ހަބަރު

ސައްދާމްގެ މަގުބަރާ ބިމާ ހަމަކޮށްލައިފި

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ފަސްދާނު ލާފައިވާ ތަނުގައި ހަމަލާ ބަދަލު ކުރުމުގެ ސަބަބުން އެތަނަށް ގެއްލުންވެ ބިމާ ހަމަވެއްޖެ އެވެ.

އެ ސަރަހައްދުގެ އާންމުން ބުނަނީ ޝިއައީންނާއި ކުރުދީން މަރައި އިންސާނިއްޔަތާ ހިލާފް އަމަލު ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 2006 ވަނަ އަހަރު ދަންޖައްސާ މަރާލި ސައްދާމްގެ އަގުބޮޑު މަގުބަރާ ބިމާ ހަމަވުމުގެ މާކުރިން ސައްދާމްގެ ހަށިގަނޑު ނަގައިގެން ބަޔަކު ގެންގޮސްފައިވާ ކަމަށެވެ.

އޭޕީ އިން ހާމަކޮށްފައިިވާ ވީޑިއޯ ފުޓޭޖްތަކަކުން ފެންނަ ގޮތުގައި، ކުރިން ގަނޑުވަރެއް ފަދައިން ޒީނަތްތެރިކޮށްފައިވާ މަގްބަރާގައި މިހާރު ކޮޅަށް ހުރީ ދެތިން ތަނބެކެވެ. ތިކްރީތުގައި ހުންނަ މި ތަނަށް ގެއްލުން ވެފައި ވަނީ އިރާގާއި ސީރިއާގައި ބާރުގަދަކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޝިއައީ ހަނގުރާމަވެރިންގެ ކުރިމަތިލުންތަކުގަ އެވެ.

އައިއެސްގެ ހަނގުރާމަވެރިން ތިކްރީތުން ބޭރުކުރުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު ތިބީ ސައްދާމްގެ މަގްބަރާ ހުންނަ ހިސާބުގައި ބަންދުވެފައި ކަމަށް އިރާގުގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު ސާލިމް އަލް ގަބާން ވިދާޅުވި އެވެ.

މަގްބަރާ ބިމާ ހަމަކޮށްލުމުގެ ކުރިން އެތަނުގައި ކުރިން ހުރި ސައްދާމްގެ ބޮޑެތި ފޮޓޯތައް ހަލާކުކޮށް، ޝިއައީންގެ ދިދަ އާއި އެ މީހުންގެ ކޮމާންޑަރުންގެ ފޮޓޯތައް ވެސް ހަރުކޮށްފައިވެ އެވެ.

މަގްބަރާ ހަލާކުވީ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނި ނަމަވެސް ސައްދާމަށް ތާއީދުކުރާ އިރާގުގެ ގިނަ ރައްޔިތުން ބުނަމުން ދަނީ އެތަނަށް ގެއްލުން ދީފައި ވަނީ ޝިއައީ ހަނގުރާމަވެރިން ގަސްދުގައި ކަމަށެވެ.