ހަބަރު

އަލުން އިންތިހާބުވެއްޖެ ނަމަ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ހުއްޓުވާނަން: ނަތަންޔާހޫ

މާދަމާގެ އިންތިހާބު ކާމިޔާބުވެ އަލުން އިޒްރޭލުގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންފި ނަމަ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ހުއްޓުވާނެ ކަމަށް ބިންޔާމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ އޭނާގެ ލިކޫޑް ޕާޓީ އަށް އޮތް ތާއީދު އިދިކޮޅު ޒަޔަނިސްޓް ޔުނިއަން އަށް ވުރެ ކުޑަ ކަމަށް ހިޔާލު ހޯދުންތަކުން ދައްކާފައި ވަނިކޮށެވެ. ޒަޔަނިސްޓް ޔުނިއަން އިން ކެމްޕޭނުގައި ބުނަމުން ދަނީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ފަލަސްތީނާ އެކު ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލަށް ކުރިމަތިވެފައިވާ އެކަހެރިކަން ކުޑަކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ ލިކޫޑް ޕާޓީ އަށް ވެސް އަދި ޒަޔަނިސްޓް ޔުނިއަން އަށް ވެސް ވޯޓުގެ 25 ޕަސެންޓަށް ވުރެ ގިނައިން ނުލިބޭނެ ކަމަށެވެ.

ވެރިކަން ދިފާއު ކުރުމުގެ އެންމެ ފަހު ހަތިޔާރެއްގެ ގޮތުގައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނަށް ބިންތައް ދޫކުރުމަކީ އިޒްރޭލަށް ހަމަލާތަކުގެ ނުރައްކާ ބޮޑުވެގެން ދާނެ ކަމެއް ކަމަށެވެ.

"ފަލަސްތީނަށް ބިންތައް ދޫކުރުމުގެ ވާހަކަ ދައްކާ ކޮންމެ މީހަކު އެހެން އެ ބުނަނީ އެއްވެސް ވަރަކަށް ހަގީގަތަށް ބެލުމެއް ނެތި. ބިންގަނޑަށް ބޯ ކޮއްޕާލައިގެން އޮވެ. އިދިކޮޅު މީހުން އެ ތިބީ އެގޮތަށް ބިމަށް ބޯ ކޮއްޕާލައިގެން،" ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވުމުން އޭގެ މާނަ އަކީ އަލުން އިންތިހާބުވެއްޖެ ނަމަ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ފުރުސަތު ނުދިނުންތޯ ސުވާލު ކުރުމުން ނަތަންޔާހޫ ވިދާޅުވީ "ޔަގީން" ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޔަހޫދީން އާބާދު ކުރަމުން ދާއިރު އެކަން ހުއްޓުވުމުގައި ދުނިޔެ ވަނީ ނުކުޅެދިފަ އެވެ. ފަލަސްތީނާ އެކު ސުލްހަ ވުމަށް މިހާތަނަށް ކުރި މަސައްކަތުގައި އިޒްރޭލުން އެއްބަސްވުންތަކާ ހިލާފުވެ އަބަދުވެސް އިލްޒާމް އަޅުވަނީ ފަލަސްތީނުގެ ބޮލުގަ އެވެ.