ލައިފްސްޓައިލް

މޫސާ މަމްދޫހުގެ މާނަވީ ދުނިޔޭގެ އަޖާއިބުތައް!

މޫސާ މަމްދޫހާއި އޭނާގެ ކުރެހުންތައް ފަހުމްކުރެވޭ ގޮތާއި ހިސާބުން ފެށިދާނެ އެވެ. މި ކުރެހުންތެރިޔާގެ ވާހަކަ އިވޭތާ ވެސް ލައްކަ ދުވަސްވެސްޖެ އެވެ. އޭނާގެ މޮޅުކަމާއި ހުނަރުގެ އާދަޔާހިލާފުކަމުގެ ވާހަކަތައް ތުންތުންމަތިންނާއި އެހެނިހެން ގޮތްގޮތަށް ވެސް އެނގެ އެވެ.

މީގެ ދެ ތިން ހަފުތާ ކުރިން ފުރަތަމަ ފަހަރަށް މި ފަންނުވެރިޔާއެކު ކޮފީއަކުން އަނގަތަޅައިލަން ލިބުމަކީ އުފަލެކެވެ. އޭނާގެ ފަލްސަފާ އާއި ހިޔާލީ ދުނިޔޭގެ ވާހަކަތަކާއި އެ ދުނިޔެ ކަރުދާހަށް ތިރިކޮށްފައިވާ ގޮތުގެ ހިތްގައިމު ކަމަކީ އެއް ހާސް ބަހުގެ މިފަދަ ލިޔުމަކުން ކިޔައިދެވޭ ވަރަށް ވުރެން ފުން ދުނިޔެއެކެވެ.

އުމުރުން 31 އަހަރުގެ މި ކުރެހުންތެރިޔާ އަޅުގަނޑުގެ ސިކުނޑީގައި ކުރެހުނު ގޮތް ސިފަކޮށްލައިދޭނަމެވެ. އިންޓަވިއުއަކަށް ގުޅުމުން ގަޑިއަށް އައިސް އިންއިރު އޭނާ އެންމެ ބޮޑަށް ވައްތަރުވީ އެމެރިކާގެ މަޝްހޫރު ސްކްރީން ރައިޓާ އަދި ފިލްމު ޑައިރެކްޓަރު ރިޗަޑް ލިންކްލޭޓާގެ ހިޔާލީ ދުނިޔެއިން ނުކުމެގެން އައިސް އިން ކެރެކްޓާއެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް އޭނާ 2001 ވަނަ އަހަރު ގެނެސްދިން މަޝްހޫރު ފިލްމު "ވޭކިން ލައިފް" ގައި އޭގެ ލީޑް ކެރެކްޓާ ވައިލީ ވިގިންސްއާ އޭނާގެ އޮލަ ހުވަފެނުގައި ބައްދަލުވާ ޕްރޮފެސަރު ރޮބަޓް ސޮލޮމަން މަތިން ހަނދާން އާކޮށްލަދިނެވެ.

"ވޭކިން ލައިފް" އަކީ އެގްޒިސްޓެންޝިއަލް ކްރައިސިސްއެއް ދައްކުވައިދޭ ވަރަށް ފަލްސަފީ ފިލްމެކެވެ. ދިރިއުޅުމުގެ މާނަ އާއި އިޖުތިމާއީ ފަލްސަފާ އާއި މިނިވަންކަމާއި ދުނިޔަވީ ބާރުތަކާއި ހުވަފެނާއި ހަގީގާތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މޫސާ މަމްދޫހާއި އޭނާގެ ކުރެހުންތައް ސިފަވެގެން އައީ "ވޭކިން ލައިފް" ގެ މި ބާރު މިނުގަ އެވެ.

