ވާހަކަ

މުޅިޖާންހިތާ

(17 ޖެނުއަރީ 2017 އާ ގުޅޭ)

ބޭރުން އައިސް ސިޓިން ރޫމަށް ވަން ނިޔާނާއި އައިރާގެ ހަތަރުކަޅި ބައްދަލުވި އެވެ. އެ ސުކުންތުކޮޅުތެރޭ ރޭގައި ހިނގާ ދިޔަ ކަންތައްތައް ދެ މީހުންގެ ލޯ ކުރިމަތިން ސިފަވެގެން ދިޔަ ކަހަލައެވެ. އަވަސް އަވަހަށް އައިރާ ނަޒަރު ވަކިކޮށްލުމާއެކު އަރިއަކަށް ޖެހިލާ ނިޔާނުގެ ގައިން ނެއްޓި ހަލުވިކޮށް ގެއަށް ދިއުމަށް ހިނގައިގަތެވެ. ނިޔާނަށް ފަސް އެނބުރި ބަލާލެވުނީ އައިރާ ދިޔަ ދިމާއަށެވެ.

ކުރިއަށް ފިޔަވަޅުތައް އަޅަމުން އައިސް ސިޓިންރޫމު ދޮރުމަތީ ނިޔާނަށް ހުއްޓެވުނެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުރީ އައިރާއަށް ހުއްޓިފަ އެވެ. ބަލަބަލާ ހުއްޓާ އައިރާ ގޮސް އޭނާ ރޭގައި ނުކުން ރީނދޫ ކުލައިގެ ދޮރޯށި ހުޅުވާލުމާއެކު ގޭތެރެއަށް ވަދެއްޖެ އެވެ. ނިޔާނުގެ ނިތަށް ރޫ ގިނަވެލުމާއެކު ތުންފިއްތާލި އެވެ. އަދި ވިސްނުމެއްގައި ހުރި މީހަކު ފަދައިން މަޑުމަޑުން އައިސް ޖޯލީގައި އިށީނެވެ. މާހައުލުގެ ހިމޭންކަން ނަގާލީ ކާޅެއްގެ އަޑާއެކު އިވިގެންދިޔަ ކޮވެލީގެ އަޑުންނެވެ. އެހެންވިޔަސް ނިޔާނުގެ ސިކުނޑީގައިވާ ޚިޔާލުތައް ހާވިޔާ ވެގެން ނުދިޔައެވެ. އޭގެ ބަދަލުގައި އެ ސިކުނޑީގައިވާ ސުވާލުތައް ޖަވާބެއް ހޯދުމަށްޓަކައި ނާރުތަކަށް ވާން ކުރަމުންދަނީ އެވެ.

"ނިޔާން..." ޖޯލިފަތީގެ ކައިރިއަށް އައިސް ޖުވައިން ހުއްޓިލިއެވެ.

"ކޮންއިރަކު ހޭލީ" ނިޔާނު އަހާލިއެވެ.

"ރޭގަ ނިޔާނު ނިދީ ކޮންއިރަކުތަ؟ އަހަންނަށް ދެ ފަހަރަކު ހޭލެވުނު އިރު ވެސް ނިޔާނެއް ނެތް... ހެނދުނު ހޭލި އިރު ވެސް ތި އިނީ މިތާ ބޭރުގައި..." ކަމެއް ދެނެގަންނަން އުޅޭ ފަދަ ބެލުމަކުން ޖުވައިން އޭނާގެ އެކުވެރިޔާއަށް ބަލަން ފެށިއެވެ.

