށް ބަދަލުވެފައިވާ އާޓިސްޓުންނަކީ މި ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތްކޮށްގެން އެ ނަމާއި މަޝްހޫރުކަން ހާސިލުވެފައިވާ ބައެކެވެ. އެކަމަކު "ސޮއްޓިއެއް" ގެ ނަން މި ދާއިރާގައި ބްރޭންޑަކަށް ބަދަލުވެ އެންމެ ޑިމާންޑްބޮޑު ފޮޓޯގްރަފަރުންގެ ސަފުން އޭނާ ފުރުސަތު ހޯދާފައި ވަނީ ރެއާއިދުވާލެއްގެ މަސައްކަތުންނޭ ވެސް ބުނެވިދާނެ އެވެ.
ކެމެރާ ހިފައިގެން ވިޔަފާރީގެ އުސޫލުން އޭނާ މި މަސައްކަތަށް ނުކުތީ 2010 ވަނަ އަހަރު އެވެ. ގްރޭޑް 10 އެއްގައި ކިޔަވަމުން ދިޔައިރު އަދި އޭ ލެވެލްގައި ކިޔަވަމުން ދިޔައިރު ވެސް އޭނާ ދިޔައީ ވިޔަފާރީގެ އުސޫލުން ރިސޯޓްތަކުގައި ފޮޓޯނަގައި ދެމުންނެވެ. އެއަށް ފަހު އައި ކޮންމެ ދުވަހަކީ 24 ގަޑިއިރު އޭނާ ކެމެރާ ސެޓަކާ އެކު ހޭދަކުރި ދުވަހެކެވެ.
"ގިިނަ މީހުންނަކަށް ނުވެސް އެނގޭނެ އަޅުގަނޑުގެ އަސްލު ނަމެއް. ސޮއްޓިގެ ނަމުން ގިނަ މީހުންނަށް އެނގޭނީ. ގްރޭޑް 10 ނިންމި އަޅުގަނޑު މި ގޮތަށް ފޮޓޯ ނަގައިދޭން ފަށައިފިން،" އަސްލު ނަމުން ފަށައިގެން ކުރު ތައާރަފެއް ދިނުމަށް އެދުމުން ސޮއްޓި ބުނީ މިހެންނެވެ.
އެއަށް ފަހު އޭނާގެ މި އާދަޔާހިލާފު ކެރިއަރެއްގެ ފެށުން ވެސް ކިޔާލަދިނެވެ.
"ބޭބެއާ ހެދި އަސްލު ބޮޑަށް ފޮޓޯގްރެފީގެ ތެރެއަށް ޝައުގުވެރިވީ. ބޭބެ އަކީ އޭރު ފުދޭވަރަކަށް ގަދަ އަށް ފޮޓޯނެގި މީހެއް. އެކަމަކު އަޅުގަނޑުގެ އަތަކަށް ނުދޭނެ އޭނަގެ ކެމެރާއެއް. އެހެންވެ ހަދާގޮތަކީ އޭނަ އަށް ނާންގައި ކެމެރާ ވަގަށް ނަގައިގެން ގޮސް އަމިއްލަ އަށް ފޮޓޯނަގަނީ. އެއީ ކެނޮން 400ޑީއެއް. އޭތިން ފޮޓޯނަގަން ދަސްކުރީ. އޭތި ހިފައިގެން ގޮސް މަލާއި ރާޅުގަނޑު ކަހަލަ އެއްޗިއްސާއި ތަންތަން ފޮޓޯނެގުން އޭރު އޮންނާނީ."
މާ ދުރު ނޫން އެކަމަކު ކުރީގެ ހަނދާނަކުން ނަމަ ސޮއްޓިގެ ބްރޭންޑް އުފެދުން ފެށިގެން އަންނަ ގޮތަކީ މިއީ އެވެ. އޭނާ ބުނީ ސޮއްޓިއެއް މިގޮތުގައި އުފަންވުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވާ ބަޔަކީ އޭނާގެ ރައްޓެހިންނާއި ރަހުމަތްތެރިން ކަމަށެވެ.
"އަސްލު މިއީ މަޖަލަކަށް، ހޮބީއަކަށް، ވަރަށް ކުރާ ހިތުން ފެށި ކަމެއް މިއީ. ދެން ރައްޓެހިން ބުނެގެން ފޭސްބުކް ޕޭޖެއް ވެސް ހެދީ. އެމީހުން އެ ޕޭޖު ހަދައިދިނީ ވެސް. ސޮޓިގްރެފީގެ ނަމުގައި. އެ ހިސާބުން ފެށުނީ،" ސޮއްޓި ކިޔައިދިނެވެ.
