(15 ޖެނުއަރީ 2017 އާ ގުޅޭ)
"މަން...." ސިހިފައި ހަޅޭލަވައިގެންނަން އުޅުނު އައިރާގެ އަނގައަށް މީހަކު ފިތާލިފިތާލީނުން އަޑު ވެސް ކަރުބުޑުގައި ތާށިވެއްޖެ އެވެ.
ލިބިގެންދިޔަ ހާސްކަމުގައި މަދު ސުކުންތުކޮޅެއްގެ ތެރޭ އައިރާ ބިރުން ފިތްކެނޑޭވަރު ވިއެވެ. މީހާ ދާހިތްލާފޯވަމުން ދިޔައިރު ހަޔާތުގައި ދުވަހަކު ވެސް ނުކުރާވަރު ބޮޑު ހަނގުރާމައެއް އޭނާ ކުރަމުންދިޔަ އެވެ. ޝަމްއާނުގެ ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރިކަމުން ސަލާމަތްވުމަށެވެ. ތެޅިފޮޅެމުން ދިޔަ ވަގުތު އައިރާގެ ލޮލުގައި އަޅައިގަތީ އެނދުކައިރީ ބާވެފޮޅިފައި ހުރި ކަބަޑުގެ މަތީ އޮތް ފަރުގާލުފޮއްޓެކެވެ. އެއީ އައިރާގެ ބުރުގާގަ ޖަހާ ޕިންތައް އަޅައިގެން ގެންގުޅޭ އެއްޗެވެ. އެހެންނަމަވެސް މިވަގުތު ނުބައި ނުލަފާ ޝައިޠޯނަކު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަތުގައި އޮތް އެންމެ އަގު ބޮޑު މުދާ ފޭރިގަތުމަށެވެ. ލޮނުދާ ހިއްލަމުންދިޔަ އަތްތިލައިން ޝަމްއާނުގެ ގައިގާ ހިފޭގޮތެއް ނުވިއެވެ. އެހެންނަމަވެސް ނިޔަފަތިޖެހޭ ކޮންމެ ދިމާލަކުން ތެޔޮހަން ކެނޑޭވަރުކޮށްލަ އެވެ. އެފަދަ ކޮންމެ ވަގުތަކު ޝަމްއާނުގެ އަނގައިން ވޭން ލިބޭކަމުގެ މަޑު އާހެއް ނުކުމެގެންދެއެވެ. ނަމަވެސް އައިރާއަށް ކުރި ލިބޭ ގޮތެއް ނުވެއެވެ. ބައެއްފަހަރަށް އަނގަމަތީ ޝަމްއާނު ހިފައިގަތް ގަތީނުން ނޭވާ ލާން އުނދަގޫވެގެން އައިރާއަށް ތެޅިގަނެވެއެވެ. މޭކަށިގަނޑު ފިތިބާރުވެ ފިސްފިސް ވެދާނޭހެން ވެސް އިހުސާސް ކުރެވުނެވެ. ޝަމްއާނުގެ ބިރުވެރި މޫނުން ނަޒަރު ވަކިކޮށްލުމާއެކު އައިރާ އޭނާގެ ވައަތުން ކަންފަތިވެފައި އޮތް ގޮދަޑިގަނޑުގައި ހިފިއެވެ. އަދި ހަށިގަނޑުގެ ހުރިހާ ބާރެއް އެ އަތަށް ލަމުންދިޔައެވެ. ޝަމްއާނުގެ ބިޔަ ބަރު ބޮޑު ހަށިގަނޑުގެ ސަބަބުން އައިރާއަށް އޭނާގެ ހަށިގަނޑު ގުޑުވާ ވެސް ނުލެވުނެވެ. އޭރު ދެ ލޮލުގެ ހިމަކޮޅުން ކަރުނައިގެ ކޯރު ހެދިއްޖެއެވެ. ކުއްލިއަކަށް ޝަމްއާނު އޭނާގެ މޫނު އައިރާގެ މޫނާ ގާތްކޮށްލިއެވެ. ހަތަރެސްފައި ހަރަކާތްކުރަން އުނދަގޫވި ހިނދު ދެ ލޯ އަޅާލުމާއެކު އައިރާގެ ބޮލުން އެތިފަހަރެއް ޖެހިއެވެ.