"ރޭގަ ވަރަށް މަދު ވަގުތުކޮޅެއްގައި ނިދުނީ" ނިޔާނު ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް އެވަގުތު އޭނާގެ ސިކުނޑީ އިތުރު ޚިޔާލުތަކެއް އެނބުރެން ފެށިއެވެ. ރޭގައި ކަންތައް ދިމާވިގޮތް ޖުވައިންގެ ގާތުގައި ބުނަންވީބާއޭ ނިޔާނުގެ ހިތަށް އެރިއެވެ. އެކަމަކު ބުނެފިނަމަ އައިރާއާ މެދު ޖުވައިން ހީކޮށްފާނެ އެއްޗަކަށް ނިޔާނުގެ ސިކުނޑި އޭނާ ހާސް ކުރުވަމުން ދިޔައެވެ. ނަމަވެސް ކޮންމެވެސް މީހަކާ އައިރާގެ ޚިޔާލުތައް ޚިއްޞާ ކުރުމުން ނޫނީ ދެން އޭނާއަށް ހަމަޖެހުމެއް ނުލިބޭނެކަން އަމިއްލަ ނަފްސަށް ނިޔާނަށް އެނގޭ ކަހަލައެވެ.

"ހާދަ ފާޑަކަށް ތި އިންނަނީ... ބުނެބަލަ... ކިހިނެއްތަވީ... ބިޓުކެޓީތަ... ނޫނީ ބިޓާ މައްސަލަ ޖެހުނީތަ؟" ޖުވައިން މަސައްކަތް ކުރީ ނިޔާނުގެ ދުލުން އޭނާގެ ހާސްކަން ބޭރުކުރެވޭތޯއެވެ.

"އެކަހަލަ ކަމެއްނުވޭ" ފުން ނޭވާއެއް ބޭރުކޮށްލުމާއެކު ބޯދަށް ދެއަތްލައްވާލަމުން ޖޯލީގެ ތެރެއަށް ނިޔާނުގެ ހަށިގަނޑު ދޫކޮށްލި އެވެ.

"ނިޔާނު... އަހަރުމެން ދުވަހަކު ވެސް ނުދެކެން ނިޔާނު އަންހެންކުއްޖަކު ގޮވައިގެން އުޅެނިކޮށް... އެންމެން ވެސް އޮފީސްތެރޭގައި އެވަރަށް ދިމާ ކުރާއިރު ވެސް ނިޔާނުގެ ދުލުން އަންހެންކުއްޖެއްގެ ވާހަކަ ބުނި އަޑެއް ވެސް ނާހަން... ސީރިއަސްކޮށް ބުނެބަލަ... ހަމަ ބިޓެއް ނުހުންނަނީތަ؟ ނޫނީ ހިތުލައިގެން އުޅުނު ކަންތައް ނުވީމަ ދެން އެކަހަލަ ކަމަކާ ކުރިމަތި ނުލާން ނިންމައިގެން ހުރީތަ؟ އެވަރު ބުނެލަބަލަ؟" ޖުވައިން ކުޑަކޮށް ނިޔާނާ ދިމާއަށް އެނބުރިލި ގޮތުން އޭނާ އެ އިނީ ކުރި ސުވާލުގެ ޖަވާބަކަށް ނިކަން ޝައުގުވެރިވެފައިކަން ނިޔާނަށް ވެސް އެނގުނެވެ. ކުޑަކޮށް ނިޔާނަށް ހީނލެވުނީ އެހެންވެއެވެ.

"އައި ޑޯންޓް ހޭވް އަ ގާލް... ސްޕެޝަލްވާން ޖެހޭނެ ދޯ އެ ކުއްޖަކު... އަހަރެންގެ އަމިއްލަ ނަފްސަށް ސިހުން ގެނުވާފަދަ ކުއްޖަކަށް އެ އަންހެންކުއްޖާ ވާން ޖެހޭނެ... ދެ ޝުޑް ބީ އަ ސްޕެޝަލް ސްޕާކް..."

"ތި ބުނީ އެކުއްޖާ ފެނުނީ ޑިންޑިން ޑިންޑިން... ކިޔާފައި ހިތްތެޅޭންޖެހޭނެ ވާހަކަ ދޯ" ސަމާސާ ހީނލުމަކާއެކު ޖުވައިން ބުންޏެވެ.