ހިޔާލީ ދުނިޔެއެއްގައި އޭނާ އަކީ ދަތުރުވެރިއެއް

އެކަމަކު މިއީ މި ކުރެހުންތެރިޔާގެ ހަގީގީ ކުލަތަކާއި އޭނާގެ އަސްލު ސިފަ ކިޔުންތެރިންނަށް އެންމެ ބޮޑަށް ނަގައިގަނެވިދާނެ ގޮތް ކަމަކަށް އަދި ފަހަރެއްގައި ނުވެދާނެ އެވެ. ވަކިން ހާއްސަކޮށް އޭނާގެ ކުރެހުންތަކުގައި ބުނަނީ ކީކޭކަން ދެނެގަތުމަށް އުނދަގޫވެދާނެ އެވެ.

މަމްދޫހާ ސީދާ އެ ސުވާލުކޮށްލުން އޭނާ ދިން ޖަވާބަކީ މިއީ އެވެ. އޭނާ އަކީ ހިޔާލީ ނުވަތަ ހުވަފެނީ ދުނިޔެއެއްގައި ޖަވާބުތަކެއް ހޯދަން ދަތުރުކުރަމުން އަންނަ ކުރެހުންތެރިއެކެވެ. ނަމަވެސް އޭނާ އަށް ލިބޭ ޖަވާބުތަކަށް ވުރެން އޭނާ ބޮޑަށް ޝައުގުވެރިވަނީ އެ ޖަވާބުތަކަކަށް އާންމުން ބަންޑުންކޮށްލާނެ އިހްސާސްތަކެއް ބެލުމަށެވެ.

"ބޮލު ތެރޭގައި އޮތް ދުނިޔެ އަކީ އަޅުގަނޑަށް ވަރަށް އަސްލު ދުނިޔެއެއް. އެވެސް ތަނެއް. އެތަނުގައި ޓްރެވަލް ކުރެވޭ. އަޅުގަނޑުމެންނަށް ހުވަފެން ވެސް ފެނޭ. ހުވަފެނުގައި މި ފެންނަނީ އެ ދުނިޔެއެއްގެ ތަންތަންކޮޅުތައް ކަމަށް ވެސް ވެދާނެ. ނޭނގެ އަޅުގަނޑަކަށް،" މަމްދޫހު ކިޔައިދިނެވެ. "ބޮޑަށް މި މަސްއްކަތްކުރަނީ އެ ދުނިޔެއިން ފެންނަ މަންޒަރުތަކެއް ގެނެސްދެވޭތޯ. ކުރެވޭ އެކި ކަހަލަ ތަޖުރިބާތައް މީހުންނާ ހިއްސާކުރާ މެދުވެރިއަކަށް މި ވަނީ އާޓް"

"ބޮޑަށް ބަލަން ބޭނުންވަނީ އަޅުގަނޑު ސީދާ މި ކުރެހުންތަކުން މާނަކުރާ ގޮތުގެ ބަދަލުގައި އެހެން މީހުން މި ކުރެހުންތައް މާނަކުރާ ގޮތް. އާޓިސްޓަކު ހުރެދާނެ ވަރަށް މޮޅަށް ވިސްނާފައި ވަރަށް ގިނަ ކަންތައްތަކެއް އޭގައި ބަހައްޓާފައި. އޭގެ ވާހަކަ ނުބުނެ އާޓްވޯކް ދައްކާލީމަ، ދެން އަންނަ މީހާ މި އާޓްވޯކަށް ރިއެކްޓްކުރާގޮތް އެންމެ މުހިންމީ."

މޫސާ މަމްދޫހުގެ ކުރެހުންތަކުގެ އާންމު މީޑިއަމް އަކީ ގަލަމެވެ. ގަލަމެއްގެ އެހީގައި އޭނާ ކަރުދާހުގައި ފާޅުކުރާ މާނަފުން ހިޔާލީ ކުރެހުންތަކާއެކު އޭނާ ބޮޑަށް ހާއްސަވެގެން ދަނީ އިލުސްޓްރޭޓާއެއްގެ ގޮތުގަ އެވެ. ނަމަވެސް ކުރެހުމުގެ ތަފާތު އެކި ވައްތަރުތަކާއި އުކުޅުތަކަށް ވެސް އޭނާ ނިކަން ފަރިތަ އެވެ.