"އައްދޯއި..." ކުއްލިއަކަށް ޝަމްއާނަށް އޭނާގެ ނޭފަތުގައި ހިފަހައްޓާލެވުނެވެ. އައިރާގެ ކަނާތު ބުމަމަތިން ޖެހުނީ ޝަމްއާނުގެ ނޭފަތު ކަށިގަނޑުގައެވެ. ލިބުނު ހަނި ފުރުޞަތުގައި އައިރާއަށް އެއްފަރާތަށް ދެމިގަނެވިއްޖެއެވެ. އެއާއެކު އަތުގައި ޖެހުނު ފަރުގާލު ފޮށި ނަގާ އަތަށް ލެވުނުހާ ބާރެއްލާ އެ އިން ޝަމްއާނުގެ ބޮލުގައި ބޮނޑިއެއް އަޅައިފިއެވެ. އެއާއެކު އޭނާ ބުރާންތިވާގޮތްވީ ކަންނޭނގެ އެވެ. ދެ ކަކުލުގެ ބާރަށް ތެދުވެވުމާއެކު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަރުން ވެސް އައިރާ ހުއްޓައެއް ނުލިއެވެ. ފަރުގާލު ފޮށިން ދެވަނަ ބޮނޑިއެއް އަޅާން އުޅެނިކޮށް ލޮނުދާހިތްލާފައި ހުރި އަތުގެ ތެރެއިން އޭތި ސޮއްސައިލައިގެން މާދުރަށް ވިއްސައިގެން ހިނގައްޖެއެވެ. ރުޅިވެރި ނަޒަރަކުން ޝަމްއާނު ބަލާލީ އައިރާ ރޮލާ ކާލަން ބޭނުންވެފައި އިން ހެނެވެ. ނަމަވެސް އޭނާއަށް ފުރުޞަތެއް ނުދީ ކުއްލިއަކަށް އައިރާ ފައިކުރުކޮށް ޝަމްއާނުގެ ބަނޑުކޮޅުގައި ޖަހާ ފަހަތަށް އޭނާ ގަންނަވާލި ކަހަލައެވެ. އައިރާއަށް މިނިވަންވެވުނީ ދެނެވެ. ރޯމަހެއްހެން ތެޅިގަނެފައި ފުންމައިގެން ތެދުވިގޮތަށް ދުއްވައިގަނެވިއްޖެ އެވެ. އޭރު ލައިގެން ހުރި ހަރުވާޅު ދެ ކަކުލާ ހަމައަށް ތިރިވެފައި ހުރިކަން އެނގުނީ ދަތި އެޅިގެން އަނގަވަތަށް ވެއްޓުނީމަ އެވެ. ހަމަތަޅުމުގައި ޖެހުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. ހަރުވާޅުގައި ހިފާ މައްޗަށް އަރުވާލުމާއެކު މަޑުނުކޮށް ދުއްވައިގަތީ އެވެ. އޭނާއަށް ހިމާޔަތްތެރިކަމެއް ފޯރުކޮށްދޭނޭ މީހަކު ހޯދުމަށްޓަކައެވެ. ޝަމްއާނުގެ ވަކިތަކުގެ ޝިކާރައަކަށްވުމުގެ ކުރިން އޭނާ އެހެން އަތެއްގެ ރައްކާތެރިކަމުގެ ތެރެއަށް ލާދޭނޭ ފަރާތެއް ހޯދުމަށްޓަކައެވެ.
