ރިޕޯޓް

ގުރައިދޫ މަރުކަޒު: އެހީގެ އާ ނިޒާމެއްގެ ތެރެއަށް!

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މީހަކު ގެންދިއުމުން އެމީހާގެ ދިރިއުޅުން އާއިލާއާ ވަކިވެ އެ މަރުކަޒަށް ބަދަލުވީ އެވެ. ގަދަވެގެން އެމީހަކު އެނބުރި އަންނަންދެން ނޫނީ ވަކިވެގެން ދަންދެނެވެ. އަދި ވަރަށް ގިނަ ފަހަރު ރަނގަޅުވާ މީހުންނާ އާއިލާއިން ހަވާލު ނުވެވެސް ދެ އެވެ. އެ މަރުކަޒުގެ ހަޔާތް އޮންނަނީ އެކަހަލަ ގޮތެެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ވިޔަސް މާ ބޮޑު އެހީތެރިކަމެއް ނުދެވެ އެވެ. ފަރުވާ ފުރިހަމަ ކުރި ނަމަވެސް އާއިލާއިން ހަވާލުވަނީ މަދު މީހަކާ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގަމުން ގެންދާ މި ނިޒާމްގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ލިބި އަނބުރާ މުޖުތަމައަށް ނެރެވޭ މީހުންގެ އަދަދު މަދުކަމަށް ވެއެވެ. މުޖުތަމައަށް ނުކުންނަ ގިނަ މީހުންނަށް "އަމިއްލަ ހާލައިގެން" ނޫޅެވެ އެވެ. އެހެން ކަމުން ސަރުކާރުން މިހާރު ވަނީ އެ ނިޒާމް ބަދަލުކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އުޅޭ މީހުންނަކީވެސް މުޖުތަމައުގައި ބޭނުން ހިފޭ އަދި އެމީހާއަކީވެސް ގައުމަށް ފައިދާހުރި މަސައްކަތެއްކޮށްދެވޭނެ މީހަކަށް އަމާޒު ހިފާފަ އެވެ. މާނައަކީ އޭނަ މުޖުތަމައަށް ނުކުމެ އޭނާގެ ގައިގައި އެހުރި ކަމަކާ އެކުވެސް ބޭސް ގަވާއިދުން ބޭނުން ކުރަމުން އެއީ އުޅެވޭ މީހެއްގެ ގޮތުގައި ހަދައި ދިނުމެވެ.

ބަޔޯ ސައިކޯ ސޯޝަލް ނިޒާމް ނުވަތަ ބޭސްފަރުވާގެ އިތުރުން ސައިކޮލޮޖިކަލް އަދި ސޯޝަލް ސަޕޯޓް ދޭ ނިޒާމެއްގައި ބޮޑަށް އަމާޒުކޮށްފައި އޮންނާނީ ހަމައެކަނި ބޭސް ދީގެން ބަލި މީހާއަށް ފަރުވާ ދިނުމުގެ ބަދަލުގައި އެމީހާއަށް އަމިއްލައަށް ކުރަންޖެހޭ ކަންކަން ދަސްކޮށްދީ، މަސައްކަތް ކުރެވޭ ހާލަތުގައި ހުރި މީހެއް ނަމަ މަސައްކަތް ދަސްކޮށްދިނުމެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް އެހެން މީހުންނާއެކު އުޅެން ދަސްކޮށް ދިނުމެވެ.

ހަމައެކަނި ޑޮކްޓަރުންގެ ބަދަލުގައި އެމީހުންނަށް ސައިކޮލޮޖިސްޓަކާއި، ސައިކޭޓްރިސްޓެއް އަދި އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އެހީ ބޭނުންވާނެ އެވެ. އާ ނިޒާމުގެ ދަށުން ފުރަތަމަ ސްޓޭޖްގައި ކޮންމެ ބަލި މީހަކަށްވެސް ހާއްސަ ޑެއިލީ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެވެ. އެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ބަލި މީހުންގެ އާއިލާތަކާއިވެސް ގުޅިގެންނެވެ. އަދި އެ މީހާއަށް ބޭނުންވާ އެކިކަހަލަ ތެރަޕީތައް ދީ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދޭނެ އެވެ. ތެރަޕިއުޓިކް މޮޑެލް އެއްގެ ތެރެއިންނެވެ.

