ވިޔަފާރި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފަތުރާލައިފި

Jan 17, 2017
4

އުރީދޫ މޯލްޑިވްސް އިން 19 ދުވަހުގެ ތެރޭގައި، މުޅިރާއްޖެ 4ޖީ ޕްލަސްގެ ހިދުމަތުން ގުޅާލައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ 4ޖީ ޕްލަސްގެ ހިދުމަތް ތައާރަފު ކުރުމަށް ނިންމީ، އުރީދޫ ގްރޫޕުގެ ސީއީއޯ ދާދިފަހުން ރާއްޖެއަށް ކުރި ޒިޔާރާތުގައި އެދިލެއްވި ކަމެއް ހަގީގަތަށް ހެދުމަށް ކުރި ބުރަ މަސައްކަތުން ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުރީދޫގެ ހީވާގި މުވައްޒަފުންކަން އޭނާ ފާހަގަ ކުރި އެވެ.

"އަޅުގަނޑުގެ 15 އަހަރުގެ ކެރިއަރުގައި ނުދެކެން މި ވަރުގެ ޓީމެއް. މަސައްކަތަށް ސަމާލުކަން ދީގެން ކުރާ ހިތުން ކުރާ ބައެއް،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގައި އުރީދޫ މުވައްޒަފުންގެ އިތުރުން، ނެޓްވޯކް އެޅުމަށް ދުނިޔެއަށް މަޝްހޫރު ހުއާވޭގެ ބޮޑު އެހީތެރިކަމެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި މިއީ މުހިންމު ކާމިޔާބީއެއް ކަމަށް ވިކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަތުރުގެ މުހިއްމު ލަނޑުދަނޑިއަކަށް ވާސިލްވީ ދުވަހެއް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫއިން މަސައްކަތްކުރަމުން ދަނީ، ދުނިޔޭގެ އެންމެ ފަހުގެ އުފެއްދުންތަކާއި ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރި އުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް،" ވިކްރަމް ވިދާޅުވި އެވެ.

"ރެކޯޑް މުއްދަތެެއް ތެރޭގައި އުރީދޫގެ 4ޖީ ޕްސްގެ ނެޓްވާކް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނިންމާލެވިގެންދިޔައީ، އެންމެ ފަހުގެ ވަޔާލެސް ޓެކްނޮލޮޖީ މެދުވެރިކޮށް މުޅި ދިވެހިރާއްޖެ ގުޅުވާލަދިނުމަށްޓަކައި އުރީދޫ ޓީމުން ކުރި މިންނެތް މަސައްކަތުގެ ސަބަބުން. ޑިޖިޓަލް މޯލްޑިވްސް އަށް ސަރުކާރުން ދެއްވާ އަހައްމިޔަތާއި، އުރީދޫ ގްރޫޕްގެ އެހީތެރިކަމާއި، ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސް ޓީމުގެ ހުންނަ ޝައުގުވެރިކަމާއި އެކު، ހައި ސްޕީޑް ބްރޯޑްބޭންޑް މުޅި ރާއްޖެ އަށް ގެނައުމުގެ މުޅިން އާ މަރުހަލާއަކާއި ކުރިމަތިލުމަށް އަޅުގަނޑުމެން މިދަނީ އުފަލާއި އެކު ތައްޔާރުވަމުން."

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ މި ހިދުމަތް ތައާރަފުކުރަނީ 25 މިލިއަން ޑޮލަރުގެ ހަރަދު ކޮށްގެން ކަމަށާއި، މި ހިދުމަތުގެ ސަބަބުން އިންޓަނެޓުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެންވަރު ރަގަޅު މޮބައިލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި އެކު، ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫ އަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ދާނަން. މިގޮތުން، އިންޓަނެޓްގެ ޚިދުމަތް ބޭނުންކޮށްފައި ނުވާ ބޭފުޅުންނާއި، އިންޓަނެޓް ގެ ހިދުމަތް ލިބޭ ސްމާޓްފޯނު ނެތް ބޭފުޅުންނަށް ހާއްސަ ޕޭމަންޓް ޕްލޭންތަކާއި އެކު ފޯޖީގެ ހިދުމަތް ލިބޭ ފޯނު ތައާރަފްކޮށް، އިންޓަނެޓް ބޭނުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ. ދިވެހިރާއްޖޭގައި އުރީދޫގެ ނެޓްވަރކް އަށް ލިބިފައިވާ ކުރިއެރުމާއި އެކު، އޮންލައިން އެޑިއުކޭޝަން އަދި އީ-ހެލްތް ފަދަ ފައިދާހުރި ސްމާޓް ހިދުމަތްތައް ބޭނުންކުރުމުގައި، ދިވެހިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫއަށް ރާއްޖޭގައި ފޯނުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދީފައިވަނީ 2005 ވަނަ އަހަރު އެވެ. ކުރިން ވަތަނިއްޔާގެ ނަމުގައި އޮތްއިރު ދޭން ފެށި މި ހިދުމަތާއެކު ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް ވަނީ ބޮޑު ކުރިއަރުމެއް ލިބިގެން ގޮސްފަ އެވެ.