ވިޔަފާރި

20 މިލިއަން ޑޮލަރުގެ ދާލު އެއާޕޯޓް އަންނަ މަހު ހުޅުވަނީ

Jan 19, 2017
2
  • އެއާޕޯޓާއެކު ގިނަ ވަޒީފާތަކެއް ތަނަވަސްވާނެ
  • އެހެން ޑޮމެސްޓިކް އެއާޕޯޓުތަކަށްވުރެ ތަނަވަސް
  • އެއާޕޯޓުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައި

ދ. ކުޑަހުވަދޫ ފަޅުން ބައެއް ހިއްކައި ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ، ދާލު އެއާޕޯޓް އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެއާޕޯޓް ތަރައްގީ ކުރާ މައި ކުންފުނި، ރިއޯލޯ ގްރޫޕުން ބުނެފި އެވެ.

ރިއޯލޯ ގްރޫޕްގެ ސީއީއޯ މުހައްމަދު ހަލީލް "އަވަސް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި އާއްމުކޮށް ރާއްޖޭގައި ހަދާފައިވާ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށްވުރެ މި އެއާޕޯޓް ފުރިހަމަ ވާނެ ކަމަށެވެ.

"މި އެއާޕޯޓުގެ ޑިޒައިންވެސް ތަފާތު ވާނެ. އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށްވުރެ ތަންކޮޅެއް ޖާގަ ތަނަވަސްކޮށް ކޮށް އޮންނާނީ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓް ހުޅުވުން މިހާތަނަށް ލަސް ވެގެންދިޔައީ، ރަންވޭގެ ބައެއް މަސައްކަތް މުޅީން ނުނިމިގެނެވެ.

"އެއާޕޯޓެއް މުޅިން ބިން ހިއްކައިގެން ތަރައްގީ ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް މާލެއާ ދުރުގައި އޮތުމަކީ ވެސް ގޮންޖެހުމެއް ނަމަވެސް މި ހުރިހާ ކަމަކަށް ތައްޔާރުވެގެން މި ހުޅުވަނީ،" ހަލީލް ވިދާޅުވި އެވެ.

ދާލު އެއާޕޯޓު ތަރައްގީ ކުރުމުގައި މައިގަނޑު ގޮތެއްގައި ބޮޑު ހޭދައެއް ކޮށްފައިވާނީ ބިން ހިއްކާށެވެ. ރިއޯލޯއިން ބުނީ އެއާޕޯޓް ތަރައްގީ ކުރީ 64 ހެކްޓަރުގެ ބިން ކުޑަހުވަދޫ ފަޅުން ހިއްކައިގެން ކަމަށެވެ.

ދާލު، އެއާޕޯޓް ހުޅުވަން ވާއިރަށް، ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މިހާރު ވަނީ ހޯދާފަ އެވެ. މި ގޮތުން އެއާޕޯޓު އޮންނަ ކުޑަހުވަދޫ އިން އެކަނި ވެސް 60 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާއިރު މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

"އަޅުގަނޑުމެން ހުޅުވާ ކަނޑިންމަ މޯލްޑިވްސް އާއި އެއާޕޯޓުން އެކަނިވެސް 200 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ. ދ. އަތޮޅަކީ ކުޑަ އަތޮޅެއް އެހެންވެ މުޅިރާއްޖޭގައި އޯޕަންޑޭ ހިންގައިގެން މުވައްޒަފުން ހޯދަނީ މި ދެ ތަނަށް. މިމަހުގެ ފަހުކޮޅުގައި ޓްރެއިނިންތައް ފަށާނެ. އެހެންވީމަ ސްޓާފް ޓްރެއިނިން ފަށަން ތައްޔާރު ވަނީ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓު ހުޅުވުމުން ޓޫރިސްޓުން އުފުލަން ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާއިރު އޭގެ ސަބަބުން އަގު ވެސް ހެޔޮވާނެ ކަމަށެވެ.

ދާލު އެއާޕޯޓު ހިންގާނީ ދާލު އެއާޕޯޓް ހޯލްޑިން ކުންފުނިންނެވެ. އަދި މި އެއާޕޯޓާއެކު އެ އަތޮޅު ކަނޑިމާގައި 275 ކޮޓަރީގެ ރިސޯޓެއް ހުޅުވަންވެސް ދަނީ ތައްޔާރުވަމުންނެވެ.