"ހަމައެކަނި އޭނައަށް ބޭނުންވަނީ ބޭހެއް ނޫން. ސޯޝަލައިޒޭޝަން ސްކިލްސް ބޭނުންވޭ. ވާހަކަ ދައްކަންވެސް އެބަ ދަސްކޮށްދޭން ޖެހޭ. އިށީންނާނެ ގޮތް، އަމިއްލައަށް ދަތް އުނގުޅާނެ ކިހިނެއްތޯ ފެންވަރާނީ ކިހިނެއްތޯ ދަސްކޮށްދޭންޖެހޭ. އެހެންވީމަ މިހުރިހާ ކަމެއް އެކުލެވޭ ގޮތަށް ކުރިއަށްދާނީ. ކާ ބޭހުގެ އިތުރުން މިކަންތައްތައް ދާނީ ކުރިއަށް. އެމީހާ އަނބުރާ މުޖުތަމައަށް ނުކުންނަ އިރުގަ އޭނައަށް، އޭނަގެ ފެމިލީއަށް ރިސީވް ކުރަން ރެޑީކޮށްދީފައި ހުންނާނީ. ފެށުނީއްސުރެ ފެމިލީވެސް ވަރަށް ބޮޑަށް ބައވެރިކޮށް ރީ އިންޓިގްރޭޓްކޮށް ކުރިއަށް ދާނީ" ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަލަށް ގެންނަ ނިޒާމާއި ބެހޭގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ސައުދާ ވިދާޅުވި އެވެ.

މިހާރު ބަލި މީހާއާއި އާއިލާ އާއި ދެމެދު އޮންނަ ގުޅުން ކުޑަނަމަވެސް މި ނިޒާމްގައި ބަލި މީހާއާއި އާއިލިާ ވަރަށް ބޮޑަށް ގުޅުވާލާނެ އެވެ. އާއިލާއާއެކު ކޮންމެ ދުވަހެއްގައިވެސް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ އެވެ. މި ހުރިހާ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާނީ ލަސްލަހުން ބަލި މީހާއަށް ކަންކަން ނަގައިގަނެވެމުންދާ މިންވަރުންނެވެ.

މިއީ ކަރުދާހުގައި ލިޔެގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކޮންމެ ބަލި މީހަކަށް ވަކި އުސޫލުތަކެއްގެ ދަށުންނެވެ.

ގުރައިދޫ މަރުކަޒުގައި ތިބީ ހަމައެކަނި ހާއްސަ އެހީއަށް ބޭނުންވާ މީހުންނެއް ނޫނެވެ. އުމުރުން ދުވަސްވެ އަޅާލާނެ މީހެއް ނެތް މީހުންވެސް އެބަތިއްބެވެ. އެމަރުކަޒުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު މިހާރުވެސް 176 އަށް އަރަ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި އުމުރުން ދުވަސްވެ އަޅާލާނެ މީހަކު ނެތް 35 މީހުން ހިމެނެ އެވެ.

އަށާރަ އަހަރުން ދަށް ނުވަތަ ސްކޫލަށްދާ އުމުުރުގެ ދެކުދިން އެތަނުގައި ތިބިއިރު އެކުދިންނަށް ތައުލީމް ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނެތެވެ. ނަމަވެސް އަލަށް ގެންނަ މި ނިޒާމުގެ ތެރެއިން އެކުދިންނަށް ބޭނުންވާ ތައުލީމާއި ހުނަރުވެސް ފޯރުކޮށްދޭނެ އެވެ. ސްކޫލް މާހައުލަށް ކުއްޖާ ފިޓުވާވަރަށް ތަމްރީނު ކުރުމަށް މަސައްކަތް ކުރާނެ އެވެ.