ނިދި ނައިސްގެން ނުކުމެ ސިނގިރޭޓެއް ރޯކޮށްލައިގެން ޖޯއްޔަށް ދެފައި ނަގައިގެން ނިޔާނު އޮތީ ވެހެމުންދިޔަ ބޯ ވާރޭގެ ތެރެއަށް ނަފްސު ދޫކޮށްލައިގެން އޮތް ހެނެވެ. ދޭތެރެއަކުން ދަމާލާ ދުންތައް އަނގަވައްކޮށް ގޮތް ގޮތަށް ބޭރުކޮށްލަ އެވެ. އެއްވެސް ޚިޔާލެއް ފިކުރެއް އޭނާގެ ނެތެވެ. ވާރޭގެ ފިނިކަމުގެ ތެރެއިން އޭނާގެ ހަށިގަނޑު ހޫނު ކުރުމަށް ގަސްދުކޮށްފައިވަނީ ދެ އިނގިލިން ހިފަހައްޓާލައިފާ ސިނގިރޭޓުން ކަހަލައެވެ. އެއީ އޭނާއަށް ނުހުއްޓުނު ނުބައި އާދައެކެވެ. މުޅި ދުނިޔެ ހިމޭންވެފައިވާ ވަގުތެއްގައި ވާރޭގެ ފެންތިކިތަކުން ރީތި ނާނާއެއް ކިޔާދެމުންދާ ކަހަލައެވެ. އެ ރާގާ ގުޅުވާލެވޭތޯ ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް ނިޔާނު ވެސް ރާގެއް އަނގައިން ލައްވާލިއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް އައީ މިފަދަ ވިއްސާރަ ރެއަކާ ގުޅިފައިވި ލޯބީގެ ދިވެހި ލަވައެކެވެ. ލަފުޒުތައް ސިކުނޑީގައި އަތުރަމުންދިޔައިރު އަނގައިން އިވެމުންދިޔައީ ލައިގެ ހަމައަށް ލައްވަމުންދިޔަ އަޑެވެ.
ތަޤުދީރުގެ ގަލަމުން މި ތޫފާނީ ރޭގެ ޞާފުހާގައި ލިޔެފައިވާ އެއްޗެއް އެނގުމުގެ ކުޅަދާނަކަމެއް އިންސާނުންގެ ސިކުނޑިތަކަކަށް ލިބިފައެއް ނުވެއެވެ. އެހެންނަމަ ނިޔާނު ވެސް އެގޮތަށް ނުނިދިފައި ނުކުމެ މި ދަންވަރަކު އެކަނިމާ އެކަނި ޖޯއްޔަކު ނޯތީހެވެ. ނަމަވެސް ތަޤުދީރުގެ ކުލަވަރު ފާޅުވެގެން ދިޔައީ ނިޔާނު ނުވެސް ދެނަހުއްޓެވެ. އޭނާގެ މުޅި ނަފްސު ވެސް ހޭލައްވާލަމުންނެވެ. ހައިރާންކަމުން ފުރިގެންވީ ފަދައިންނެވެ.
ޖޯލީގައި އޮވެފައި ނިޔާނު ފުންމައިގެން ތެދުވީ ރީނދޫކުލައިގެ ދޮރޯށި ހުޅުވާލާފައި ނުކުތް އަންހެންކުއްޖާ ފެނިފައެވެ. ފަހަތަށް ބަލަމުން ދުވަމުން އައި އިރު ހީވަނީ ބިރުވެރިކަމެއް ފެނިގެން އަންނަ ހެނެވެ. ބޯވާރޭގައި ދުވަމުން އައިސް ކަނޑާފައި ހުރި ދޮރުން އެތެރެ ވަންނަން އުޅުމުގެ ތެރޭ ފާރުގައި އަޅައިގަނެފައި އެ އަންހެންކުއްޖާ ވެއްޓިއްޖެއެވެ. އެހިނދު އޭނާ ނުކުމެގެން އައި ދޮރޯށިން މީހަކު ނިކަން އަވަހަށް ބޯދިއްކޮށްލާފައި އެތެރެއަށް ދެމިގަތްހެން ނިޔާނަށް ހީވިއެވެ. އެކަމަށް ސަމާލުކަމެއް ދެވުމަށްވުރެ އަތުގައި އޮތް ސިނގިރޭޓު ވާރޭގެ ތެރެއަށް އެއްލާލުމާއެކު ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލެވުނީ ވެއްޓިފައި އޮތް އަންހެންކުއްޖާއަށް އެހީވާށެވެ. އެހެންނަމަވެސް ނިޔާނު ގާތްވުމުގެ ކުރިން އޭނާ ތެދުވެއްޖެއެވެ. އޭނާ ލައިނުގަނެގެން އުޅޭ ފަދައަކުން ގޭތެރެއަށް ވަންނަން އުޅުމުން ނިޔާނު ހިފެހެއްޓިއެވެ. އޭރު ދެ މީހުންނަށް ވެސް ތިބެވުނީ ވާރޭގަނޑު ތެރޭގައެވެ.