"ބޮޑަށް ކުރަހަނީ ލައިން އާޓް ސްޓައިލަށް ގަލަމުން ކުރެހުން. ދެން އެހެން އުޅެނިކޮށް ދުނިޔެ އަށް މަޝްހޫރު އިލުސްޓްރޭޝަސިސްޓުންގެ މައުލޫމާތު ލިބެނީ. ދެން އެމީހުންގެ މަސައްކަތްތައް ފެށިގެން ބޭނުންވީ އެ ފެންވަރުގެ މަސައްކަތަކަށް ޓްރައިކުރަން."

މިއީ މިއަދު މި ފެންނަ މޫސާ މަމްދޫހުގެ އާދަޔާހިލާފު ކުރެހުންތައް މިގޮތުގައި އުފަންވުމުގެ އެއް ސަބަބެވެ.

އަބަދުވެސް އަމިއްލަ ދުނިޔެއަކަށް ގެއްލިފައި

މިހައި ހިސާބުން މި ކުރެހުންތެރިޔާގެ އިޖުތިމާއީ މުއާމަލާތާ ގުޅިފައިވާ ބައެއް ސިފަތަކެއް ކިޔާލަދޭނަމެވެ. މިއީ ތިޔަ ހީކުރާހާ ފަސޭހައިން ރައްޓެއްސަކަށް ބަދަލުވެދާނެ ނުވަތަ ސަމާސާ އަނގަތަޅައި "ހިނިގަޅައި" ވަގުތު ދުއްވާލަން ޝައުގުވެރިވާ ނަމަ އެކަހަލަ ކަމަކަށް ހަގީގީ ޝައުގުވެރިކަމެއް ނެތް ޒުވާނެކޭ ބުނެވިދާނެ އެވެ.

އޭނާގެ ދުނިޔެ އާދައިގެ އެވްރެޖު މީހާގެ ދުނިޔެއާ ހިސާބަކަށްވުރެން ތަފާތުވީމަ އެވެ. އެ ދުނިޔޭގައި ސަރަހައްދީއިން ވަކިކޮށްފައި ވަނީ ފޮތާއި ޅެމާއި ބަސްގެތުމަކުންނެވެ. މަމްދޫހު ބުނީ ކުރެހުމުގެ ދުނިޔެއަކަށް އޭނާ ދަމާ ގެންދިޔައިރު އެންމެ ބޮޑު އެއް ހިއްސާއެއްވަނީ ފޮތާއި އޭގެ އިލްމު ކަމަށެވެ.

"ވަރަށް ކުރިންސުރެން ވެސް ކުރަހަން. އާޓެއްގެ ގޮތުގައި ނޭނގޭއިރު ވެސް ކުރަހަން. ގަނޑަކާއި ކުލަތަކަކާ އެކީ ދީފައި ބެހެއްޓި ހިސާބުން ފެށިގެން ކުރަމުން ދަނީ. ބޮލު ތެރޭގައި އެނބުރޭ ހިޔާލާއި މަންޒަރު ގަނޑަކަށް މި ގެންނަނީ،" މަމްދޫހު ކިޔައިދިނެވެ.

"ފޮތެއް ކިޔަން އޭގައި ހުންނަ ލިޔުންތަކުން ކުރެހުންތައް ބޮލުގައި އުފެދި އެ ކުރެހުންތައް ގަނޑަށް ތިރިކުރަނީ ގަލަމުން."

އޭނާ ބުނީ ކުޑައިރުން ފެށިގެން އޭނާ އަކީ އާންމުކޮށް ރައްޓެހިން އެހާ ގިނަ ނުވަތަ އެކުވެރިންނާ އެކު ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހެއް ނޫނެވެ. އޭގެ ބަދަލުގައި ފޮތެއް ކިޔުމަށް ނުވަތަ ކުރެހުމެއް ކުރަހާލުމަށް ހޭދަކުރި ވަގުތުތައް އޭނާ އަށް މާ މުހިންމެވެ.