ނިޔާނުގެ ވާހަކަ ކުރިއަށް ގެންދިޔައިރު ވެސް އޭނާގެ ސިކުނޑީގައި ކުރެހިފައިވާ ސޫރައަކީ އައިރާއެވެ. ބޭއިޚްތިޔާރުގައި އައިރާގެ ވާހަކަ އޭނާއަށް ދެއްކެނީބާއޭ ވެސް ހިތަށް އެރިއެވެ. ވާހަކައިގައި ތިއްބާ އެ މީހުންނަށް ސައިބޯން ގޮވަން ލިޒީ އައެވެ. ޖުވައިން ތެދުވެގެން ހިނގައިގަތުމުން ނިޔާނު އަތުން އިޝާރާތްކޮށްލީ ލިޒީއަށެވެ. މަޑުކޮށްލަ ދިނުމަށް އެދިއެވެ. އަދި ޖުވައިން ތަންކޮޅެއް ދުރަށް ދިޔަކަން އެނގުމާއެކު ނިޔާނު އައިސް ލިޒީގެ ގާތުގައި މަޑުކޮށްލަމުން ސިއްރުން ވާހަކަދައްކަން ފެށިއެވެ.

"އަހަރެން ބޭނުން ލިޒީއާ ވާހަކަ ދައްކާލަން..." ނިޔާނު އެދުނެވެ.

"ކޮންކަމަކާ" ލިޒީއަށް ހީވި ނަމަވެސް ނޭނގޭކަމަށް ހެދުނެވެ.

"ދެން ކަމަކާ... އެކަމަކު ލިޒީއާ އެކަނި މި ވާހަކަ ދައްކާލަން ބޭނުންވަނީ... ޕްލީޒް..." ނިޔާނު ދެބުމަ ހިއްލާލަމުން ބަލާލި އެވެ.

"ހޫމް... އޯކޭ... ޖަސްޓް ޓެލް މީ ވެން... އަހަރެން އުޅޭނީ ގޭގަ" ލިޒީ ބުންޏެވެ.

ބަދިގެ ފަރާތަށް ދިއުމަށް ކޮޓަރިން ނުކުން ދާއޫދަށް ލިޒީގެ ކަންފަތް ދޮށަށް ނިޔާނު ގުދުވެލާފައި ވާހަކައެއް ދެއްކިތަން ފެނުނެވެ. އެ ދެ ކުދީން އެކަކު އަނެކަކަށް ބަލާލުމަށްފަހު ލިޒީ ބޯޖަހާލިތަން ވެސް ފެނުނެވެ. ނުބައި ޚިޔާލެއް އޭނާގެ ސިކުނޑިއަށް ވަނުމުގެ ބަދަލުގައި އޭނާގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ. މާލޭގެ ރަނގަޅު ޒުވާނަކާ ލިޒީގެ ކައިވެނި ކުރުވުމަކީ މަލީހާއަށް އެ ޚިޔާލު ކިތަންމެ ކަމުނުދިޔަ ނަމަވެސް ދާއޫދު ބަލަމުން އަންނަ ހުވަފެނެކެވެ. މިވީ ދުވަސްތަކުގެ ތެރޭގައި ނިޔާނާއި ޖުވައިންގެ ފަރާތުން ފެންނަ ކަންތައްތަކުން އެ ދެ ކުދީންނަކީ ވެސް އަހުލާގު ރަނގަޅު ބައެއްކަން ދާއޫދަށް ޤަބޫލު ކުރެވެއެވެ. އަވަސްއަވަހަށް ލިޒީއާއި ނިޔާނަށް ނުފެންނަނީސް ދާއޫދު އެތެރެއަށް ވަދެގެން ދިޔައެވެ.