"ތީ ކޮންކުއްޖެއް؟..." ބޮލުގައި އޮތް ކަޅުބުރުގާއިން މޫނު ނިވާވެފައި ހުރުމުން ކާކުކަން ނޭނގި ނިޔާނު އަހާލިއެވެ.
"ލިޒީ... ލިޒީ... ލިޒީ... ޕްލީޒް... ޕްލީޒް..." ފަސް އެނބުރި ބަލާލުމާއެކު އެ އަންހެންކުއްޖާ އަނެއްކާ ވެސް އުޅުނީ އެތެރެއަށް ވަންނާށެވެ. އެހިނދު ނިޔާނު އެ އަންހެންކުއްޖާގެ ބޮލުގައި އޮތް ބުރުގާ ރަނގަޅު ކޮށްލަން އުޅުނު ވަގުތު އެއްފަރާތުން ބުރުގާ ވެއްޓިއްޖެއެވެ.
"އައި... އައިރާ..." ނިޔާނަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ އޭނާގެ ކުރިމަތީ ހުރީ އައިރާކަން އެނގުމުންނެވެ. އަވަސް އަވަހަށް ތިރިއަށް ވެއްޓުނު ބުރުގާ ނެގިއިރު އޭގައި ދޮޅިޖަހާފައެއްނެތެވެ. އެ އަޅުވާނޭ ގޮތެއް ނިޔާނަށް ނޭނގުނަސް އަވަސް އަވަހަށް އައިރާގެ ބޮލާއި ކަރުދޮށް ނިވާކޮށްދިނެވެ. އޭރު ނިޔާނުގެ މެޔާ ދިމާލުން އޭނާގެ ޓީޝާޓުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އައިރާ ކޮންމެވެސް ވާހަކައެއް ބުނަން މަސައްކަތް ކުރަނީއެވެ. ނިޔާނަށް ހަދާނޭ ގޮތެއް ނޭނގުނެވެ. އައިރާއަށް އެހީވުމަށް އޭނާގެ މުޅި ޒަމީރު ވެސް ގޮވާލިއެވެ. އައިރާގެ ދެކޮނޑުގައި ހިފާލުމާއެކު އޭނާއަށް ރަނގަޅަށް ނިޔާނު ބަލާލިއެވެ.
"ސުބުޙާނަﷲ... ވަޓް ހެޕެން ޓު ޔޫ... އައިރާ... މީ ނިޔާން... އައިރާ... ކިހިނެއްވެފަ ތިހުރީ... ތިއޮއް ލޭ އަންނަނީ... ކާކު މިހެން ހެދީ... އައިރާ... އޯ ގޯޑް... އާދޭ އަވަހަށް..." އައިރާ ގޮވައިގެން ނިޔާނު ގޭތެރެއަށް ވަނެވެ. އޭރު އޭނާ ވެސް ތެމި ފޯވެއްޖެ އެވެ. ޖީބުގައި އޮތް ފޮނު މަތިން ހަނދާންވީ ދެނެވެ. އަވަހަށް ފޯނު ނަގާ ބަލާލުމާއެކު ލިޒީއަށް ގޮވަން ނިޔާނު ދާން އުޅުނެވެ. އެހެންނަމަވެސް އޭނާ އެނބުރިލި ވަގުތު އޭނާގެ ކަނާތު މުލައްދަނޑީގައި އައިރާގެ ފިނި ފިނި ދެއަތުން ހިފަހައްޓާލީ ނުހަނު ބާރަށެވެ. ކަރުން ފުރި ބަންޑުންވަމުން ދިޔަ ދެ ލޮލަށް ނިޔާނު ބަލާލިއެވެ. އައިރާ ބުނަން ބޭނުންވަނީ ކީކޭކަން ނިޔާނަށް ފަހުމްވިއެވެ. އޭނާ އަތުގައި އޮތް ފޯނުން ލިޒީއަށް ގުޅިއެވެ. ދެތިން ފަހަރު ގުޅިފަހުން ނިދިބަރު އަޑަކުން ލިޒީ ވާހަކަ ދެއްކި އެވެ.