"ސްކޫލް ލައިފުގައި ވެސް އަސްލު ހިތަކަށް ނާރާ ޕްރޮފެޝަނަލްކޮށް މި މަސައްކަތަށް ނުކުމެވިދާނެ ކަމަކަށް. އެންމެ ބޮޑަށް މި ދާއިރާ އަށް ނުކުމެވުނީ ރައްޓެހިން ދިން ހިތްވަރެއްގެ ސަބަބުން. ވާނެއޭ ކިޔާފައި އެންމެ ބޮޑަށް މޯޓިވޭޓްކޮށްދިން ބަޔަކީ އެމީހުން."
ސްކޫލް ނިންމާލާފައި މިހާތަނަށް އޭނާ އާމްދަނީއެއް ލިބޭ މަސައްކަތަށް ކުރި ހަމައެކަނި އަދި މިހާރު ވެސް ކޮންމެ ދުވަހަކު ކުރާ ކަމަކީ މިއީ އެވެ.
"ސްކޫލް ނިންމާލާފައި މިހާތަނަށް ވެސް އާމްދަނީއެއް ލިބޭ މަސައްކަތަށް ކުރަމުން އަންނަ ކަމަކީ މިއީ. އެހެން އެއްވެސް ވަޒީފާއެއް އަދައެއް ނުކުރަން އަދި. އޭލެވެލް ނިންމާލާފައި ޓްރެވަލް އެޖެންސީއެއްގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރިން. ވަޒީފާއަކަށް ވެސް ކުރި ކަމަކީ މިއީ،" ސޮއްޓި ބުންޏެވެ.
"އެގޮތަށް މަސައްކަތްކުރުމަށް ވުރެން އަމިއްލަ އަށް މިގޮތަށް އުޅުން މާ ރަނގަޅު އަސްލު. އެއީ އަމިއްލަ އަށް ބޭނުންވާ މަސައްކަތެއް އާންމުކޮށް ނުކުރެވޭނެ އެގޮތަށް ވަޒީފާއެއްގައި އުޅެގެން. މާ ބޮޑަށް ކޮންޓްރޯލްޑް ފީލްވީމަ އެ ޓެލެންޓެއް ނުއެއް ނެރެވޭނެ."
ސޮއްޓި އަކީ ހިތްވަރަކަށް ކިޔާ ނަމެއް!
ސޮއްޓި ބުނީ ރާއްޖޭގައި ފޮޓޯގްރާފަރެއްގެ ގޮތުގައި ކުރިއަށް ދާން ބަލާއިރު ގިނަ ބަޔަކަށް ދިމާވަނީ ހިތްވަރުގެ މައްސަލަ ކަމަށެވެ. ނަމަވެސް ސޮއްޓި އަކީ ގޮންޖެހުންތައް ލޯބިން ބަލައިގަންނަ ހިޔާލެއްގެ ޒުވާނެކެވެ.
"މިއީ މަސައްކަތްކުރަން ބަލާއިރު ވަރަށް ރަނގަޅު ދާއިރާއެއް. އެކަމަކު ވަރަށް ގިނަ މީހުންނަށްވާގޮތަކީ ބައެއް މީހުންގެ ކެމެރާތައް ފެނުނީމަ ވެސް ޑީމޯޓިވޭޓް ވަނީ. އަޅުގަނޑުމެން ވެސް މި (ފެންވަރުގެ) ކެމެރާތައް ހޯދީ އަމިއްލަ އަށް މަސައްކަތްކޮށްގެން ލާރި އެއްކޮށްގެން،" ސޮއްޓި ކިޔައިދިނެވެ.
"އެހެންވީމަ އެ ކޮންފިޑެންސް އިންނަން ޖެހޭނެ ކޮންމެ މީހެއްގެ ވެސް. މިހާރު ބޭބެގެ ކެމެރާއިން ފައްޓާފަ ވެސް، އެ ކެމެރާ ބޭނުންކޮށްގެން މަސައްކަތްކޮށް ލާރިއެއްކޮށްގެން އެއަށް ވުރެ ރަނގަޅު ކެމެރާއެއް ގަނެގެން މި ހިސާބަށް މިއައީ."
ސޮއްޓި ބޭނުންވަނީ އޭނާ ދެއްކި ހިތްވަރު، މި މަސައްކަތަށް ޝައުގުވެރިވާ އެހެން ޒުވާނުން ވެސް ނެރުމަށެވެ. އަދި ގޮންޖެހުންތަކަށް ނުބަލައި، ވަކިން ހާއްސަކޮށް ރާއްޖޭގެ ފޮޓޯގްރެފީގެ މާހައުލުމުގައި ތިބި "ބޮޑެތި ބުލީންނަށް" ބެލުމަށް ނެތި ކުރިއަށް ދިއުމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭނާ ފާހަގަކުރީ ކުރިއަރަން ފުރުސަތުނުދޭ "ތަޖުރިބާކާރު ފޮޓޯގްރާފަރުން" ގެ މައްސަލަ އެވެ.