އައިރާ ވަޒީފާއަށް ނުކުންނަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީ ފުރަތަމަ ސަލާމް އޮފީހަށް ބުނަން ޖެހުނީ އެވެ. ބަލިވެކަމުގައި ބުނެ ނިންމާލެވޭކަށް ނެތެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު ސެޓްފިކެޓް ވެސް ހުށަހަޅަން ޖެހުނީ އެވެ. ރޮށި ފިހެފައި ލައިގެން ކާނޭ އެއްޗެއް ހެދުމަށްފަހު އައިރާ އައިސް ކޮޓަރިއަށް ވަން ގޮތަށް އޮތީ އެ ފިކުރުގަ އެވެ. ޑޮކްޓަރަށް ދައްކަން ގޮސްފައި ބުނާނީ ކީކޭބާއޭ ހިތަށް އަރާފައެވެ. ހެނދުނުގެ ސައި މޭޒުމައްޗަށް ނުނަގާ ހުރުމުން ގޭތެރޭގައި ހިޝްމާ ހަޅޭލަވަލަވާފައި އުޅުނު އަޑު ކޮޓަރީގައި އޮތް އައިރާއަށް އިވުނެވެ. އެހެންނަމަވެސް ގަސްދުގައި ނުކުންނަން ބޭނުންނުވެފައި އޮތީ ހިޝްމާއަށް ވެސް އައިރާ ވީ އޮފީހުގައިކަން ހީވެފައި އޮތުމުންނެވެ.

"މީ އަހަންނަށް ހުރި ގޮތްކަންނޭނގެ... އަހަރެން ބޭނުންވާ ރަނގަޅު ދިރިއުޅުމެއް ދުވަހަކު ވެސް ނުލިބޭނެ... އެކަމަކު... ޝަމްއާނުގެ އަތްދަށުވެ އޭނާގެ ޝިކާރައަކަށް އަހަރެން ވުމުގެ ކުރީން މަރުވާނެނަމަ ކިހާ ރަނގަޅު... މަންމަ ވެސް ބައްޕަ ވެސް އަހަންނާ ވަކިވެގެން ދިޔައީ... ކިހާ ދުވަހަކު އަހަރެން މިހެން ކެތްތެރިވާންވީ... ލާރި ލިބެން ފެށީމާ މިގެއިން ނުކުމެގެންދާންވީއޭ ވެސް ހިތަށް އަރާ... އެކަމަކު އޭރުން ވެސް މުޅި ރަށުގައި ދުވާނެ ކާންދިން މީހާ ވެސް ނުދަނެޔޭ ކިޔައިގެން... މިހާތަނަށް ބޭބެއާއި ދައްތައަށް އަހަރެން ކުރިން އެއްވެސް ކަމެއް ރަނގަޅެއް ނުވި... ވަޒީފާއަށް ވެސް ދާން މިޖެހެނީ ލިބޭ މުސާރައިގެ ދެބައިކޮށްފަ އެއްބައި ގެއަށް ދޭން ޖެހޭ ގޮތަށް... އަހަރެން ވެސް މީ އިންސާނެއް ކަމެއް ނުދަނޭ..." ބޯއަޅަން އޮތް ބާލީސް ގަނޑުގެ ކަނުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް އައިރާ ފުހެލައެވެ. ޝަކުވާކޮށް ހަޅޭލަވަން އޭނާގެ ނަފްސު ބޭނުން ވެފައިވެ އެވެ. އެހެންނަމަވެސް ޤައިދީއަކަށް މިނިވަންކަން ލިބޭނީ ކިހިނެއްހެއްޔެވެ. މިއަދު އައިރާ ވެސް ކުރެވުނީ އެފަދަ އިހުސާސެކެވެ. ލޯބިން ފިރުމާލައި ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދޭނޭ ބައިވެރިއަކަށް އައިރާއަށް އެދެވެން ފެށުނެވެ. އެއްވެސް ގޮތެއް ނެތިފައި އިން އަންހެންކުއްޖަކަށް ކައިވެންޏަކީ މުހިންމު އެއްޗެއް ކަމުގައި އައިރާގެ ޟަމީރު ވިސްނައިދޭން ފެށިއެވެ. އޭރުން އޭނާ މިހާރު އެ އިން ހާލުން މިންޖުވެދާނޭކަމުގެ އަލިކަން ދުރުން ވިޔަސް އައިރާއަށް ފެނުނެވެ. އެހެންނަމަވެސް އޭނާ ފަދަ އަންހެންކުއްޖަކަށް ފިރިހެނަކު ބަލާލިޔަސް ބަލާލަނީ ހިތުގައި ކޮންމެވެސް ނުބައި ނިޔަތެއް އޮވެގެނެވެ. ބޭނުންވާނީ އައިރާ ފޮރުވައިގެން އުޅޭ އޭނާގެ ނަފްސުގެ ފަހުރެވެ. އަމިއްލަ މީހާއަށް ކުރަމުން އައި އިހުތިރާމާއި ޤަދަރު ވެއްޔާ މޮޑެލާށެވެ. ފިރިހެނަކަށް އިސްވެ ބަލާލަން ނުކެރެނީ އެހެންވެއެވެ. ހީލަތްތެރިކަމާއި މަކަރުވެރިކަން ނޫނީ ނުލިބޭނޭ ހީވާތީ އެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާނޭހާ ހިތްވަރެއް ހާލަތު އައިރާއަކަށް ނުދެއެވެ. ހިތްވަރާއެކު އެއްފަހަރު ތެދުވެއްޖެއްޔާ އަނެއް ދެފަހަރަށް އޭނާ ވައްޓާލަ އެވެ. ދުނިޔޭގެ ރީތި ކަމަށްވުރެ އަނދިރިކަމާއި ބިރުވެރިކަން އައިރާއަށް އިހުސާސްވަނީ އެހެންވެއެވެ.