މުޅިން އާ ނިޒާމެއް ތައާރަފްކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގާ މުޖުތަމައަށް ނެރެން މީހުން ތައްޔާރުކޮށް މުޖުތަމައަށް ދޫކޮށްލާއިރު މުޖުތަމައު ތައްޔާރުވެފައިވަނީ ކިހާ ވަރަކަށްތޯ މިއީ ވެސް ބަލައިލުން މުހިންމު ކަމަކަށް ވާނެ އެވެ.

"އެންމެ ފުރަތަމަ ކަމެއް ކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިވާނެ. އަޅުގަނޑުމެން މި ޕްރޮގްރާމްގެ ތެރެއިން މީހުން ނުކުމެގެންދާއިރު މި ބަލަނީ އަމިއްލައަށް ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ކުރެވޭ ޕްލަސް އެމީހުންނަށް ދިރިއުޅުގައި ކޮންމެސް ކަމެއް ކުރެވޭ ލެވަލް އަކަށް މީހާ ގެންގޮސްފައި ފޮނުވާލެވޭތޯ. އެހެންވެއްޖެ ކަމަށްވާނަމަ މުޖުތަމައުންވެސް ބަލައިގަންނާނެ. މުޖުތަމައަށް މިހެން ފޮނުވާލެވޭއިރުގައި ވަރަށް ބޮޑަށް ބޭނުންވާނެ ކައުންސިލްތަކުގެ އެއްބާރުލުން އަދި ހޮސްޕިޓަލުގައި އިންނަ ޕަބްލިކް ހެލްތު ޔުނިޓްގެ އެއްބާރުލުން ފަދަ ބައިވަރު މުއައްސަސާތަކެއްގެ އެއްބާރުލުން. އަދި އެފަރާތްތަކުގެ ފުލް ސަޕޯޓު އެބަލިބޭ" ސައުދާ ވިދާޅުވި އެވެ.

މަރުކަޒުގައި ބަލި މީހުން ބެލެހެއްޓުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންނުވި ނަމަވެސް އުމުރުން ދުވަސްވެ އަޅާލާނެ މީހެއް ނެތުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި އެމަރުކަޒުގައި ގެންގުޅޭ މީހުން އެއް ތަނެއްގައި ގެންގުޅުމެވެ.

އޭގެ ސަބަބުން އެމީހުންނަށް ނަފްސާނީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެވެ. އެޗްއާރްސީއެމްގެ ރިޕޯޓުތަކާއި، ޖެންޑާ މިނިސްޓްރީގެ އިވެލުއޭޝަން ރިޕޯޓްސް އަދި ހެލްތު މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ހުރި އިވެލުއޭޝަންސްތަކުގައި ވެސް އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ސަރުކާރުން މިހާރު ދަނީ އެ ދެބައި މީހުން ތިބޭބައި ވަކިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިންވެސް ބޮޑެތި މީހުންނާއި ކުޑަކުދިން ވަކިކޮށް ބޭތިއްބުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިންފްރާސްޓްރަކްޗާއަށް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. ފާރު ރާނާއި ފެންސްތައް ޖަހަންވެސް މިހާރު ހުރީ ތައްޔާރުކޮށްފަ އެވެ. މިކަމަށް ބޭނުންވާ ކުރެހުންތައް ނިންމާ ސްޕޮންސަރުންގެ ކަންތަށްވެސް މިހާރުވަނީ ހަމަޖެހިފަ އެވެ. މަރުކަޒުގައި ހުރި ގެތައް މަރާމާތުކޮށް ފަހާނަތައް އަދި ބަލި މީހުން ބޭނުންކުރާ ސާމާނު ވަނީ ވަކި ސްޓޭންޑަޑަކަށް ފައްތުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ބަލި މީހުންގެ ވޯޑުތައް މަރާމާތުކޮށް ބަލި މީހުންނަށް ފަސޭހައިން ހިނގާ ބިނގާވެ އުޅެވޭ އަދި ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން މަރުކަޒުގެ ތެރޭގެ މަގުތަައް ވަނީ ޕޭވް ނުވަތަ ގާ އަތުރައިން ހަދާފަ އެވެ. މިދިޔަ އަހަރު އެކަނިވެސް ސަރުކާރުންވަނީ އެ މަރުކަޒުގެ އިންފްރާސްޓްރަކްޗާއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ އެވެ.