"ބޭރަށް ގޮސް އެކުވެރިންނާ އެކު އުޅެން އެހާ ބޮޑަކަށް ޝައުގުވެރިއެއް ނުވޭ އޭރަކު. އާންމުކޮށް ވަރަށް އެކަނި އުޅޭނީ. ކުޅޭއިރު ވެސް އެހެން ކުދިންނާ އެކު ކުޅެން އުޅުމަށް ވުރެން އަމިއްލަ ދުނިޔެއެއްގައި އޭރު ވެސް އުޅެވުނީ،" މަމްދޫހު ކިޔައިދިނެވެ.

"އޭރު ކުރަހާވަރު ގިނަވެގެން ގޮސް ކުރަހާ ފޮތްތައް ވެސް ވަރަށް އަވަހަށް ހުސްވާނެ އާންމުކޮށް. އެހެންވެ ފަހުން މަންމަމެން ހުންނާނެ ޕޭޕާ ރީމް އެއްޗެހި ވެސް ގެނެސްދީފައި. މާ ގިނައިން ކުރަހާތީ."

މަމްދޫހު ބުނީ އޭނާ ކުރެހި ކުރެހުންތައް އެންމެ ފުރަތަމަ އެހެން މީހުންނާ ވެސް ހިއްސާއެއް ނުކުރާ ކަމަށެވެ. އެހެން އުޅެނިކޮށް އޭނާގެ ހިޔާލާއި ހުނަރުވެރިކަން އާ އުސްމިނަކަށް ގެންގޮސްދިނީ ޕްރައިމަރީ ގްރޭޑްގައި އާޓްގެ ކްލާސްތަކަކާ ގުޅުނު ހިސާބުންނެވެ. އެކަމަކު ދެން ވެސް "މޫސާ މަމްދޫހުގެ ސްޓައިލް" ދޫކޮށްލަން އޭނާ އަށް ފަސޭހައެއް ނުވި އެވެ.

އެއަށް ފަހު ކޮންމެ އާ ދުވަހަކާ އެކު ދަސްވި ކޮންމެ އާ ކަމަކާ އެކު އޭނާގެ ހިޔާލީ ދުނިޔެއަށް ގެނބިގެން ދިޔައީ އެވެ.

މިހާރު މޫސާ މަމްދޫހަކީ ކާކު؟

އޭނާ އަކީ ފްރީލާންސްކޮށް މަސައްކަތްކުރާ އާޓިސްޓެކެވެ. އިލުސްޓްރޭޝަންސް އާއި ޑިޒައިން މަސައްކަތް އަދި ކުރެހުމާ ގުޅިފައިވާ އެހެން ގިނަ ވަރަށް މަސައްކަތްތަކަށް ވެސް އޭނާ ފަރިތަވެފައި ފުރިހަމަ އެވެ. އާންމުކޮށް އޭނާ ފެންނާނީ ޕްލެއިން ޓީޝާޓަކާއި ޖީންސެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ. ވާހަކަ ދެއްކުމުގައި ނިކަން އަމާން އޮމާންކަމެއް އޭނާގެ ހުންނާނެ އެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އޭނާގެ އަތުގައި ނޯޓް ފޮތެއް ނުވަތަ ސްކެޗް ފޮތެއް އޮންނާނެ އެވެ.

ދެން ކިތަންމެ މަޑުން ހުއްޓެއް ކަމަކު އޭނާ ވަރަށް ގިނަ ސުވާލުކުރާނެ އެވެ. ސްކޫލް ދައުރުގައި ވެސް އޭނާ ފާހަގަކޮށްލެވުނު އެއްގޮތަކީ އެއީ އެވެ. އަބަދުވެސް ޓީޗަރާ އެންމެ ގިނަ ސުވާލުކުރި އެއް ދަރިވަރަކީ އޭނާ އެވެ.

"ކިޔަވާއިރު ވެސް ޓީޗަރުންނާ ވަރަށް ސުވާލުކުރަން އަޅުގަނޑު. ދެން އަޅުގަނޑަށް ސުވާލެއް ކުރިމަތިވެއްޖެ ނަމަ އޭގެ ރަނގަޅު ޖަވާބު ނޭނުގަސް ކޮންމެވެސް ޖަވާބެއް ދެން،" މަމްދޫހު ބުންޏެވެ.