މެންދުރުވާން އުޅެނިކޮށް އައިރާ ކޮޓަރިން ނުކުތެވެ. އަދާ ކުރަން މަޖޫބުރުވެފައިވާ ވަޒީފާއެއް ފަދައިން ބަދިގެއަށް ވަދެ އެންމެނަށް ކާން ހެދުމަށް ފަހު އައިރާ ތައްޔާރުވެލައިގެން ގެއިން ނުކުންނަން ދިޔައެވެ. ސިޓިންރޫމާ ހަމައަށް ނުދެވެނީސް ޝަމްއާނު އޭނާގެ ކޮޓަރީގެ ދޮރުހުޅުވާލާފައި ނުކުތީ އެވަގުތު އެވެ. ހަތަރުކަޅި ބައްދަލުވީ ނުވިސްނާ ތިއްބައެވެ. ޝަމްއާނުގެ ނޭފަތުގައި ރަތްވެފައި ހުރި ތަންގަނޑެއް ހުރިއިރު ބޮލުގެ އެއްފަރާތުން ނިތްކުރި މައްޗަށް ވާގޮތަށް ހުރި ބައެއްގައި މަލަންކޮޅެއް އަޅާފައި ހުއްޓެވެ. އައިރާ އަވަސް އަވަހަށް ހިނގައިގަންނަން އުޅުނު ވަގުތު ޝަމްއާނުގެ އަޑުއިވުނެވެ.

"މީގެ ބަދަލު ކަލެއަށް ދޭނަންކަން ހަނދާންކޮށްގެން ހުންނާތި،" ދަތްކުނޑި ވިކާލުމާއެކު ޝަމްއާނު ބުނެލި އެވެ. އައިރާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހަލުވިކަމާއެކު ގެއިން ބޭރަށް ނުކުންނަން ދިޔައެވެ.