"އެންމެ ބޮޑު އެއް މައްސަލައަކީ ފޮޓޯގްރެފީގެ މުގުލުގައި ތިބޭ މީހުން، ފަށައިގަންނަ ކުދިން ޑީމޯޓިވޭޓްވާ ކަހަލަ އެއްޗެހި ގޮވުން. އަޅުގަނޑު ވެސް ފޮޓޯނަގަން ފަށައިގަތްއިރު އެކަހަލަ ކަންތަކެއް ތަޖުރިބާކުރެވުނު،" ސޮއްޓި ބުންޏެވެ.
"ބުނެކަން ބޭނުންވަނީ ޖެހިލުންތައް އަންނާނެއޭ. އެކަމަކު ގިވްއަޕް ނުކުރާށޭ. އަމިއްލަ އަށް ދަސްކުރި ވަރަކަށޭ ކުރިއަރާނީ. އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑު ގާތު ބުނީ، ކެޔޮޅުން އަތުންނޭ ބުޅި ކެނޑޭނީ. އެއީ މިސާލަކަށް ފޮޓޯ ނުނަގާ މީހަކަށް، ފޮޓޯނަގާ މީހުންނަށް ދިމާވާ މައްސަލަތަކެއް ދިމައެއް ނުވާނެއޭ. އެގޮތަށް މައްސަލަ ޖެހުނީމައޭ ރަނގަޅުކުރެވޭނީ ވެސް."
މިއީ ހިތާއި ހިތުގެ ގުޅުމެއް!
ފޮޓޯގްރެފީ އާއި ސޮއްޓިއާ ދެމެދު އޮތް ގުޅުމަކީ މިއީ އެވެ. ބޭބެ އެވަރަށް ފޮރުވައިގެން ނުދޭން އުޅުނު ކެމެރާ ހިފައިގެން އޭނާ ފޮޓޯނަގަން ނުކުތީ ވެސް އެހެންވެގެންނެވެ. އަމިއްލަ ޚަރަދުގައި ކެމެރާގަނޑެއް ހިފައިގެން ގއ. ގެ ރަށްތަކުގައި ދިރު ދަތުރުތަކެއް އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް އޭނާ އެފަދަ ދިގު ދަތުރުތަކެއް "ކެމެރާއެއްގައި" ކުރީ އެހެންވެގެންނެވެ.
އަދި އޭނާ މިހެން ބުނަނީ ވެސް އެހެންވެގެންނެވެ.
"މާ ބޮޑަށް ވެސް ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް ލިބޭ. އެކަމަކު ލިބޭ އާމްދަނީއަކަށް ވުރެން ބޮޑަށް އިސްކަން ދެވެނީ އަބަދުވެސް މި އަށް އޮތް ލޯތްބަށް."
މީގެ އިތުރުން މި ދާއިރާއިން ކުރިއަރަން ބޭނުންވާ އެންމެނަށް އެހީވާން ވެސް އޭނާ ބޭނުންވެ އެވެ. އޭނާގެ ހިތުގައި ފޮޓޯގްރެފީ އަށް އޮތް ލޯބީގެ އޮށް އެހެން އެންމެންގެ ހިތުގައި ވެސް އިންދަން ބޭނުންވެ އެވެ.
"އަލަށް ފަށައިގަންނަ ކޮންމެ ކުއްޖަކު އަޅުގަނޑާ ދިމާވިޔަސް އަބަދުވެސް އެހީވަން. ޓިޕްސް ދެން. އިކްއިޕްމަންޓް ވެސް ދެން."
ސޮއްޓި އަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ޑިމާންޑްބޮޑު ވެޑިން ފޮޓޯގްރާފަރުންގެ ލިސްޓުގެ ގަދަ ފަހެއްގައި ޔަގީނަށް ވެސް ލައްވައިލާނޭ ނަމެކެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި އޭނާ އެވަރަށް މަސައްކަތްކޮށް ނަތީޖާ ދައްކައިފި އެވެ.
"އެންމެ ބޮޑު ކާމިޔާބީ އަކީ ފޫހިނުވެ މިކަން ކުރެވުން. އެއް ދުވަހަށް ވުރެ އަނެއް ދުވަހަށް މޯޓިވޭޓްވެވޭތީ އިތުރަށް. އިއްޔެ ހުރި ސޮއްޓިއެއް ނޫން މިއަދު ހުންނާނީކީ. މި ހުރިހާ ގޮންޖެހުންތަކެއް އަންނައިރު ވެސް އެ މޯޓިވޭޝަން ނުގެއްލޭތީ އަސްލު އެންމެ ހިތްހަމަޖެހެނީ،" ސޮއްޓި ބުންޏެވެ.
"އަބަދުވެސް ބޭނުންވަނީ ކުރިއަށް ވުރެ މައްޗަށް ދިއުން. ވަކި ހިސާބެއް ނެތް ކަނޑައަޅާފައެއް."