"ލިޒީ... އައިރާ... އައިރާ އެބަހުރި އައިސް... އަވަހަށް ނުކުމެބަލަ..." ނިޔާނުގެ ބަސްތަކުން ލިޒީގެ ދެ ލޯ ތަންމިނަށް ބޮޑުކޮށްލެވުނެވެ. އޭނާ ޖަވާބެއް ވެސް ނުދީ ފޯނުކޯލު ކަނޑާލީ އެވެ. ގިނައިރެއްނުވެ ލިޒީ ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައިތަން ފެނުނެވެ.
"އައިރާ..." ލިޒީއަށް ބަލާލެވުނީ އައިރާއަށާއި ނިޔާނަށެވެ. ދާދި ގާތުގައި ދެ މީހުން ތިބިއިރު ދެ މީހުން ވެސް އެކީ ތެމިފޯވެފައިވަތީ އެވެ. ފެންނަ މަންޒަރުން ދެނެގަންނަންވީ ކީކޭކަން ނޭނގިފަ އެވެ. ޖަވާބަކަށް ބޭނުންވެފައި ހުއްޓާ އައިރާ ދުވެފައި އައިސް ލިޒީގެ ގައިގާ އޮޅުލައިގަނެއްޖެ އެވެ.
"ޕްލީޒް އަހަރެން ފޮރުވާ... ލިޒީ... އަހަރެން ފޮރުވާ..." އައިރާ ރޮއިރޮއިފައި ބުނަމުން ދިޔައެވެ.
"ކާކު އައިރާއަށް ތިހެން ހެދީ..." ލިޒީ މިހެން އަހާލިއިރު އޭނާގެ ނަޒަރު ނިޔާނަށް ހުއްޓުނެވެ. ނަމަވެސް ނިޔާނުގެ މޫނު މަތީގައިވަނީ ކަންބޮޑުވުމެވެ.
"ޝަމް... ޝަމްއާ..." ލިޒީގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ރޮމުންދިޔަ އައިރާ ބުނަން މަސައްކަތް ކުރިއެވެ.
"ޝަމްއާނުތަ؟ އޭނާ އެ ހިސާބަށް ވެސް ދިޔައީތަ...؟" ލިޒީގެ މޫނުމަތިން ފާޅުވެގެން ދިޔަ ނުރުހުން ނިޔާނަށް ވެސް ފެނިގެންދިޔަ އެވެ. ކުއްލިއަކަށް ލިޒީއަށް އެ ތަނުގައި ނިޔާނު ހުރިކަމާއި އެކުވެރިޔާގެ ހަޔާތް ނިޔާނުގެ ކުރިމަތީ ފަޟީޙަތްވެ ދާކަށް އެއްގޮތަކަށް ވެސް ނޭދެވުނެވެ. އެހެންވެ އަވަސް އަވަހަށް އައިރާ ގޮވައިގެން ލިޒީ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ނިޔާނަށް ލިޒީގެ އެ އަމަލާއި ހަރަކާތްތައް ކިތަންމެ ސާފުކޮށް ވެސް ދެނަގަނެވިއްޖެ އެވެ.
"ޝަމްއާނު... އެ އީ އައިރާގެ ކާކުބާ... އޭނަ އައިރާއަށް ކަމެއް ކުރާން އުޅުނީބާ؟ އައިރާ އެ ހުރީ ވަރަށް ބިރުގެންފައި... އަހަންނަށް އައިރާ ނޭނގުނަސް އޭނާ ކިތަންމެ ފަހަރަކު ފެނިއްޖެ... ފިރިހެނަކަށް އޭނާ އަމިއްލައަށް ދައުވަތެއް ނުދޭނެ... އެއީ އެކަހަލަ އަންހެންކުއްޖެއް ނޫން..." ނިޔާނު ވިސްނަން ހުރެފައި ގޭގެ ދޮރު ތަޅުލާފައި އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ.
