ރައްޔިތުންގެ މަޖިލީހުގައި މި އަހަރު ފުރަތަމަ ކުރާނެ މަސައްކަތަކީ ދުންފަތުން ޑިއުޓީ ބޮޑު ކުރުން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ. ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.
ޕީޕީއެމްގެ އާ އޮފީހުގައި އެމްޑީއޭ ޕީޖީ ގްރޫޕާއެކު މިއަދު ހަވީރު ބޭއްވި ޖޮއިންޓް ޕީޖީ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ނިހާން ވިދާޅުވީ ސަރުކާރު ފަރާތުން ފޮނުވާފައިވާ ހުރި މުހިންމު ބިލުތައް ލިބިފައިވާ ކަމަށާއި ރައްޔިތުން މަޖިލީހުގެ ފުރަތަމަ ހަފުތާ ތެރޭގައި އެޖެންޑާ ކުރާނެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން އެމްޑީއޭގެ މެންބަރުންނާއެކު ދެ ގަޑިއިރަށް މިއަދު މަޝްވަރާ ކުރި ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ދައުރުގައި އެންމެ ފުރަތަމަ ކުރާނެ މަސައްކަތްތަކަކީ ދުންފަތުން ޑިއުޓީ ބޮޑު ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މިހާރުވެސް ވަނީ މުހިންމު ބިލުތަކެއް ފޮނުވާފަ. އެގޮތުން ޑިއުޓީ އަލުން ނެގުމާ އާމްދަނީ އިތުރު ކުރުމާބެހޭ މާއްދާތަކުގެ ތެރެއިން ފިޒީ ޑްރިންކްސް އިން ނަގާނެ އަގާއި ސިގިރޭޓު ފަދަ ދުންފަތުގެ ބާވަތްތަކޔގެ އަގު ބޮޑުކުރުމާ ކަންކަން ހިމެނޭ. މަޖިލީހުގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ދުންފަތުން ޑިއުޓީ ބޮޑު ކުރުމުގެ މަސައްކަތް،" ނިހާން ވިދާޅުވި އެވެ.
މި އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ސިނގިރޭޓަކުން ނަގާ ޑިއުޓީ 1.75ރ. އަށް ބޮޑު ކުރުން ހިމެނެ އެވެ. މި ބަދަލާއެކު މިހާރު 47ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 50ރ. އަށްވުރެ މަތިވާނެ ކަމަށް ބެލެ އެވެ. މީގެ އިތުރުން ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުގެ ޑިއުޓީ 20 ޕަސެންޓް ބޮޑު ކުރުމަށް ވަނީ ނިންމާފަ އެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމާއެކު، ދައުލަތައް 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.