އޭނާ ބުނީ އޭރު ކިޔަވައިގެން ވާން ބޭނުންވަނީ ކާކަށްކަން ބޮލުގައި ނެތް ކަމަށެވެ. އެކަމަކު އޭނާގެ އާއިލާ މީހުން ހީކޮށްގެން ތިބީ އޭނާ ވާނީ މެކޭނިކަކަށް ކަމަށެވެ.

"އޭރު ކުޑައިރު އަދި ވަރަށް އެއްޗެހި ރޫޅާހިތްވުމާއި އެތެރޭގައި އޮންނަނީ ނުވަތަ ވަނީ ކޯއްޗެއްތޯ ބަލަން ވަރަށް ބޭނުންވާނެ. އޭރު ފެމިލީ މީހުން ދެން ހީކުރީ ވެސް ބޮޑުވެގެން ވާނީ މެކޭނިކަކަށް ނުވަތަ ކޮންމެވެސް އެކަހަލަ ދާއިރާއަކާ ގުޅުން ހުރި ދިމާލަކުން ކުރިއަށް ދާނެ ކަމަށް،" މަމްދޫހު ބުންޏެވެ.

މެކޭނިކަކަށްވުނިޔަސް ޔަގީނަށް ވެސް ހިޔާލީ ދުނިޔޭގައި މަމްދޫހަށް ނޭނގޭ ފަންނެއް ނެތެވެ. އޭނާ އެ އަންނަނީ ހުރިހާ ސިފައެއްގަ އެވެ.

"ވަރަށް ގިނަ ފަހަރަށް ވަރަށް ގިނަ މީހުން ބުނެފައި ހުންނަ އެއްޗެއް އެއީ އަޅުގަނޑުގެ ކުރެހުންތައް ވަރަށް ޑާކްއޭ. ކޮންމެ މީހެއްގެ ވެސް ހުރޭ، ހުންނާނެ ދޯ ކޮންމެވެސް ކަހަލަ ޑާކްނެސްއެއް. އަނދިރިފަރާތެއް. ދެން މިވާގޮތަކީ ޑާކްނެސް ގޮސް މި ގުޅުވާލެވެނީ ނުބައި ކަންކަމާ. ކުރިން އަޅުގަނޑަށް ވެސް ވަނީ އެހެން. އެކަމަކު ވަކި ހިސާބަކުން އަޅުގަނޑަށް ޑާކްނެސް ސިފަކުރެވެން ފެށީ ނޭނގޭ ތަނެއްގެ ގޮތުގައި. ނޭނގޭ އެއްޗެހީގެ ގޮތުގައި،" މަމްދޫހު ކިޔައިދިނެވެ.

"އެކަމަކު އެތަނަށް އަލިއަޅުވާލީމަ އެބަ ފެނޭ ބައިވަރު އެއްޗެހި. އެއްޗެހި ވެސް އެބަހުރި. އެހެންވީމަ ދެން އެ ތަނާ ކައިރިއަށް ގޮސް ބަލާލީމަ އެ އެއްޗެއްސަކީ ކޯއްޗެއްކަން އެނގިފަ އެއީ ކޯއްޗެއްކަން އެނގުނީމަ ކޮންމެހެން ބިރުގަންނާކަށް ނުޖެހޭ ދޯ. އޭތި ނޭގޭތީވެ ބިރުގަންނަނީ."

"އެގޮތަށް އަބަދުވެސް ކަލާފުލް ކުރެހުންތަކެއް ކުރެހުމުގެ ބަދަލުގައި އަބަދުވެސް އަޅުގަނޑު ދަމައިގެން ގޮސްފައިވީ ދިމާލަކީ އެއީ. ކޯއްޗެއްތޯ އެތަނުގައިވީ ބަލަން ބޭނުންވެފައި ހުރީ."