ވާރޭގެ ތެރޭގައި ދުވަމުން އައިރާ ފެނި އެރޭގެ ނިދި ނިޔާނަށް ހަރާންވި އެވެ. ލޯ މެރިލާއިރަށް ކުރިމަތި ސިފަވަނީ އައިރާއެވެ. ފާރު ބުރީގައި އަޅައިގަނެފައި ވެއްޓި ޖެހުމާއެކު ފުންމައިގެން ތެދުވެ އަނެއްކާ ވެސް އައިގޮތުން އޭނާގެ ގާއިގާ ނިޔާނު ހިފެހެއްޓި ވަގުތުކޮޅެވެ. ބޯކަޅުވިލާގަނޑެއްގެ ތެރެއިން ސާފު ހަނދު ފާޅުވެގެން ދިޔަ ކަހަލައެވެ. ނަމަވެސް ވާރޭގެ ތިކިތަކާއެކު އެ ސާފު ދޮން މޫނަށް އަގީދުކުލަ ވެރިވެގެންދިޔަ އެވެ. ފެނިގެންނުވާނޭ މަންޒަރެއް ފެނުނު ހިނދު ތެޅިގަނެފައި ނިޔާނަށް މޫނު އަނބުރާލެވުމާއެކު އައިރާ ފޮރުވައިގެން ގެންގުޅޭ ރީތިކަން އެހެން މީހަކަށް ނުފެންނަނީސް ފަރުދާކުރި ހިނދުކޮޅެވެ. ދެ އަތަށް ފުރޮޅި ފުރޮޅި އަރިކަށީގައި ރިހުން އުފެދުނު އިރު ވެސް ސިކުނޑީގެ ހުރިހާ ހިސާބެއް ހިސާރުކޮށްފައިވަނީ އައިރާގެ ޚިޔާލުތަކެވެ.
* * * *
މަލީހާ ފަތިސް ނަމާދުކޮށްގެން ނުކުމެ ލިޒީއަށް ގޮވިއެވެ. އެހިނދު ލިޒީ ދޮރުހުޅުވާލާފައި މަލީހާ ކޮޓަރިއަށް ވެއްދިއެވެ. އައިރާ އެ ކޮޓަރިން ފެނުމުން މަލީހާ ވެސް ދިޔައީ ސިއްސައިގެންނެވެ.
"މަންޖޭ... ކޮންއިރަކު އައި ގޮތަށް..." ހައިރާންކަމާއެކު މަލީހާއަށް އަހާލެވުނެވެ. އޭރު ވެސް އައިރާ އިނީ ދެ ކަކުލުގައި އަޅުވާލާފައިވާ ދެއަތުގެ ތެރޭ މޫނު ފޮރުވާލި ގޮތަށެވެ.
"މަންމާ. އާދެބަލަ... ވަރަށް ބޮޑު ވާހަކައެއް ދައްކަން..." މަޑުމައިތިރިކަމާއެކު ލިޒީ މިހެން ބުނެ މަލީހާ ގެނެސް އެނދުގައި ބޭންދިއެވެ. އަދި އައިރާ ކިޔައިދިން ހުރިހާ ވާހަކައެއް މަލީހާއަށް އޮޅުން ފިލުވައިދިނެވެ.
"ނުބައިކަން އިންތިހާއަށް ދިޔައީމަ ދެން މަޑުން ތިބޭނެ ކަމެއްނެތް... އެކޮއެ... ހިނގާ ދައްތައާއެކު... ރިޕޯޓުކުރަން ހިނގާ..."