"ތި އައީތަ؟ އާދެބަލަ... ކުޑަކޮށް މީގެ ފުއްކޮޅެއް ޖަހާލަނިކޮށް މޫނުގައި ހުރި ތަންތަން މޭކަޕުން ފޮރުވާލެވިދާނެ... އޭރުން ޑޮކްޓަރު މާބޮޑު ސުވާލެއް ނުކުރާނެ" ލިޒީގެ ކޮޓަރިތެރެއަށް ވަދެ ހުރި އައިރާއަށް ބުންޏެވެ.

"ކޮންމެ ގޮތަކުން ވެސް ވަރިހަމަ... ޑޮކްޓަރު ސުވާލެއް ނުކުރާވަރު ކޮށްދޭންވީ..." އައިރާ ބުންޏެވެ.

އައިރާއާއި ލިޒީ އެކުގައި ހޮސްޕިޓަލަށް ދިޔަ އެވެ. ބަލިވެ އުޅޭކަމުގެ ސެޓްފިކެޓެއް ހައްދައިގެން އެނބުރި ލިޒީމެންގެއަށް އައުމާއެކު މަލީހާ އެދުނީ އައިރާ އެގެއިން ކައިގެން ދިއުމަށެވެ. އަދި ޝަމްއާނުގެ ޢަމަލުތައް މިހާރު ހުރީ ކިހިނެއްތޯ ވެސް މަލީހާ ސުވާލުކުރި އެވެ. އެއިން ސުވާލަކަށް ތެދުވެރިކަމާއެކު އައިރާއަށް ޖަވާބެއް ނުދެވުނެވެ. އޭނާއާ ހެދި ލިޒީއާއި މަލީހާއަށް ހުރަސްތަކެއް ކުރިމަތިވާކަށް އައިރާ ނޭދެއެވެ.

"ލިޒީ..." ހަވީރު ބަދިގެ ފަރާތުގައި ހުރި ބޮޑު ގައިހުގައި އެލުވާފައިވާ ޖޯލީގައި ފޯނާ ކުޅެން ލިޒީ އޮއްވާ ނިޔާނު އައިސް ގޮވާލިއެވެ.

"ވާހަކަ ދައްކާލަންތަ؟" ނިޔާނު ފެނުމާއެކު ލިޒީ އަހާލި އެވެ.

"ލިޒީ... އަހަންނަށް ހީވަނީ އަހަރެން އަހަން މިއުޅެނީ ކޮންކަމަކާ ބެހޭ ވާހަކައެއްކަން ލިޒީއަށް ކޮންމެވެސް ވަރަކަށް އެނގޭނެހެން... ރޭގައި އައިރާ އެ ހާލުގައި ފެނުނީމަ އަހަރެން ވަރަށް ކަންބޮޑުވި... އަހަންނަށް އެނގޭ އައިރާއަކީ އަހަންނާ އެއްވެސް ގުޅުމެއްނެތް މީހެއްކަން... އައިރާއަކީ ލިޒީގެ ބެސްޓް ފްރެންޑް... އެހެންވިޔަސް އަހަންނަށް ވެސް އައިރާއާ މެދު ނުވިސްނައެއް ނުހުރެވުނު... ބުނެބަލަ... އައިރާ އެނބުރި ގެއަށް އެ ދިޔައީ ކީކޭ ކިޔާފައި... މިއަދު އެއްގޮތަކަށް ވެސް އޭނާ ނުފެނޭ... އިޒް ޝީ އޯލް ރައިޓް..." ނިޔާނުގެ މޫނު މަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ލިޒީއަށް ފެންނަމުންދިޔަ އެވެ. މި ނޫނީ ދުވަހަކު ވެސް މީހަކު އޭނާގެ ގާތުގައި އައިރާގެ ހާލާމެދު ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ.