ދެވަނަ ގޮންޖެހުމަކަށް ބަލާއިރު ބަލި މީހުން ބަލަހައްޓަން ތިބޭ މީހުންގެ އަދަދު މަދުވެ އެމީހުންނަށް އެކަށީގެންވާ ތަމްރީނު ލިބިފައި ނެތްކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް މިހާރު އެ މުވައްޒަފުން ތަމްރީނު ކުުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި 176 ބަލި މީހުން ބަލަހައްޓަން ތިބީ ޖުމްލަ 81 ކޯ ވޯކާސް އާއި އަށް ސުޕަވައިޒަރުންނެވެ. މި މުވައްޒަފުން މަސައްކަތް ކުރާނީ ތިން ޝިފްޓަކަށް ބަހާލައިގެންނެވެ. އެހެން ކަމަށްވާނަމަ އާންމުކޮށް ބަލި މީހުން ބެލުމަށް ހަރަކާތްތެރިވާނީ 43 މީހުންނެވެ. އެއީ ވޯޑަކަށް ތިނެް ނުވަތަ ހަތަރު ކެއާ ވޯކާސް އެވެ. އެއިން ކޮންމެ ވޯޑެއްގައި 30 ވަރަކަށް ބަލި މީހުން ތިބޭނެ އެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މެންޓަލް ފެސިލިޓީސް ދޭ މަރުކަޒުތަކުގައި ގެންގުޅެނީ މިފަދަ ނިޒާމެކެވެ. ބަލި މީހުން ބަލަހައްޓަމުންދަނީ ހޯލިސްޓިކް އެޕްރޯޗެއްގެ ދަށުންނެވެ. އޭގެ މާނަ އަކީ އެމީހާއަށް ދިމާވެފައިވާ ބައިލޮޖިކަލް ކޮންފެކްޓާ ތަކެއްތޯ ބަލައި، ސޯޝަލް ކޮންފެކްޓާތަކެއްތޯ އަދި ސައިކޮލޮޖިކަލް ކޮންފެކްޓާތަކެއްތޯ ދެނެގަނެ މީހާ މުޖުތަމައަށް ނެރެން މަސައްކަތް ކުުރުމެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައިހެން ބޭނުންކުރާނީ މި އެޕްރޯޗް. އެކަމަކު މި ނަން ނުކިޔަފާނެ. މިއަކަށް ކިޔާނެ ވަކި ނަމެއް ނޯންނާނެ. ހޯލިސްޓިކް އެޕްރޯޗަކުން ޓްރީޓްމަންޓް ދޭނީ. އެކަމަކު ވަރަށް ގިނަ ތަންތަނުން އެންމެ ރަނގަޅު ނަތީޖާ ނުނެރެވެނީ އިންޑިވިޖުއަލް އަށް ފޯކަސް ނުކުރެވޭތީ." ސައުދާ ވިދާޅުވި އެވެ.

މި ނިޒާމްގެ ދަށުން ވަގުތުން ވަގުތަށް ބަލި މީހުން މުޖުތަމައަށް ދޫކޮށްލަނީއެއް ނޫނެވެ. އެމީހެއްގެ ކެޕޭސިޓީ އެމީހަކަށް ތަރައްގޫ ކުރެވޭ ވަރަކުން މުޖުތަމައަށް ފޮނުވަނީ އެވެ. ސަރުކާރުގެ އަމާޒަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދައުލަތުގެ ބެލުމުގެ ދަށުން ދޫކޮށްލުމެއް ނޫނެވެ. އެމީހުންނަކީވެސް މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމެވެ. އެމީހުންނާ ދޭތެރޭ ހާއްސަ ނަޒަރަކުން ދެކި އެ މީހުން ބަލައިގަނެ ހިތްވަރުދީ އެހީތެރިވާން ޖެހެ އެވެ.