"ރިޕޯޓުކޮށްގެން އަހަންނަށް ވާނީ ކޮން ފައިދާއެއް... އުޅޭނޭތަނެއް ހުރީކީ ނޫން... ވަޒީފާ ލިބިގެން ގިނަ ދުވަހެއްނުވޭ... ރަށުތެރޭގައި މި ވާހަކަ ދައްކާނެ އޭރުން... ވަޒީފާގަނޑު ދެން ގެއްލޭނީ... އޭރުން އަނެއްކާ ވެސް ބިކަވެގެންދާނީ އަހަރެން... ކޮންމެ ހާލެއްގައި ވެސް މިވަގުތު އުޅެވެން އޮތީ އެމީހުންގެ ގާތުގައި..." އައިރާގެ ރަތްވެފައިވާ ދެ ލޮލުން ކަރުނަ ހިކިފައިވެއެވެ.
"މީނދަ ދަރިއެއް... ތިޔަހެން ނުވިސްނަބަލަ... ކޮންމެ މީހަކަށް ވެސް ކޮންމެވެސް ގޮތެއް އޮންނާނެ... މިފަހަރު މަންޖެއަށް އޭނާގެ ޝިކާރައަކަށް މަންޖެނުވެ ސަލާމަތްވިޔަސް ދެވަނަ ފަހަރަށް ނުވާނެ... އޭނާ ވެސް ދެން ހުންނާނީ ނިކަން ހުށިޔާރުވެގެން... ދެރައެއް ނުލިބެނީސް ދައްތައަށް ފެންނަނީ ތިކަން ރިޕޯޓުކުރަން..." އައިރާގެ ގާތަށް ޖެހިލާ އޭނާގެ ބޮލުގައި މަލީހާ ފިރުމާލިއެވެ.
"އަހަރެން ވެސް ބިރުގަނޭ... އެކަމަކު... ނުކުރޭނެ... ޕްލީޒް ލިޒީ... ދައްތާ... އެވަރުގެ ބޮޑުކަމެއް ކުރާކަށް ހަމަ ނުކެރޭނެ..." އައިރާ އާދޭހުގެ ރާގެއްގައި ބުންޏެވެ. އަދި އޭނާގެ ދެ ލޯ ފެންކަޅިވަމުންދިޔައެވެ.
"ދެން ނުރޮއެ.. މަންޖެއަށް ފެންނަގޮތަކަށް ކަންތައްކުރޭ... ދައްތަ ދެން ކީކޭ ބުނާނީ..." މަލީހާ މާޔޫސްވިއެވެ.
އެނބުރި ގެއަށް ދާންޖެހޭނެކަން އެނގޭތީވެ އައިރާ ބޭނުންވިޔަސް ލިޒީގެ ގާތުގައި މަޑެއް ނުކުރެވުނެވެ. ހިޝްމާމެން ހޭލައިގެން އޭނާ ނެތިއްޔާ ފުރަތަމަ ވެސް އަންނާނީ ލިޒީގެ ގާތަށެވެ. ޒުވާބެއް ކުރަން ފަށާފާނެތީ އައިރާ ފަސްޖެހެނީ އެވެ. އެހެންވެ ހިތްވަރުކޮށްފައި ދެ ލޯ ފުހެލާފައި ލިޒީގެ ކޮޓަރިން ނުކުމެގެން ގެއަށް ދާން އައެވެ. އެވަގުތު ބޭރުން އައިސް ސިޓިންރޫމަށް ވަން ނިޔާނާއި އައިރާގެ ހަތަރުކަޅި ބައްދަލުވިއެވެ. އެ ސުކުންތުކޮޅުތެރޭ ރޭގައި ހިނގާ ދިޔަ ކަންތައްތައް ދެ މީހުންގެ ލޯ ކުރިމަތިން ސިފަވެގެން ދިޔަ ކަހަލައެވެ. އަވަސް އަވަހަށް އައިރާ ނަޒަރު ވަކިކޮށްލުމާއެކު އަރިއަކަށް ޖެހިލާ ނިޔާނުގެ ގައިން ނެއްޓި ހަލުވިކޮށް ގެއަށް ދިއުމަށް ހިނގައިގަތެވެ. ނިޔާނަށް ފަސްއެނބުރި ބަލާލެވުނީ އައިރާ ދިޔަ ދިމާއަށެވެ. (ނުނިމޭ)