"އައިރާއާ މެދު ނިޔާން ނުވިސްނާ... އޭނާއަކީ ސްޓްރޯންގް ގާލްއެއް... ކޮންމެކަމަކާ ވެސް ކުރިމަތިލާނެ" ލިޒީ މަޑުމަޑުން ބުނެލި އެވެ. ރަށަށް ދުވަސްކޮޅަކަށް އައިސް ހުންނަ ބީރައްޓެއްސަކަށް އައިރާގެ ގޮތެއް ނޭނގޭނެކަން ލިޒީއަށް ވިސްނުނެވެ. އެހެންވެ އޭނާގެ ހިތްބުނީ ނިޔާނުގެ ހިތުގައި އެވަނީ ވަގުތީ ހަމްދަރުދީއެއް ކަމެވެ. އަދި އައިރާގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތް އެނގެން ޝައުގުވެރިވަނީ ހިތާއި ސިކުނޑީގައި އުފެދިފައިވާ ވަގުތީ ސުވާލުތަކަށް ޖަވާބު ހޯދުމަށް ޓަކައި ކަމެވެ.

"ޕްލީޒް... ލިޒީ... އައިރާއަކީ ވަރަށް ތަފާތުކުއްޖެއްކަން އަހަންނަށް ފާހަގަވި... އޭނާ މީހުންނަކާ ވާހަކައެއް ނުދައްކާ... މީހުންނަށް ބަލާލަނީ ކޮންމެހެން ބަލަން ޖެހިގެން... ސިއްރުވެރި ގޮތެއް ހުންނަ ހެން ވެސް ހީވޭ... އެކަމަކު ރޭގައި އޭނާ ފެނުމުން އަހަންނަށް އިހުސާސް ކުރެވުނީ އޭނާގެ އުޅުން އެހާ ސިއްރުވެރިވާން ޖެހޭ ސަބަބެއް އޮތް ކަމުގައި..." ނިޔާނުގެ ވާހަކަ ކުއްލިއަކަށް މެދު ކަނޑާލީ ލިޒީއެވެ.

"އައިރާގެ ދިރިއުޅުމަށް ނިޔާނު ތިހާ ޝައުގުވެރިތިވަނީ ކީއްވެ؟ އައިރާގެ ހަޤީޤަތް އެނގިގެން ނިޔާނަށް އޭނާއަށް ކޮށްދެވޭނީ ކޮންކަމެއް؟ ތީ މިރަށަށް އަރާ ހުރި ދެ ދުވަހެއްގެ މެހެމާނެއް... މާލޭގެ ދިރިއުޅުމާ ރަށްފުށުގެ ދިރިއުޅުން އަދިވެސް ވަރަށް ތަފާތު... ދުނިޔެ ތަރައްޤީ ވިޔަސް މީހުންގެ ވިސްނުމެއް އަދިވެސް ތަރައްޤީއެއް ނުވޭ... ނިކަމެތިކަމާއި އަނިޔާވެރިކަމުގައި ހަނާވެގެން ދާއިރު ވެސް އެ މަންޒަރު ބަލަން ތިބެނީ ފިލްމެއްގެ މަންޒަރުހެން... އެހީތެރިވާން ހިތަށް ވެސް ނާރާ... އޭގެ ބަދަލުގައި ކޮންމެ މީހަކު ވެސް ބަލާނީ އިތުރަށް އެމީހަކު ނިކަމެތި ކޮށްލެވޭތޯ..." އިށީނދެގެން އިން ޖޯލިން ލިޒީ ތެދުވި އެވެ. އޭނާގެ ބަސްތަކުން ނިޔާނުގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ޚުދު އޭނާއަކަށް ނޭނގުނެވެ. ލިޒީ ދެއްކި ވާހަކަތައް ނިޔާނަށް ޤަބޫލު ކުރެވެއެވެ. އޭނާއަށް އެ ސުވާލުތަކަށް ދޭނޭ ޖަވާބެއް އެވަގުތަކު ނެތެވެ. އައިރާއާ މެދު އޭނާ ޝައުގުވެރި އެވަނީ ކީއްވެބާއޭ އަމިއްލަ ޒަމިރާ ނިޔާނު ސުވާލުކޮށްލި އެވެ. (ނުނިމޭ)